ސަރުކާރު ކުންފުނިތަކުގެ ފްލެޓުތަކަށް ސެޕްޓެމްބަރު މަހު ކަރަންޓު ދެވޭނެ: އެޗްޑީސީ

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރަތްކުރަމުންދާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފްލެޓުތަކަށް އަންނަ ސެޕްޓެމްބަރު ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީއިން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކް އެޅުމުގެ މަޝްރޫއު ކުރިއަށް ދަނީ ބްރައުންސް-ސީއެމްއީސީ ކުންފުންޏާ ހަވާލުކޮށްގެން ސްޓެލްކޯގެ އެއްބާރުލުމާއެކުގައި ކަމަށެވެ. އެ މަޝްރޫއުގައި ސްޓެލްކޯގެ މަސްއޫލިއްޔަތަކީ އެ ކޯޕަރޭޝަނާއެކު ވެފައިވާ އެއްބަސްވުމުގައި ވާ ގޮތަށް އެ މަޝްރޫއުގެ ޑިޒައިންތައް ބަލާ ފާސްކޮށް، ޓެކްނިކަލް ކޮންސަލްޓެންސީ ދިނުން ކަމަށް ފާހަގަކޮށް އެޗްޑީސީއިން ބުނީ އެ މަޝްރޫއުގެ މި ވަގުތު ކުރިއަށް ދަނީ ޑިޒައިންތައް ބަލާ ފާސްކުރުމާއި އަދި މައި ސަބްސްޓޭޝަންގެ އަމަލީ މަސައްކަތް ކަމަށެވެ.
ދެ ވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށުމާއެކު ވަގުތީގޮތުން ކަރަންޓު ފޯރުކޮށްދޭން ސްޓެލްކޯއާއެކު މަޝްވަރާތައް ކުރެވިފައިވާ ކަމަށް އެޗްޑީސީއިން ބުނެއެވެ. އަދި ދެ ވަނަ ފިޔަވަހީގައި ހުރި އަމިއްލަ ފަރާތްތަކުގެ އިމާރާތްތަކަށް ސްޓެލްކޯ އާއި އެ ފަރާތްތަކާއި މެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ވަގުތީ ގޮތުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެޗްޑީސީއިން އިތުރަށް ބުނީ އެ މަސްރޫއުގެ ހުރި ދަތިތަކާއި ހެދި އަމަލީ މަސައްކަތްތައް ލަސްވެފައި ވީ ނަމަވެސް ސަރުކާރު ކުންފުނިތަކުން އަޅަމުންދާ ފްލެޓުތަކަށް ސެޕްޓެމްބަރު މަހު ކަރަންޓުގެ ހިދުމަތް ދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ