ސ. ފޭދޫން އަހުމަދު އަދުޝަން
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ދިނުމަށް މަރުކަޒީ އިންޖީނު ގޭގައި ބަހައްޓާފައި ހުރި ފަސް އިންޖީނުގެ ތެރެއިން އެއް އިންޖީނުގައި މައްސަލަޖެހި ދޭތެރެ ދޭތެރެއިން ބައެއް ސަރަހައްދުތަކުން އެއް ގަޑި އިރަށް ކަރަންޓް ކަނޑާލަން ޖެހިދާނެ ކަމަށް ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) އިން ބުނެފި އެވެ.
އެ ކުންފުނިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އައްޑޫގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ގަމުގެ ތަންތަނަށް ކަރަންޓުގެ ހިދުމަތް ދެމުން ގެންދާ ފަސް އިންޖީނުގެ ތެރެއިން 1.6 މެގަވޮޓުގެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން މި މައްސަލަ ރަނގަޅު ކުރެވެންދެން ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިގެން ދާނެ ކަމަށެވެ.
އެގޮތުން މިހާރު ކަރަންޓް ދެމުން އަންނަ ހަތަރު އިންޖީނަށް ނުހިފެހެއްޓޭ ވަރަށް ލޯޑު މަތިވާ ވަގުތުތަކުގައި ދޭތެރެ ދޭތެރެއިން ބައެއް ސަރަހައްދުތަކުން އެއް ގަޑި އިރަށް ކަރަންޓް ކަނޑާލަން ޖެހިދާނެ ކަމަށް އެސްޔޫއެލްގެ އިއުލާނުގައި ބުނެފައިވެ އެވެ.
މިއަދު މެންދުރު ފަހު 30: 1 އެހާކަށްހާ އިރު ކަރަންޓް ކެނޑިފައިވާ އިރު އަލުން ކަރަންޓް ލިބުނީ 15: 3 އެހާކަށްހާ އިރު އެވެ.
އެސްޔޫއެލްގެ އިއުލާނުގައި އިތުރަށް ބުނެފައި ވަނީ އިންޖީނަށް ދިމާވި މައްސަލަ ހައްލު ކުރެވެންދެން ކަރަންޓު ބޭނުން ކުރުމުގައި ކޮންމެހެން ބޭނުންކުރަން ޖެހޭ ތަކެތި ނޫން އެހެން އެއްޗެހި ބޭނުން ނުކުރުމަކީ ކުންފުނީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
އަދި އެންމެންގެ އެއްބާރުލުން ލިބިއްޖެ ނަމަ ކަރަންޓް ކަނޑާލަން ނުޖެހުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށާއި މިކަމުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ކުންފުނިން މައާފަށް ވެސް އެދޭ ކަމަށް އެސްޔޫއެލްގެ އިއުލާނުގައި ބުނެފައިވެ އެވެ.
މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ވެސް އައްޑޫގެ ބޮޑު ބަޔަކުން ގިނަ އިރުތަކަކަށް ކަރަންޓް ކެނޑިފައިވެ އެވެ.
އިންޖީނެއްގައި މައްސަލަ ޖެހި އައްޑޫން ކަރަންޓް ކަނޑަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ