ޖެއްސުން ކުރަމުން ގޮސް ރިޔާސީ ބާރުތައް ވަނީ ފައިދަށުން ދަމައިގެންފައި: ރައީސް

ޖެއްސުން ކުރަމުން ގޮސް ރާއްޖޭގައި ރިޔާސާ ބާރުތައް ފައިދަށުން ދަމައިގެންފައިވާ ކަމަށާއި ރައީސުލް ޖުމްހޫރިއްޔާއަކަށް ހުންނަ ވެރިޔަކަށް އެއްވެސް ބާރެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނުގެ ރ. އަތޮޅު ދަތުރުފުޅުގައި ކިނޮޅޮހަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މިއަދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ނިޒާމު ރޭވިފައި އޮތް ގޮތުން، މިއަދު ރާއްޖޭގެ ވެރިއަކަށް ހުންނަ މީހާގެ އަތުގައި ހުރި ހުރިހާ ބާރުތައްވަނީ ކޮށައި ކުދިކުދިކޮށް ބަހާލާފައި ކަމަށެވެ.
"ރިޔާސީ ބާރުވަނީ ފައިދަށުން ދަމައިގަނެފައި. ފުރަތަމަ ރައީސް މައުމޫން، މި ރާއްޖޭގެ ރައީސް ކަމުގައި ހުންނެވިއިރު، އެމަނިކުފާނަށް ޖެއްސުން ކުރުމުގެ ގޮތުން، އޭރު އޮތް ރައްޔިތުންގެ މަޖިލީހުން ޤާނޫނުތައް ހެދި ހެދުމުގައި، އެބޭފުޅާގެ ބާރުތައް ކަނޑުވާލީ. 2008 ވަނަ އަހަރުގެ އާ ޤާނޫނުއަސާސީ ލިބުނު އިރުގައި، ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ވަނީ އަތުލައިގަނެވިފައި. ދެން ވަޑައިގެންނެވީ، ރައީސް ނަޝީދު. ރައީސް ނަޝީދަކަށް ނެތް ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތެއް" ރައީސް ވަހީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް ނަޝީދަށް ކަންތައް ދިމާވި ގޮތުން ރައްޔިތުންގެ މަޖިލީހުން ކަންތައް ކުރެއްވި ގޮތަކީ، ރައީސް ނަޝީދުގެ އަތްޕުޅުގައި އޮތް ހުރިހާ ބާރެއް ކަނޑުވާލީ ކަމަށާއި އެކި ބާވަތްބާވަތުގެ މުއައްސަސާތަކާއި މުސްތަޤިއްލު މުއައްސަސާތައް ހަދަމުން ގޮސް، އެ މުއައްސަސާތަކަށް އެކިއެކި ބާރުތައް ދޫކޮށް، އެމީހުން އަމިއްލައަށް އެމީހުންގެ މުސާރަތައް އަމިއްލައަށް ނިންމީ ފާސްކުރާޤާނޫނުތަކުން ދައުލަތުގެ ބަޖެޓަށް ކުރާނެ އެއްވެސް އަސަރެއް ނުބަލާ ކަމަށެވެ.
"މިއަދު ދައުލަތުގެ ބަޖެޓުން ޚަރަދު ކުރަންޖެހެނީ، އަޅުގަނޑުމެން ސުވާލުކޮށްލަން އެބަޖެހޭ، މިއީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަށްތޯ؟ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށްތޯ؟ މިއަދު ދިވެހިރާއްޖެއަށް އެބަ ލިބޭ، މީގެ ޒަމާނެއްކުރިން ވެސް ކުރިން ނުލިބޭހާ ގިނަ އާމްދަނީ. އެހެން ނަމަވެސް، މިއަދު އަޅުގަނޑުމެން އަތަކު ނެތޭ، މިރަށުގައި ޕްރީސްކޫލް އަޅާނެ ލާރިއެއް... މިހުރިހާ ލާރި ދޭގޮތަށް ހަމަޖައްސާފައި މިއޮތީ، އެކިއެކި މީސްމީހުންގެ ބޮޑެތި މުސާރަތަކަށް. އެކިއެކި މުއައްސަސާތަކަށް ބަހާލާފައި. ނޫނީވިއްޔާ، ކޮންމެވެސް ސަބްސިޑީއެއްގެ ތެރެއިން ބަޔަކަށް ދޭގޮތަށް ހަމަޖެހިފައި." ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެކަން ރަނގަޅު ކުރަން އުޅޭ މީހަކަށް، ވަރަށް ބޮޑަތި ދުއްތުރާލާ ދިމާވާ ކަމަށެވެ. އަދި ވިދާޅުވީ ދެން ކަންކަން ކުރެވޭނީ ދައުލަތް ހިންގަން މިވަގުތު އޮތް މުއައްސަސާތަކުން އެއްބަޔަކު އަނެއްބަޔަކާ އެކުވެރިވެގެން އެއްބާރުލައިގެން ކަމަށާއި ސިޔާސީ ފިކުރުގެ ތަފާތު ހުރެގެން، އެއްބަޔަކު އަނެއް ބަޔަކާ ވާހަކައެއް ނުދައްކައި ކޮންމެ ކަމެއް ހުށަހެޅުމުން ޖެއްސުންކޮށް ޚާއްޞަކޮށް، ރައްޔިތުންގެ މަޖިލީހުގެ ވަގުތުތައް ބޭކާރުކޮށްގެން އެކަންކަން ނުކުރެވޭނެ ކަމަށެވެ.
"އެކިއެކި ޒުވާބުތަކުގައި ހޭދަކުރަމުންދަނީ. ދެން އެވާހަކަ ދެއްކީމާ މިބުނަނީ، ރައީސުލްޖުމްހޫރިއްޔާ ތިމަންނަމެންގެ ކަންތަކާ ބެހެނީޔޭ. އަވަހަށް އޭނަ މަޤާމުން ވަކިކުރާށޭ. މިހާލުގައި އަޅުގަނޑުމެން މިއަދު މިތިބީ. ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރުމަށްޓަކައި ބަޔަކު މަސައްކަތްތަކެއް ކޮށްގެން މިއަދު މިތިބީ. ކީއްވެގެންތޯ؟ އެއް ކަމަކަށް އޮންނަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަސައްކަތް ކުރައްވާ ގޮތާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފާޑުކިއީއޭ. އެއްބަޔަކު ދެކޭގޮތުގައި، ދިވެހިރާއްޖޭގައި މިހާރު ވެރިއަކު ނުހުރޭ. ދިވެހިރާއްޖޭގައި ތިބެނީ އެއްވަރުގެ ވެރިން، އެތައް ބައިވަރު ވެރިންތަކެއް. އެހެންވީމާ، ހުރިހާ އެންމެން ދެން ދައުލަތް ހިންގާނެ ގޮތަކަށް ހިންގަންވީ. އެހެންވީމާ، އިސްކޮށް ހުންނަ މީހަކު ނުވާނެ އަނގައިން ބުނެގެނެއް. ބުނެފިއްޔާ ވަކިކޮށްލަންވީ އަވަހަށް. މިދަރަޖައިގައި ދިވެހިރާއްޖޭގެ ސިޔާސީ ޙާލަތު މިއަދު މިއޮތީ. އެހެންވީމާ، އެކަމާވެސް އެއްޗެއް ބުނާމީހާ މި ގޯސްވަނީ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެޢުމުރުން މިހާރު ގާތްގަނޑަކަށް 60 އަހަރުވާއިރު ވަރަށް ގިނަ ޤައުމުތަކުގައި އުޅުއްވިފައިވާ ކަމަށާއި ދުނިޔޭގެ އެންމެ ބޮޑަށް ތަރައްޤީވެފައިވާ ޤައުމުތަކާއި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި އެންމެ ބޮޑެތި ޑިމޮކްރަސީތަކާއި އެންމެ ޚުދުމުޚްތާރު ވެރިކަން ކުރި ޤައުމުތަކުގައިވެސް އުޅުއްވި ކަމަށާއި ނަމަވެސް ރާއްޖެއިން މިފެންނަ ކަހަލަ ކަންތައް ނުފެންނަ ކަމަށެވެ. އަދި ރާއްޖެއަށް ބަދަލު އައިސްފައި މިއޮތީ ވަރަށް ކުއްލި ގޮތަކަށް ކަމަށެގެ.
"ލޯކަލް ކައުންސިލްތަކަކީވެސް އޭގެ ކުޑަކުޑަ މިސާލެއް. އަޅުގަނޑުމެންގެ ތެރޭގައި ޒަމާނުއްސުރެ ރަށްރަށުގައި ވެރިކަން ކުރައްވަމުން ގެންދެވި ވެރިން، ކުއްލިއަކަށް އެކަހެރިކޮށްލާފައި، އަޅުގަނޑުމެން މި ހޮވީ އިންތިޚާބުކުރި ކައުންސިލަރުންތަކެއް. އެތައް ބައިވަރު ވެރިންތަކެއް އަނެއްކާވެސް. ކޮންމެ ރަށަކަށް ފަސް މީހުން، ހަތް މީހުން އިންތިޚާބުކޮށްގެން މި ނެގީ. އެބޭފުޅުން ކުރައްވަންވީ މަސައްކަތެއް ޙަވާލެއް ނުކުރޭ. ޓްރޭނިންގއެއް ނުދޭ. އާމްދަނީ ހޯދޭނެ ގޮތެއްނެތް... ލޯކަލް ކައުންސިލްތަކުގެ ބާރު ކެނޑުން ނޫން އެހެން ކަމެއްނުވި. މިއަދު ހުރިހާ ކައުންސިލްތައް އޮތީ ކުރިމަރުވެފައި" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުއްލިއަކަށް މިހާ ބޮޑެތި ބަދަލުތައް ރާއްޖެއަށް އައީ އެއްގޮތަކަށްވެސް އޭގެ ސަބަބުން ރައްޔިތުންނަށް ކުރާނެ އަސަރުތަކަކާ ދޭތެރޭގައި މާބޮޑު ފިކުރެއްނެތި ކަމަށާއި ރާއްޖެއަށް މުޅިން އާ ނިޒާމެއް ގެނެސް ލާއިރުގައި، ހިނގަމުން އައި މުއައްސަސާތަކާއި ދުސްތޫރީ ކަންތައްތައް ހުރި.އިރު އެކަންކަމުން ދައުލަތަށް، ރައްޔިތުންނަށް ފައިދާކުރާނެ ގޮތަށް ހުރި ކަންތައްތައްވެސް ހުރި ކަމަށެވެ.
"މީތި ރަނގަޅުވާނީ، އަޅުގަނޑުމެން އެންމެން އެކުވެގެން. ސިޔާސީ ޕާޓީތައް އުފެދިގެން، އެއްބަޔަކު ކުރާން ޤަޞްދުކުރާ ކަމަކަށް އަނެއް ބަޔަކު ޖެއްސުންކޮށް، އެބަޔަކާ ދިމާކޮށް، އެކަން ކޮށްގެން އަޅުގަނޑުމެންނަކަށް މިކަން ރަނގަޅެއް ނުވާނެ. އަޅުގަނޑުމެންނަށް އެކަންތައް ރަނގަޅު ކުރެވޭނީ، އަޅުގަނޑުމެން އެންމެން އެކީގައި މަސައްކަތް ކޮށްލައިގެން. ދުވަސްކޮޅެއް ވަންދެން އެކީގައި އުޅެގެން، މިކަންކަން ރަނގަޅު ކުރަން، ރައްޔިތުންނަށްޓަކައި މިކަން ކޮށްގެން. އެނޫން ގޮތަކަށް މިކަމެއް ނުވާނެ." ރައީސް ވިދާޅުވި އެވެ.
"މި ހުރިހާ ކަމެއްގެވެސް އަސަރު މިކުރަނީ ކާކަށްތޯ؟ ހަމަ ނިކަމެތި ރައްޔިތު މީހާއަށް. ހަމަ ރައްޔިތުންނަށް މިހުރިހާ ދެރައެއް މިލިބެނީ. މި ސްކޫލްތައް މަރާމާތު ނުކުރެވި، ބަނދަރުތައް މަރާމާތު ނުކުރެވި، ފަށާފައި ހުރި މަޝްރޫޢުތައް ކުރިއަށް ނުގޮސް ހުރީ ކީއްވެގެންތޯ. އެއީ އެއްބަޔަކު އަނެއް ބަޔަކަށް ޖެއްސުންކުރާތީ. މި ރާއްޖޭގައި ލާރި ނެތިގެނެއް ނޫން. ފައިސާ ނެތިގެނެއް ނޫން. ލިބޭ ފައިސާ ޚަރަދު ކުރަންވީ ގޮތަށް ނޫން ގޮތްގޮތަށް ޚަރަދު ކުރާތީ. ކުރަން އުޅޭ މަސައްކަތަށް އެކަކު އަނެކަކަށް ހުރަސްއަޅާތީ. ފިކުރީ ތަފާތުވުމަކީ، އެއްބަޔަކު އަނެއްބަޔަކާ އަރާރުންވެ، ޒުވާބުކޮށް ޖެއްސުންކޮށް ހަދަންޖެހޭ ކަމެއް ނޫން. އަޅުގަނޑުމެން ދަސްކުރަންވީ، އަޅުގަނޑުމެންގެ ފިކުރީ ތަފާތުތައް އެއީ، އަޅުގަނޑުމެންގެ އަމިއްލަ ކަމެއް ކަމުގައި ހަދައި، އޭގެ ބޭނުން އަޅުގަނޑުމެންގެ ޤައުމަށްޓަކައި ފައިދާހުރި ގޮތެއްގައި ކުރެވޭތޯ ބަލަން. އޭރުން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މިކަމުން އަރައިގަނެވޭނީ، ސަލާމަތްވެވޭނީ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ