އިންތިހާބުގެ ކުރިން އިލެކްޝަންސްގައި ހުރި މައްސަލަތައް ހައްލުކުރެވޭނެ ކަމަށް ގަބޫލުކުރަން: މައުމޫން

ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ބާއްވަން ތައްޔާރުވަމުން އަންނަ ރިޔާސީ އިންތިހާބުގެ ކުރިން އިލެކްޝަންސް ކޮމިޝަންގައި ހުރި މައްސަލަތައް ހައްލުކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިރޭ ޕީޕީއެމް އިން ގއ. އަތޮޅަށް ފެށި ކެމްޕެއިން ދަތުރުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގައި މައްސަލަތަކެއް އެބަހުރި ކަމަށާއި އެ މައްސަލަތައް ކުރިއަށް ހުރި ދުވަސްތަކުގެ ތެރޭގައި އަދި އިންތިހާބުގެ ކުރިން ހައްލުކުރެއްވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އިލެކްޝަންްސް ކޮމިޝަނަކީ ޒިންމާދާރު ގޮތެއްގައި ދެފުށް ފެންނަ ގޮތަށް މަސައްކަތް ކުރަން ޖެހޭ މިނިވަން މުއައްސަސާއެއް. އެތާނގެ މަސައްކަތްތައް މިއަދު ހުރި ގޮތުން އަޅުގަނޑުމެން އެކަންޏެއް ނޫން އެހެން ޕާޓީތަކުން ވެސް ހިތްހަމަނުޖެހޭ ކަންތައްތަކެއް އެބަހުރި. މިއިންތިހާބަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އަދި ފުރިހަމައަށް ކުރެވިފައިވާ ކަމަށް ގަބޫލެއް ނުކުރަން،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ މުޅި ގައުމުގެ މަސްލަހަތު އޮތީ ކުރިއަށް މިއޮތް 16 ދުވަހުގެ ތެރޭގައި އެ މައްސަލަތައް ހައްލުކޮށް، އިލެކްޝަންސް ކޮމިޝަނުން މިނިވަންކަމާ އެކު މަސައްކަތް ކުރަން ފެށުމުން ކަމަށެވެ.
"މުޅި ގައުމުގެ މަސްލަހަތު އޮތީ، މިއިންތިހާބަކީ އަދުލުވެރި ނަތީޖާ ރަނގަޅަށް ނެރޭ އިންތިހާބަކަށް ވުމުގައި. ދެއްތޯ؟ އެހެންވީމަ އަޅުގަނޑުމެން ބޭނުން ވަނީ އިލެކްޝަންސް ކޮމިޝަނުން އެބޭފުޅުންގެ ޒިންމާ އަދާކޮށް، ރައްޔިތުންނަށް އިތުބާރުކުރެވޭ ގޮތަކަށް އެބޭފުޅުން މަސައްކަތް ފެނިގެން ދިއުން،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ޕީޕީއެމް އިން އޮތީ އިލެކްޝަންސް ކޮމިޝަނާ އެކު އެއްބާރުލައިގެން މަސައްކަތް ކުރަން ކަމަށާއި ގުޅިގެން މިމައްސަލަތައް ހައްލުކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ