ސިނާއީ ސަރަހައްދަށް ކަރަންޓް ދޭން ވަކި އިންޖީނުގެއެއް އަޅަން ބިމެއް ދީފި

މާލޭގެ އިންޑަސްޓްރިއަލް ވިލެޖަށް ކަރަންޓް ދޭން ވަކި އިންޖީނުގެއެއް އެޅުމަށް ސްޓެލްކޯ އަށް ސަރުކާރުން މިއަދު ބިމެއް ދީފި އެވެ.
ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯއާ ހަވާލުކުރި ބިމުގައި ހަދާ އިންޖީނުގެއަކީ ބޭނުންޖެހޭ ހާލަތްތަކުގައި މާލެއަށް ކަރަންޓް ދިނުމަށް ވެސް ބޭނުން ކުރެވޭނެ އިންޖީނުގެއެކެވެ.
ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވި ގޮތުގައި އެ ބިން ދޫކުރީ އިންޑަސްޓްރިއަލް ވިލެޖަށް ވަކި ޚާއްސަ އިންޖީނުގެއެއް ހުރުން މުހިންމު ވާތީ އެވެ. އެ އިންޖީނުގެއަކީ މާލޭގައި ހުންނަ މައި އިންޖީނުގެއާ ވަކިން ހިންގާނެ ތަނެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ބޭނުންޖެހޭ ހާލަތްތަކުގައި މާލެއަށް ކަރަންޓް ދިނުމަށް ބެކަޕެއްގެ ގޮތުގައި ވެސް އެ ޖަނަރޭޓަރު ބޭނުން ކުރެވޭނެ އެވެ.
"ކަރަންޓާއި ފެނާއި ނަރުދަމާ އެތަނުން ވަކިން، މާލޭގެ މެއިން ލޭންޑުގެ ފެނަށް ނުވަތަ ކަރަންޓަށް ބަރޯސާ ނުވެ ލިބޭނެ ގޮތް ވާން އެބަޖެހޭ. މިކަންތައް މިކުރެވޭ ސަބަބަކީ އެއީ،" މުއިއްޒު ވިދާޅުވި އެވެ.
އެއްވެސް އަގަކާ ނުލައި، ދޫކުރި 10،000 އަކަފޫޓުގެ ބިމާ ގުޅޭގޮތުން ޝުކޫރު ވިދާޅުވީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެތަނުގެ މަސައްކަތް ނިމި، އިންޖީނުގެއިން އެ ސަރަހައްދަށް ކަރަންޓް ދޭން ފަށާނެ ކަމަށެވެ. އެތަނުގެ ޖަނަރޭޓަރު ކެޕޭސިޓީ ވެސް އިތުރު ކުރަން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ލަފާ މިކުރަނީ މަދުވެގެން ފަސް ނުވަތަ ހަ މެގަ ވޯޓުގެ ޖަނަރޭޓަރެއް ބަހައްޓައިގެން ޚިދުމަތް ދެވޭނެ ކަމަށް. އެކަމަކު ލަފާކުރެވޭ ގޮތުގައި ދެ ބުރި ނުވަތަ ތިން ބުރިއަށް ވެސް އުސްކޮށް އިމާރާތްތައް އަންނާނެ ކަމަށް ލަފާ ކުރެވޭތީވެ ފަހަރެއްގައި މެގަ ވޯޓުގެ މިންވަރުގެ 10 ނޫނީ 12 މެގަ ވޮޓަށް އިތުރު ކުރެވޭނެ،" ޝުކޫރު ވިދާޅުވި އެވެ.
ޝުކޫރު ވިދާޅުވި ގޮތުގައި ބެކަޕްގެ ގޮތުގައި އެ އިންޖީނުގެ ބޭނުންކުރި ނަމަވެސް މުޅި މާލެއަށް އެތަނުން ކަރަންޓް ދެވޭނެ ކަމަކަށް ނުބެލެވެ އެވެ. އެއީ މުޅި މާލެއަށް ދުވާލަކު 55 މެގަ ވޮޓުގެ ކަރަންޓް ބޭނުންވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ