ސިއްރުވޯޓު ނުނެގޭނެ ކަމަށް ސްޕްރީމް ކޯޓުން ހުކުމް ކޮށްފި

ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންގެ މަޖިލީހުގެ އެހެން މެމްބަރުންގެ މައްޗަށް ނަގާ ވޯޓުތައް ސިއްރު ކުރުމަށް މަޖިލީހުން ފާސް ކުރި ކުރުމަކީ ގާނޫނު އަސާސީއާއި ހިލާފު ނިންމުމެއް ކަމަށް ސްޕްރީމު ކޯޓުން ހުކުމްކޮށްފިއެވެ.
ސްޕްރީމު ކޯޓުން އެގޮތަށް ހުކުމްކޮށްފައިވަނީ އެކޯޓުގެ ހަ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މިމައްސަލާގައި ތަފާތު ރައުޔެއް ނެރުއްވާފައިވަނީ ހަމައެކަނި މުއުތަސިމު އަދުނާނެވެ.
ސްޕްރީމު ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ ވޯޓު ސިއްރު ކުރަން ނިންމި ނިންމުމަކީ ގާނޫނު އަސާސީގެ 85 ވަނަ މާއްދާގެ ހ ގެ ދެވަނަ ނަންބަރާއި ހިލާފު ނިންމުމެއް ކަމަށެވެ. އެހެން ކަމުން އެ އިސްލާހުތައް ބާތިލު ކަމަށް ސްޕްރީމު ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.
ކޯޓުގެ ހުކުމާއެކު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ނަގާ ވޯޓުތައް ސިއްރުކޮށްގެން ކުރިއަށް ނުގެންދެވޭނެއެވެ.
ސިއްރު ވޯޓު ނުނެގޭނެ ކަމަށް ކޯޓުން ހުކުމްކޮށްފައިވާ އިރު ރައީސް މުހައްމަދުޔ ވަހީދާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ހޯމް މިނިސްޓަރު މުހައްމަދު ޖަމީލުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް އެމްޑީޕީންވަނީ ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ