އަބްދުﷲ ގާޒީއާ މެދު ފިޔަވަޅު އަޅައިފިއްޔާ މިހާރުގެ މައްސަލަތަކަށް ހައްލު އަންނާނެ: އޭޖީ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ އެތައް މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އެބަހުރި ކަމަށާއި އެ މައްސަލަތައް ބަލައި ފިޔަވަޅު އަޅައިފި ނަމަ، މިހާރު އުފެދިފައިވާ މައްސަލަތަކަށް ހައްލު އަންނާނެ ކަމަށް ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. ސިފައިން، އަބްދުﷲ ގާޒީ ހައްޔަރުކުރި ފަހުން މީޑިއާ އަށް ދެއްވި ފުރަތަމަ އިންޓަވިއުގައި، އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ އާއި އެއަށް ފަހު އުފެދިފައިވާ ގާނޫނީ މައްސަލަތަކާ މެދު ބަންޑާރަ ނައިބު ވާހަކައެއް ނުދެއްކެވި އެވެ. އޭނާ ވާހަކަ ދެއްކެވީ ޖޭއެސްސީއާ ބެހޭ ގޮތުން އެކަންޏެވެ. މުއިއްޒު ވިދާޅުވީ ޖޭއެސްސީގައި ހުރި މައްސަލަތަކުގެ ތެރެއިން އަބްދުﷲ ގާޒީއާ ދޭތެރޭ ފިޔަވަޅު އެޅޭނެ މައްސަލަތައް އެބަހުރި ކަމަށެވެ. ނަމަވެސް ކޮމިޝަނުން އެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް އެކަށީގެންވާ ގޮތުގައި މަސައްކަތް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. "ޖޭއެސްސީގެ އިއްޔެގެ ބައްދަލުވުމަށް ވެސް އަބްދުﷲ ގާޒީގެ ބައެއް މައްސަލަ އެޖެންޑާކޮށްފައި ހުރި. އިއްޔެގެ މެންދުރު ފެށި ޖަލްސާ ރޭ 45: 11 ހާއިރު ނިމުނު އިރު ވެސް އެ މައްސަލައިގައި ވޯޓަށް ނޭއްސެވި،" މުއިއްޒު ވިދާޅުވި އެވެ. "ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގައި ފިޔަވަޅު އެޅުމުގެ ދުސްތޫރީ ބާރު އޮންނަ މުއައްސަސާ [ޖޭއެސްސީ] ރަނގަޅަށް ހަރަކާތްތެރިވާންޖެހޭ." ދިޓީވީގައި އަބްދުﷲ ގާޒީ ދެއްކެވި ވާހަކައަކާ ގުޅިގެން އޭނާގެ ސުލޫކީ މައްސަލަ ހުރިކަމަށް ޖޭއެސްސީން ވަނީ ނިންމައިފަ އެވެ. ނަމަވެސް އެކަމާ ދެކޮޅަށް އަބްދުﷲ ގާޒީ ކޯޓުގައި ދައުވާކުރެއްވުމުން، ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން އޭނާއާ މެދު ފިޔަވަޅު ނޭޅުމަށް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ކޮމިޝަނުން ބެލި ސުލޫކީ މައްސަލައާ ގުޅިގެން ފިޔަވަޅު ނޭޅުމަށް ކޯޓުން އަމުކުރުކޮށްފައި އޮތުމުން މިހާރު އެންމެ މުހިންމު ކަމަކީ ދެން ހުރި މައްސަލަތައް ކޮމިޝަނުން އަވަސްކުރުން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ސިފައިން، އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ފަހު މިހާރު އުފެދިފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި ޖޭއެސްސީގައި ހުރި އަބްދުﷲ ގާޒީގެ މައްސަލަތައް ބެލުމަށް ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ވަނީ ގޮވާލައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ