މަސީހު ވަނީ ގާނޫނީ ތަރަހައިން ބޭރުގައި މަސައްކަތްކޮށްފައި: މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ބާރުތައް އެމަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މުހައްމަދު ބޭނުންކުރައްވަނީ ގާނޫނީ ތަރަހައިން ބޭރުގައިކަމަށް ކުރީގެ ރަައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވާތީ އެކަމަށް ވަރަށް ބޮޑަށް ތާއީދު ކުރާކަން ހާމަކޮށް މީގެ ކުޑައިރުކޮޅެއް ކުރިން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
މައުމޫންގެ ބަޔާނުގައި ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއިން ދިވެހި ދައުލަތް އެކަށައަޅާފައިވަނީ ތިންބާރު ވަކިކުރެވިފައިވާ ނިޒާމެއްގެ މައްޗަށްކަމަށާއި، ގާނޫނުއަސާސީގައި ކަނޑައެޅިފައިވާ އަސާސްތަކުގެ މަތީން ސަރުކާރު ހިންގުމުގެ ނިޒާމް ކަށަވަރުކުރުމަށާއި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް އެކަށައަޅަންޖެހޭ އެންމެހާ ގާނޫނުތައް ހެދުމުގެ ޒިންމާ ގާނޫނުއަސާސީގެ 70 ވަނަ މާއްދާއިން ވަނީ ރައްޔިތުންގެ މަޖިލީހާއި މަތިކޮށްފައިކަމަށެއވެ.
މި ވާޖިބުތައް ރައްޔިތުންގެ މަޖިލީހުން އަދާކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމަށް ހަމަހަމަ އަދި އިންސާފުވެރި ނިޒާމެއް ރައްޔިތުންގެ މަޖިލީހުގައި ގާއިމުކޮށް ފަހިކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތެއްކަމަށްވީއިރު މި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ރައްޔިތުންގެ ހައްގުތަކާއި ރައްޔިތުން އިންތިހާބުކޮށްފައިވާ އެންމެހާ މަންދޫބުންގެ ހައްގުތަށް ރައްކާތެރިކޮށް، ސިޔާސީ ފިކުރާއި ތަޢައްސުބުން އެއްކިބާވެ އަދުލުވެރިކަމާއެކު އަމަލުކުރަން ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ލާޒިމުކުރާކަމަށެވެ.
ނަމަވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއިން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތައް ރައްޔިތުންނަށް ލިބިދެވޭނޭ މަގު ފަހިކުރުމަށާއި ދީމިގްރާތީ އުސޫލުތަކުގެ މަތީން އަދި ހަރަދުތައް ކުޑަކޮށް، އެކަށޭނަ ހަލުވި މިނެއްގައި ދައުލަތް ހިނގަމުންދިޔުން ކަށަވަރުކުރުމަށް އެކަށައަޅާންޖެހޭ މުހިއްމު އެތައް ގާނޫނެއް ހުރިއިރު، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ނެތްކަމަށް ބަޔާންކޮށް މަޖިލީހުގެ ޖަލްސާތައް ބޭއްވުމުން، މަޖިލީހުގެ ރައީސް އެއްކިބާ ވެފައިވާ ކަމީ މިއަދު ދިވެހި ރައްޔިތުންނަށް އެނގި ހާމަވާ ހަގީގަތެއްކަމަށް ރައީސް މައުމޫންގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
"އޭގެ އިތުރުން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކާ ގުޅޭގޮތުން އުފެދިފައިވާ މައްސަލަތަކާއި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާ ގުޅޭގޮތުން އުފެދިފައިވާ މައްސަލަތަކާއި އަދި މުޖުތަމަޢުގައި ފެންމަތިވެފައިވާ ގައުމީ މަސްލަހަތަށް ގެއްލުންހުރި ނުހަނު ބޮޑެތި މައްސަލަތަކާ ބެހޭގޮތުން މައުލޫމާތު އޮޅުންފިލުވައި، ސަރުކާރު ޖަވާބުދާރީކުރުމަށްޓަކައި ވަޒީރުންނާއި އެކިއެކި މުއައްސަސާތަކުގެ ވެރީން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށް ލިބިދީފައިވާ ހައްގެކެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން ވަޒީރުންނާކުރަން ބޭނުންވާ މުހިއްމު ބައެއް ސުވާލުތައް ކުރުމުގެ ފުރުސަތު ދީފައިނުވާކަމުގެ ޝަކުވާ އަކީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ގިނަ މެންބަރުން އަބަދުވެސް އުފުލާ ޝަކުވާއެކެވެ." މައުމޫންގެ ބަޔާނުގައިވެއެވެ.
އަދި ހަމަ އެހެންމެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެކިއެކި ބިލްތަކަށް ބަހުސްކުރުމަށް ދެވޭ ވަގުތު ދިނުމުގައްޔާއި މަޖިލީހުގެ ކޮމިޓީތަކަށް މެންބަރުން ކަނޑައަޅައި ތަރުތީބުކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނިސްބަތްވާ ސިޔާސީ ފިކުރުގެ މައްޗަށް ބުރަވެ، އަދި މުހިންމު ގިނަ ބިލުތަކަށް ބަހުސް ކުރާއިރު ބައެއް މެންބަރުންނަށް ފުރުސަތު ނުދީ މަޖިލީހުގެ ޖަލްސަތައް ކުރިޔަށް ގެންދަވާ ކަން ފާގަކުރެވިފައިވާކަމަށްވެސް އެބަޔާނުގައި މައުމޫން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރަށް ގާނޫނުއަސާސީއިން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާ ތައާރުޒުވާ ބިލްތައް ތާވަލްކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ބާރުތައް ގާނޫނީ ތަރަހައިން ބޭރުގައި ބޭނުންކޮށް އެފަދަ ބިލްތައް ފާސްކުރުމަށް މަގުފަހިކޮށްދީ މިމަގުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަންފަދަ ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަތުމަށް ސަރުކާރަށް މަގުފަހިވާ ގޮތައް މަސައްކަތް ކޮށްފައިވާކަމީ ފެންނަން އޮތް ހަގީގަތެއްކަމަށް މައުމޫން ވިދާޅުވިއެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމްގެ މަސްއޫލިއްޔަތު އަދާކުރުމުގައި ސިޔާސީގޮތުން ވަކި އަތަކަށް ޖެހިގެން މަސައްކަތް ކުރާކަމީ މިއަދު މަޖިލީހުގެ ރައީސްގެ މައްޗަށް ކުރެވޭ ތުހުމަތެއްކަމަށްވީއިރު ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެންބަރުންގެ ހައްގުތަށް ހަމަހަމަކަމާއެކު ހިމާޔަތްކޮށްދިނުމުގައި އިހުމާލުވެފައިވާކަމަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުރަހަކަށްވެފައިވާކަމީ އެނގެން އޮތް ހަގީގަތެއްކަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވާތީ އެކަމަށް ވަރަށް ބޮޑަށް ތާއީދު ކުރާކަމަށް ރައީސް މައުމޫންގެ ބަޔާނުގައި ވަނީ ވިދާޅުވެފައެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ