އަދީބުގެ އެންގެވުމަށް ޔާމީނާ އެއް މިލިއަން ރުފިޔާ ހަވާލުކުރިން، ވިޔަފާރިވެރިންގެ ފައިސާ ވެސް އުފުލަން: އޮއިއްޓޭ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެންގެވުމަކަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެއް މިލިއަން ރުފިޔާ ހަވާލުކުރި ކަމަށާއި، ވިޔަފާރިވެރިން ދޭ ފައިސާ ވެސް އޭނާ އުފުލާ ކަމަށް، އަދީބުގެ ކުރީގެ ޕާސަނަލް ޑްރައިވަރު މުހައްމަދު ހުސައިން (އޮއިއްޓޭ) މިއަދު ބުނެފިއެވެ.
ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި އޮއިއްޓޭ ކްރިމިނަލް ކޯޓަށް އޮންލައިންކޮށް ހާޒިރުކޮށްފައިވަނީ ދައުލަތުން ހުށަހަޅާފައިވާ ހެއްކެއްގެ ގޮތުގައެވެ. އެ މައްސަލައިގެ ޔާމީންގެ މައްޗަށް މަނީ ލޯންޑާކުރުމާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ، އަދި ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ވަނީ އުފުލައިފައެވެ.
މިވަގުތު އިނގިރޭސިވިލާތުގެ ލަންޑަންގައި ދިރިއުޅެމުންދާ އޮއިއްޓެގެ ހެކިބަސް ކޯޓުން ނަގާފައިވަނީ ޔާމީންގެ ވަކީލުން އެކަމަށް އިއުތިރާޒް ކުރަމުން ދަނިކޮށެވެ. ޔާމީންގެ ވަކީލުންގެ ފަރާތުން އެމަނިކުފާނުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވި ގޮތުގައި، އޮއިއްޓެ އަށް ރާއްޖެ އައުމަށް އެއްވެސް ހުރަހެއް ނެތްއިރު، އޭނާ ކުރިމަތީ ބަހައްޓައިގެން ކުރެވޭ ސުވާލުތަކުގެ އިތުރުން، ލިޔެކިއުން ބަދަލުކޮށްގެން ސުވާލުކުރުމުގެ ފުރުސަތު އެ ހާލަތުގައި ލިބިގެނެއް ނުވެއެވެ.
ނަމަވެސް، ދައުލަތުން ބުނި ގޮތުގައި އޮއިއްޓެ ދިރިއުޅެނީ ރާއްޖޭން ބޭރުގެ ރަށްވެއްސެއްގެ ގޮތުގައެވެ. އަދި އޭނާ އަނބުރާ އަންނަން ބޭނުމެއް ނުވެއެވެ.
އެއަށްފަހު، ޔާމީންގެ ވަކީލުން ވިދާޅުވީ، އޮއިއްޓޭގެ ހެކިބަސް މި މައްސަލައާ ނުގުޅޭ ކަމަށެވެ. ސަބަބަކީ، އާރަށުގެ މައްސަލައިގައި ހިމެނެނީ ޔާމީންގެ އެކައުންޓަށް ވަތް އެއް މިލިއަން ޑޮލަރަށް ވެފައި، ސުވާލު ކުރެވެނީ އެމަނިކުފާނާ ނަގުދު ފައިސާ ހަވާލުކުރި މައްސަލައެއްގައި ވާތީ ކަމަށެވެ.
އާރަށުގެ މައްސަލައިގައި ހެކިބަސް ދެމުން އޮއިއްޓެ ބުނި ގޮތުގައި:
ޔާމީންގެ އިތުރުން، ވިޔަފާރިވެރިން ދޭ ފައިސާ އުފުލާ ކަމަށް ވެސް އޮއިއްޓެ ބުންޏެވެ. އޭނާ ބުނީ އަދީބަކީ އާންމުކޮށް ގިނައިން ފައިސާ ގެންގުޅޭ މީހެއް ކަމަށާއި، އެ ފައިސާއިން ސިޔާސީވެރިންނަށާއި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އަދީބު އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
މިއަދުގެ އަޑުއެހުމަށް އައުމުގެ ކުރިން އެއްވެސް މީހަކު ވަކިގޮތަކަށް ހެކިބަސް ދިނުމަށް އޮއިއްޓޭގެ ކިބައިން އެދިފައިވޭތޯ ޔާމީންގެ ފަރާތުން ސުވާލުކުރުމުން ޖަވާބުގައި އޭނާ ބުނީ، އެއްވެސް މީހަކު އޭނާ އަށް މަޖުބޫރުކޮށްފައި ނުވާ ކަމަށެވެ. މިހާރު ވެސް އޭނާ އަށް ބަޔަކު އިންޒާރުދެމުން ދާ ކަމަށް އޭނާ ބުންޏެވެ.
އެ މައްސަލައިގައި ދެން ދައުވާކުރާ ޔޫސުފް ނައީމަށް ފުރުސަތު ދިނުމުން އެއްވެސް ސުވާލެއް ނެތް ކަމަށް އޭނާގެ ފަރާތުން ބުންޏެވެ.
އެ މައްސަލައިގައި ދެން ހެކިބަސް ނެގުމުގެ އަޑުއެހުމެއް އޮންނާނީ އަންނަ އަންނަ އަންގާރަ ދުވަހުގެ ހެނދުނު 9:30 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ