މަހުލޫފަށް ކުރި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފި
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާގެ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިިފި އެވެ.ކޯޓުން މި މައްސަލަ މިއަދު ބޭރުކޮށްލީ އެކަށީގެންވާ މިންވަރަށް ހެކި ނެތުމުން މަދަނީ މިންގަނޑުން މި މައްސަލަ ކުރިއަށް ނެގެންދެވޭނެ ކަމަށް ނިންމުމަށް ފަހު އެވެ. ގާޒީ މިސްބާހް ވިދާޅުވީ އެ މައްސަލައަކީ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ނުގެންދެވޭނޭ މައްސަލައެއް ކަމުގައި ކަނޑައެޅީ، މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައި ހުރި ހެކިތަކަކީ އެ ހެކިތައް ދޭންޖެހޭ އެންމެ މަތީ ބުރަދަން ދިން ނަމަވެސް އެ ހެކިތަކުގެ ސަބަބުން މައްސަލަ ސާބިތުކުރެވިދާނޭފަދަ ހެކިތަކަކަށް ނުވާތީއެވެ. އެގޮތައް ނިންމީ މީގެ ކުރިން ހައިކޯޓުން ނިންމާފައިވާ ނިންމުމަކަށް ރިއާޔަތްކުރައްވާ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.މަހްލޫފްގެ މައްޗަށް އުފުލުނު ދައުވާ އަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ވަޒީރަކު، މަގާމުގައި ހުންނަވަނިކޮށް އުފުލުނު ފުރަތަނަ ދައުވާ އެވެ.އޭނާގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ދައުލަތުން ކުރީ، މަހުލޫފް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު، ޕީޕީއެމްގެ ވެރިކަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯން(އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމުގެ މުގާބިލްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު (ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ) ނެންގެވި ކަމަށް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ