ގައުމު އޮތް ހާލަތާއި އެމަނިކުފާނަށާއި އާއިލާއަށް ކުރިމަތިވެފައިވާ ހާލަތާމެދު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދެރަފުޅުވާ ކަމަށާއި ނަމަވެސް އެމަނިކުފާނުގެ ހިތްވަރަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ވިދާޅުވެއްޖެ އެވެ. ރައީސް މައުމޫން ޝަރީއަތް ނިމެންދެން ބަންދުކުރުމަކީ އެކަމަނާއަށް ވެސް ފުން ހިތާމައެއް ކުރިމަތިވި ކަމެއް ކަމަށް ވިދާޅުވި އެވެ.
ކުރީގެ ފަސްޓްލޭޑީ ނަސްރީނާ މިރޭ ސަންގްޓީވީ މެދުވެރިކޮށް ދެއްވި މެސެޖެއްގައި ވިދާޅުވީ "މައުމޫން ދެރަފުޅުވުމަކީ އެމަނިކުފާނުގެ ހިތްވަރު ދިޔުމެއް ނޫން" ކަމަށެވެ. އަދިވެސް ހުންނެވީ ކުރިން ހުންނެވި ގޮތުގައި އެ ހިތްވަރާއެކު ކަމަށް ވިދާޅުވި އެވެ.
"ހަމަ އިސްލާހީ މަސައްކަތްޕުޅު ކުރިއަށް ގެންދަވާނެ، އެ މަސައްކަތްޕުޅު މި ކުރެއްވީ ގާނޫނާއި ގަވައިދާ ހިލާފަކަށް ނޫން، ހަމަ އެންމެން ކައިރީގަ ވެސް ވިދާޅުވެގެން ހެޔޮ ގޮތުގަ ރަނގަޅަށް އެ ކުރެއްވީ، އެހެންވީމަ އެކަމައިގެން ހަމަ ކުރިއަށް ވަޑައިގަންނަވާނެ،" ނަސްރީނާ ވިދާޅުވި އެވެ.
ނަސްރީނާ ވިދާޅުވީ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެސް ހުންނެވީ ހަމަ އެގޮތުގައި ކަމަށެވެ. އެގޮތުގައި ކިތަންމެ ބަޔަކު ތިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ގައުމަކީ ވަރަށް ރީތި ގޮތުގައި ކުރިއަށް ދެވޭނެ ތަރައްގީ ކުރެވޭނެ ރަނގަޅު ބަޔަކު އުޅޭނެ ތަނަކަށް ހެދޭނެ ތަނެއް، އެ މަގުސަދުގަ ފާރިސް މަސައްކަތް ފެއްޓީ، އޭނާ ފުރަތަމަ އުޅުނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިސްލާހެއް ގެނެވޭތޯ، ވަރަށް ގިނަ ބޭފުޅުން އެބަ ތިއްބެވި ދެއްތޯ މިގޮތުގަ މަސައްކަތް ކުރައްވަން،" ނަސްރީނާ ވިދާޅުވި އެވެ.
ނަސްރީނާ ވިދާޅުވީ، އެންމެން ވެގެން ވެސް މަސައްކަތް ކުރަމުން ދަނީ އެއް މިސްރާބަކަށް ކަމަށާއި ވަރަށް އަވަހަށް ނަސްރު ލިބޭނެކަން އެއީ އެންމެންނަށް ވެސް އެނގޭ ކަމެއް ކަމަށެވެ.
"އެހެންވީމަ މައުމޫން ހުންނެވީ ވަރަށް ސީދާކަން މަތީ ވަރަށް ހިތްވަރުފުޅާއެކު ކުރިއަށް ވަޑައިގަންނަވާށޭ، އެއް ފަހަރު ވިދާޅުވި ގިނިކަންޏާ ވެސް ގެންދަވާނަމޭ އެ ހިސާބަށް، މިހާރު އެބަ ފެނޭ މުޅި ގައުމު ދަނީ އެގޮތަށްކަން، އެހާ ބައިވަރު ބަޔަކު އެބަ ދޭ އިސްލާހަށް އެދޭ، މިއީ އެންމެންގެ ވެސް ގައުމު ދެއްތޯ، އެންމެން ވެސް ބޭނުންވަނީ މި ގައުމު ސާދާކޮށް ރީތިކޮށް އޮވެގެން އަޅުގަނޑުމެންގެ މާމަ ދަރިންނާ ހަމައަށް ވާސިލުކުރަން،" ނަސްރީނާ ވިދާޅުވި އެވެ.
ނަސްރީނާގެ ކުރު މެސެޖް ނިންމާލައްވަމުން ވިދާޅުވީ "މައުމޫންއަކީ ގައުމު ދެކެ ވަރަށް ލޯބިފުޅުވާ ބޭފުޅެއް" ކަމަށެވެ.
މިފަދަ ގޮތަކަށް މީޑިއާ ނަސްރީނާ ވާހަކަ ދެއްކެވި މިއީ ދެވަނަ ފަހަރެވެ. މީގެކުރިން ރައީސް މައުމޫން ކުރިމިނަލް ކޯޓަށް އެންމެ ފުރަތަމަ ހާޒިރުކުރި ދުވަހު މީޑިއާއާ ނަސްރީނާ ވާހަކަފުޅު ދައްކަވައި މެސެޖެއް ދެއްވި އެވެ. ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) ގެ ފައުންޑާ ނަސްރީނާ އިބްރާހިމް ސިޔާސީ ކަންކަމާ ގުޅޭ ގޮތުން އާންމުންގެ ތެރެއަށް ނުކުމެ ވަޑައިގެން ވާހަކަފުޅު ދައްކަވާ ބޭފުޅެއް ނޫނެވެ. އެހެން ނަމަވެސް އެކަމަނާއަކީ މިސްރުގައި ކިޔަވާ ވިދާޅުވި އިރު އެކަމަނާގެ ހިޔާލުފުޅުތައް ކޮލަމެއްގެ ޒަރީއާއިން ފާޅު ކުރެއްވި ކޮލަމިސްޓެކެވެ.
ފިރިކަލުން، ރައީސް މައުމޫނާއި ދަރިކަލުން ފާރިސް މައުމޫންގެ އިތުރުން ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ ތިން ބޭފުޅުންގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. ޝަރީއަތް ނިމެންދެން ތިން ބޭފުޅުން ވެސް ވަނީ ބަންދުކޮށްފަ އެވެ. ނަސްރީނާ ފާޅުގައި ވާހަކަފުޅު ދައްކަވަން ފައްޓަވާފައިވާއިރު ހަގު ދަރިކަލުން ގައްސާން މައުމޫން އަދިވެސް ހުންނެވީ ސަރުކާރުގަ އެވެ.
ހާލަތާމެދު މައުމޫން ދެރަވޭ، އެކަމަކު އަޒުމަށް ބަދަލެއް ނާދޭ: ނަސްރީނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ