ގާސިމަށް މައުމޫން މަރުހަބާ ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ހޮވުމާ ގުޅިގެން އިދިކޮޅު ޑީއާރުޕީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް އޭނާ އަށް މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރަކީ "އިސްލާހަށް މަސައްކަތް ކުރައްވާ، އަދުލު އިންސާފަށް ލޯބި ކުރައްވާ އަދި ސިޔާސީ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅަކަށް ވާތީ ޖޭއެސްސީއަށް އޭނާގެ އަގުހުރި ހިދުމަތް ލިބިވަޑައިގަންނަވާނެ" ކަމަށެވެ.
މައުމޫންގެ ބަޔާނުގައި ވަނީ ގާސިމަށް ވޯޓު ދެއްވި ޑީއާރުޕީ އާއި ޕީއޭ އާއި ޖުމްހޫރީ ޕާޓީ އާއި ގައުމީ ޕާޓީ އަދި މަޖިލީހުގައި އެއްވެސް ޕާޓީއަކާ ގުޅިވަޑައިނުގަންނަވާ ބޭފުޅުންނަށް ޝުކުރު ދަންނަވައިފަ އެވެ.
"ޑިމޮކްރެސީގެ އެންމެ މުހިންމު އެއް ތަނބު ކަމުގައިވާ ޝަރުއީ ދާއިރާ ސިޔާސީ ނުފޫޒުން އެއްކިބާވެ، މިނިވަން މުއައްސަސާއެއްގެ ގޮތުގައި ދެމި އޮތުމަށްޓަކައި ތިޔަ ކުރެއްވި މަސައްކަތަށް، ދިވެހި ގައުމަށް ހެޔޮ އެދޭ ކޮންމެ ރައްޔިތަކު ވެސް ތާއީދު ކުރާނެ އެވެ،" މައުމޫން ވިދާޅުވި އެވެ.
ޖޭއެސްސީގެ މެމްބަރު ކަމަށް ގާސިމް ހޮވިވަޑައިގަތީ 38 މެމްބަރުންގެ ތާއީދާ އެކުގަ އެވެ. އޭނާއާ ދެކޮޅަށް ވޯޓު ދެއްވީ 36 މެމްބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ