ފެބްރުއަރީ އަށްވަނަ ދުވަހު އެމްޑީޕީގެ ސަޕޯޓަރަކަށް ހަމަލާދީފައިވާތީ ފުލުހުންގެ ސްޓާފް ސާޖަންޓަކަށް އޭރު ހުރި އަލީ އަހުމަދުގެ މައްޗަށް ކޮށްފައިވާ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ދިރާސާ ކުރުމުގެ މަސައްކަތް ޕީޖީ އޮފީހުން ފަށައިފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަލީ އަހުމަދުގެ މައްސަލާގައި ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން އެއޮފީހަށް މިހާރު ލިބިފައިވާ ކަމަށާއި އެނިންމުން ދިރާސާ ކުރުމަށްފަހު އެނިންމުމާއި މެދު ގޮތެއް ނިންމާނެ ކަމަށެވެ.
ފެބްރުއަރީ އަށްވަނަ ދުވަހު އެމްޑީޕީގެ ސަޕޯޓަރެއްގެ ގައިގައި ފައިން ތަޅާ އަނިޔާކޮށްފައިވާތީ އަލީ އަހުމަދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ އެދުމުގެ މަތިންނެވެ.
ދައުލަތުން އަލީ އަހުމަދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރާ ގާނޫނުގެ ދަށުން ނެވެ. ނަމަވެސް މިމަހުގެ އެއްވަނަ ދުވަހު ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމުގައި ބުނެފައިވަނީ މީހުންގެ ގައިގައި ފައިން ތަޅާ މާރާމާރީ ހިންގުމުން ދައުވާ ކުރަން ޖެހޭނީ ގާނޫނުލް އުގޫބާތުގެ 126 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އެހެން ކަމުން ކުށަކާއި ގުޅޭ ގާނޫނެއް އޮއްވާ އެހެން ގާނޫނެއްގެ ދަށުން ދައުވާ ނުކުރެވޭނެ ކަމަށް ވެސް މިހުކުމުގައި ބުނެފައިވެއެވެ.
އަލީ އަހުމަދުގެ މައްޗަށް ދައުވާ ކުރުމުގެ އިތުރުން އޭނާ ވަޒީފާއިން ވަކި ކުރުމަށް ވެސް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ލަފާދީފައިވެއެވެ. ނަމަވެސް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވަނީ އޭނާ ހުރި ތަނުން ބަދަލު ކުރުމަށްފަހު ޝަރީއަތުން ނިންމާ ގޮތެއްްގެ މަތިން އޭނާ ވަޒީފާއިން ވަކިކުރުމަށެވެ.
ސްޓާފު ސާޖަންޓަކަށް އޭރު ހުރި އަލީ އަހުމަދަށްވަނީ ޕްރޯމޯޝަންދީ ސްޓޭޝަން އިނިސްޕެކްޓަރަކަށް ބަދަލުކޮށްފައެވެ.
އަލީ އަހުމަދުގެ މައްސަލަ ޕީޖީން ދިރާސާ ކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ