ގައުމު އިނދަ ޖައްސާލައި، ދަރުވާލީ ކުރީގެ ސަރުކާރުން: ގާސިމް

ރައްޔިތުން ނިކަމެތި ހާލުގައި "ގަރުދިޔަ އާއި ބަތް ކާން ޖެހޭ" ހާލަތަށް ގެންދިޔައީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް މިއަދު ފާޑު ވިދާޅުވެއްޖެއެވެ.
ގާސިމް އެގޮތަށް ވިދާޅުވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ މަޖިލިހުގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. ޣަފޫރު ވިދާޅުވީ އިގްތިސާދަށް އަންނަ ބަދަލުތަކަކީ ކުރީގެ ސަރުކާރުތަކުން ޒިންމާވާން ޖެހޭނެ ބަދަލުތަކެއް ނޫން ކަމަށާއި އިގްތިސާދު ފޫ ނުބެއްދިގެން މިއުޅެނީ ހަރަދު ބޮޑުވެގެން ދިޔައީމަ ކަމަށެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި ނިޒާމީ މައްސަލައެއް ނަންގަވައި ގާސިމް ވިދާޅުވީ ދައުލަތް މިހާލަތަށް ދިޔައީ އެމްޑީޕިގެ ދެ ސަރުކާރާއި ޕީޕީއެމްގެ ސަރުކާރުން ބަޖެޓު ޑެފިސިޓް ކުރުމުންނާއި ނެގި ލޯންތަކާއި ކުންފުނިތައް ދެގުނަ ބޮޑުކޮށް ކުރަމުން ދިޔަ މަސައްކަތުން ކަމަށެވެ. އަދި ޣަފޫރު ހައްދަވަނީ ދޮގު ކަމަށް ވިދާޅުވެ، ގާސިމް ވަނީ ބަހުގެ ހަމަލާތަކެއް ދެއްވައިފައެވެ. ގާސިމް ވިދާޅުވި ގޮތުގައި ގައުމު މި ހާލަތަށް ވައްޓާލީ ކުރީގެ ސަރުކާރުންނެވެ.
"މިއަދު ދިވެހި ރައްޔިތުން އިނދަ ޖައްސާލައި، މާދަމާ ނިކަމެތި ހާލަތުގައި ގަރުދިޔަ އާއި ބަތާ ކާން ޖެހޭ ހިސާބަށް މި ފޮނުވާލީ މިދިޔަ ސަރުކާރުން މައިގަނޑު ގޮތެއްގައި. 130 ބިލިއަން ރުފިޔާ އިން ދަރުވާލައި، ކުންފުނިތައް ދަރުވާލީ އިންތިހާ ދަރަޖައަށް،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެމްޓީސީސީ އާއި އެސްޓީއޯ ފަދަ ކުންފުނިތަކަށް ބަލައިފި ނަމަ، ސަލާމަތް ނުވާ ވަރަށް ދަރުވާލާފައިވާ ކަމަށެވެ.
"ކޮންމެ ޕްރޮޖެކްޓެއް ތިން ގުނައިގައި ހިންގާފައި ހުރީ. އެހެންވީމަ މި ހިސާބަށް ދިޔައީ،" ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވިއެވެ.
"މާދަމާ ކިތަންމެ ހިތި ބޭހެއް" ބޯން ޖެހުނު ކަމުގައި ވިޔަސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ފިޔަވަޅު އަޅުއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
"އެހެން ނޫނީ އަޅުގަނޑުމެން މާ ނިކަމެތި ދަރަޖަ އަށް ވެއްޓިގެންދާނީ،" ގާސިމް ވިދާޅުވިއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ