ދުވާލަކު 10 ފަހަރު ކަރަންޓު ކެނޑޭ ދުވާފަރު، ރޭ ކަނު އަނދިރީގައި 11 ގަޑިއިރު
ރަމަޟާން މަސް ފެށުނީއްސުރެ ކޮންމެ ދުވަހަކު 10 ވަރަކަށް ފަހަރު ރ. ދުވާފަރުން ކަރަންޓު ކެނޑެމުންދާ ކަމަށާއި ރޭ އެ ރަށުން ކަރަންޓު ކެނޑުމަށް ފަހު ޚިދުމަތް ލިބުނީ 11 ގަޑި އިރު ފަހުން ކަމަށް ދުވާފަރު ކައުންސިލުން ބުނެފިއެވެ. ދުވާފަރު ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަޙްމަދު "ސަން"އަށް ވިދާޅުވީ ރޭ އެ ރަށުން ކަރަންޓު ކެނޑުނީ 11 ޖެހި ފަހުން ކަމަށެވެ. އަދި ކަރަންޓު އަލުން ލިބިފައި ވަނީ މިއަދު ހެނދުނު 9:45ގެ ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ. އިޒްމީލް އިތުރަށް ވިދާޅުވީ ރަމަޟާން މަހު ކަރަންޓު ކެނޑުމަކީ ރައްޔިތުންނަށް ވަރަށް ގިނަ އުނދަގޫތަކެއް ކުރިމަތިވާ ކަމެއް ކަމަށެވެ. "ހަގީގަތުގައި ރައްޔިތުންނަށް ވަރަށް އުނގަދުވާނެ ދެއްތޯ. މި ރަމަޟާންމަހަށް ވެފަ އަނެއްކާ މުޅި ރޭގަނޑު ކަނުއަނދިރީގަ. ރައްޔިތުންގެ ވަރަށް ގިނަ ހިތްހަމަނުޖެހުންތައްވެސް އައި. ކައުންސިލް އިދާރާ ދޮރުމައްޗަށް އެއްވެ އެބޭފުޅުންގެ ހިތްހަމަނުޖެހުންތަކާ ޝުޢޫރުތައް ފާޅުކުރަމުން ދިޔަ،" އިޒްމީލް ވިދާޅުވިއެވެ. ކަރަންޓު ދިއުމުގެެ ސަބަބުން ބައެއް އިލެކްޓްރޯނިކް ތަކެއްޗަށް ގެއްލުން ލިބިފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ވެސް އިޒްމީލް ވިދާޅުވިއެވެ. އިޒްމީލް ވިދާޅުވީ އެ ރަށުން ކަރަންޓު ދިޔައީ ކޭބަލްގެ މައްސަލައަކާ ގުޅިގެން ކަމަށް އެމްޑަބްލިއުއެސްސީން ބުނެފައިވާ ކަމަށެވެ. އަދި އެ ކުންފުނިން ދިޔައީ ރައްޔިތުންނަށް މައުލޫމާތުތައް ހިއްސާކޮށްދެމުންކަމަށާއި ރޭ އެއްވެސް ގެއަަކަށް ކަރަންޓުގެ ޚިދުމަތް ލިބޭވަރު ނުވާނެކަން އެމްޑަބްލިއުއެސްސީން ކުރިން އެންގި ކަމަށް އިޒްމީލް ވިދާޅުވިއެވެ. މާލެއިން ދުވާފަރަށް އެމްޑަބްލިއުއެސްސީގެ ޓީމެއް ގޮސް މިވަގުތަށް ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދައިދީފައިވާކަން އިޒްމީލް ފާހަގަކުރެއްވިއެވެ. އެމްޑަބްލިއުއެސްސީން ވެސް ވަނީ ދުވާފަރުގެ މައި ޑިސްޓްރިބިއުޝަން ނެޓްވޯކުގެ ކޭބަލްތަކަށް ދިމާވި މައްސަލަ ހައްލުކޮށް، އެ ރަށުގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ފޯރުކޮށްދީފައިވާ ކަމަށް މިއަދު ބުނެފައެވެ. އާބާދީގައި 5000އަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ ދުވާފަރުގައި ކޮންމެ ރަމަޟާން މަހެއްގައިވެސް ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާކަން އެ ރަށު ކައުންސިލުން ފާހަގަކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ