ފަނޑިޔާރުން އައްޔަންކުރުމުގެ މައްސަލަ ދަށު ކޯޓުގައި ނުބެލުމަށް ހައި ކޯޓުން އަމުރުކޮށްފި

ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމުގެ މައްސަލަ ބެލޭނެ ކަމަށް ސިވިލް ކޯޓުން ނެރެފައިވާ އަމުރު ބާތިލްކޮށް އެ މައްސަލަ ސިވިލް ކޯޓުގައި ނުބެލުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ސުޕީރިއާ ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލައިގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ ދެކޮޅަށް ސިވިލް ކޯޓަށް ދައުވާ ހުށަހަޅުއްވާފައި ވަނީ 10 ވަކީލެކެވެ. އެ މައްސަލަ ބެލޭނެ ކަމަށް ސިވިލް ކޯޓުން ނިންމުމުން ހައި ކޯޓުގައި ސިވިލް ކޯޓުގެ އަމުރު އިސްތިއުނާފްކޮށްފައި ވަނީ ޖޭއެސްސީގެ ފަރާތުންނެވެ. އެ މައްސަލައިގައި ހުކުމް އިއްވަވަމުން އިސް ފަނޑިޔާރު އަހުމަދު ޝަރީފް ވިދާޅުވީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެޅީ ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ހަދާފައިވާ ގަވާއިދާއި އެކަމަށް ގެންގުޅޭ އުސޫލުތައް ގާނޫނު އަސާސީ އާއި ކޯޓުތަކާ ބެހޭ ގާނޫނާ ހިލާފް ކަމަށް ބުނެ ކަމަށެވެ. އަދި އެ ގަވާއިދާއި އުސޫލުގައި ހުރި ގާނޫނު އަސާސީ އާއި ކޯޓުތަކާ ބެހޭ ގާނޫނާ ފުށުއަރާ މާއްދާތައް ބާތިލްކުރުމަށް ވެސް އެ މައްސަލައިގައި އެދިފައިވާ ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ. އިސް ފަނޑިޔާރު ވިދާޅުވީ ގާނޫނެއް ނުވަތަ ގަވާއިދެއް ވިޔަސް ގާނޫނު އަސާސީ އާއި ނުވަތަ ގާނޫނާ ހިލާފްވާ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވަނީ ސުޕްރީމް ކޯޓާއި ހައި ކޯޓަށް ކަމަށް ގާނޫނު އަސާސީ އާއި ކޯޓުތަކާ ބެހޭ ގާނޫނުން އެނގޭ ކަމަށެވެ. އެހެންކަމުން ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލަ ބެލޭނެ ކަމަށް ބުނެ ސިވިލް ކޯޓުން ނެރެފައިވާ އަމުރު ބާތިލްކޮށް، އެ މައްސަލަ ސިވިލް ކޯޓުގައި ނުބެލުމަށް އެ ކޯޓަށް އަންގަވާ ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ. އެ މައްސަލައިގައި ހުކުމް އިއްވެވުމުގެ ކުރިން އިސް ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުންގެ މައްސަލައިގައި ދައުވާކުރާ ހުރިހާ ފަރާތްތަކަކީ ފަނޑިޔާރު ކަމަށް ކުރިމަތިލާފައިވާ މީހުން ނޫން ކަމަށެވެ. އަދި ދައުވާގައި އެދިފައި ވަނީ ފަނޑިޔާރުން އައްޔަން ކުރުމަށް ހަދާފައިވާ ގަވާއިދާއި މާކްސް ދިނުމުގައި ބަލާނެ އުސޫލުގައި ހިމެނޭ ގާނޫނު އަސާސީ އާއި ކޯޓުތަކާ ބެހޭ ގާނޫނާ ތައާރަޒްވާ މާއްދާތައް ބާތިލްކުރުމަށް ކަމަށް ވާއިރު އެއީ ދުސްތޫރީ މައްސަލައެއް ކަމަށް ސާފުކޮށް އެނގޭ ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ. އިސް ފަނޑިޔާރު ވިދާޅުވީ ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ޖޭއެސްސީން އެކުލަވާލާފައިވާ ގަވާއިދަކީ ގާނޫނު އަސާސީގެ 52 ވަނަ މާއްދާ އާއި ޖޭއެސްސީ ގާނޫނުގެ 21 ވަނަ މާއްދާއިން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެއް ކަމަށެވެ. ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ވިޔަސް ގާނޫނު އަސާސީއާ ހިލާފްވޭތޯ ބަލައި އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ސުޕްރީމް ކޯޓާއި ހައި ކޯޓަށް ކަމަށް ގާނޫނު އަސާސީގެ 143 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ދުސްތޫރީ މައްސަލަތައް ބެލުމުގައި ކޮންމެ ކޯޓަކަށް ވެސް އެ ކޯޓުގެ އިހްތިސާސްގެ ތެރެއިންވާ ކަންކަން ބެލުމުގެ ބާރު ލިބިގެންވާ ކަމަށް ގާނޫނު އަސާސީގެ 144 ވަނަ މާއްދާގައި ބުނެފައިވާ ކަމަށް ވެސް އިސް ފަނޑިޔާރު ވިދާޅުވި އެވެ. ގާނޫނު އަސާސީގެ 143 ވަނަ މާއްދާގެ ހ. އަށް ބެލުމުން ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ވިޔަސް ބާތިލް ކުރުމުގެ މައްސަލަތައް ބެލޭނީ ސުޕްރީމް ކޯޓާއި ހައި ކޯޓަށްކަން އެނގޭ ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ކޮންމެ ކޯޓަކަށް ވެސް އެ ކޯޓުގެ އިހްތިސާސްގެ ތެރޭގައި ދުސްތޫރީ މައްސަލަ ބެލޭނެ ކަމަށް ގާނޫނު އަސާސީގެ 144 ވަނަ މާއްދާގައި ބުނެފައި އޮތުމުން، އެ ކޯޓަކަށް ބެލޭނީ އެ ކޯޓެއްގެ އިހްތިސާސްގެ ތެރޭގައިވާ ދުސްތޫރީ މައްސަލަތައް އެކަނި ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ. އިސް ފަނޑިޔާރުގެ އިތުރުން އެ މައްސަލަ ހައި ކޯޓުގައި ބައްލަވާފައި ވަނީ ފަނޑިޔާރު ޔޫސުފް ހުސެއިންނާއި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އެވެ. އެ މައްސަލައިގައި ދައުވާ ކުރާ ފަރާތްތަކުގެ ފަރާތުން ވަކާލާތު ކުރައްވާފައި ވަނީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދެވެ. ޖޭއެސްސީގެ ފަރާތުން ވަކާލާތު ކުރެއްވީ މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ