ނޭނގި ޔާރު ވަކިވީ - އެޕިސޯޑް 16

ޔޫސުފް އެހި ސުވާލުން ޒީމާގެ ހިތަށް ފަސޭހައެއް ނުވިއެވެ. ފެންކަޅިވެފައިވާ ދެލޯ ޒީމާ އަމާޒް ކޮށްލީ ޔޫސުފްގެ މޫނާ ދިމާލަށެވެ.
- އެޕިސޯޑް 16 –"އަހަރެން ވެސް... އަހަރެން ވެސް މި ހުންނަނީ ވަރަށް ދެރަވެފަ.. އަހަރެންގެ ވެސް އެތައް އުއްމީދެއް.. އެތައް ހުވަފެންތަކެއް ވޭ.. ދަރިންނާ މެދުގަ މައިންބަފައިން ހާދަ ފޮނި ހުވަފެން ތަކެއް ދެކޭނޭ... އެ އުއްމީދުތަކުގަ ދިރުމެއް ނެތި، ލޯ ކުރިމަތީގަ އެ ހުރިހާ ކަމެއް ވެއްޏާ މޮޑެވިގެން ދާތަން ބަލަން، އަހަންނަށް ކިހިނެއް ފަސޭހަ ވާނީ.؟" 
ޒީމާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. "ސުހާ އަކީ ވަރަށް ރަނގަޅު ކުއްޖެއް.. އަހަރެން ވަރަށް ދެކެން ބޭނުންވި ދުވަހެއް އެއީ.. ސުހާ އާއި އަހަރެންގެ އަޔާޒް ގުޅޭ ދުވަސް.. އެކަމު.." ޒީމާ ރޯތަން ބަލަން އިންނާކަށް ޔޫސުފަށް ކެތެއް ނުވިއެވެ. ޔޫސުފް ވަރަށް ލޯބިން ޒީމާގެ ކަރުނަތައް އޭނާގެ އަތުގެ ނުފުށުން ފޮހެދޭން ފެށިއެވެ. "ޒީމާ.. ހިތްވަރު ކުރޭ! އެއީ އެދަރިންގެ ދިރިއުޅުން.. އަހަރެމެން ނުވާނެ ދަރީންގެ އެކަހަލަ ކަންތައް ތަކުގެ ތެރެއަށް ވަންނާކަށް.. އެއީ ވަރަށް ގޯސް ކަމެއް.. އެކަމުގެ ސަބަބުން އެދަރީންގެ ދިރިއުޅުން ހަލާކުވާ ފަހަރު ވެސް އާދޭ.. އަހަރެން އާދޭސް ކުރަން.. ޒީމާ ވެސް ދެން މިކަމާ އިތުރަށް ނުވާންވީ.." ޔޫސުފްގެ ވާހަކަތައް ޤަބޫލު ކުރަން ޒީމާއަކަށް ފަސޭހައެއް ނޫނެވެ. އެއީ ޒީމާއަށް ހަޖަމު ކުރަން އެއްވެސް ވަރަކަށް ފަސޭހަ ވާހަތަކެއް ނޫނެވެ. ޒީމާ ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. އަދި ބަލާލީ ޔޫސުފްއާ ދިމާލަށެވެ. "ނޫން ޔޫސުފް.. އަހަރެން ބޭނުން މިކަން ހުއްޓުވަން.. އަހަރެންގެ ހިތެއް ނުބުނޭ، ޝަރާ އަކީ އަޔާޒް ދެކެ ލޯބިން އުޅޭ ކުއްޖެކޭ.." ޒީމާގެ ޖުމުލައާ އެކުގައި ޔޫސުފް ވެސް އެނދުން ތެދުވިއެވެ. "ޒީމާ ގާތު އަހަރެން މި އާދޭސް ކުރަނީ.. ތި ވިސްނުން ދޫކޮށްލަން... ހެޔޮނުވާނެ.." ޔޫސުފްގެ އާދެސްތަކަށް ޒީމާ ދިނީ ބީރު ކަންފަތެކެވެ. ޒީމާގެ ގޮތްދޫނުކުރުމުގެ ސަބަބުން ޔޫސުފް އިތުރަށް ރުޅި އަންނަން ބޭނުން ނުވުމުން އަނެއްކާ ވެސް އެނދުމަތީގައި ޖައްސާލިއެވެ. އަދި ޔޫސުފް އޭނާގެ ދެއަތުން ބޮލުގައި އަތް ޖައްސާލިއެވެ. ބޮލަށް ރިހުންގަނޑެއް އަރައިގެން ދިޔަފަދަ ގޮތަކަށެވެ. ޒީމާ ފަހަތް ބަލައިލަމުން މޫނު އަނބުރާލިއެވެ. އަދި ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ. "އަހަރެން މިދަނީ ޝަރާއާ ބައްދަލު ކުރަން.." ޒީމާގެ ޖުމުލައާ އެކުގައި ޔޫސުފަށް ކުއްލިއަކަށް ބަލައިލެވުނީ ކޮޓަރިން ނުކުންނަން ދިޔަ ޒީމާއަށެވެ. "ޝަރާއަށް ނުބައިކޮށް ކަމެއް ކޮށްފިއްޔާ... އެކަން އެނގޭ ދުވަހުން އަހަރެން ޒީމާ ވަރި ކުރާނަން." ޔޫސުފްގެ އަޑު ޒީމާގެ ކަންފަތުގެ ހިނދުރީގައި ޖެހުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. ކުއްލިއަކަށް ޒީމާގެ ދެފައި ހުއްޓުނެވެ. ސިހިފައި ބަލައިލެވުނީ އެނދުގައި އިން ޔޫސުފަށެވެ. "ކީކޭ؟" ޒީމާގެ ދެލޯ ބޮޑުވިއެވެ. "ތި އިވުނީ ހަމަ ރަނގަޅަށް.." ޔޫސުފް އެހެން ބުނުމުން، ޒީމާ ހިތްހަމަނުޖެހުމާއި ހިތާމައާ އެކުގައި އަވަސްކޮށް ހިނގާފައި ގެއިން ނުކުތެވެ. ***ގަޑިން ރޭގަނޑު 11 ޖެހި އިރު، ޝަރާ އޭނާގެ ކޮޓަރީގައި އިންތިޒާރު ކުރަމުން ގެންދިޔައީ ޒީމާ އަންނާނެ ވަގުތަކަށެވެ. ބޮޑު ވާހަކައެއް ދައްކާލަން ބޭނުންވާ ކަމަށް ޒީމާ ބުނެފައި ވާތީއެވެ. ޝަރާ ހުންނަ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރީގައި ޝަރާގެ ބޮޑުދައިތަ އޮތީ ގަދަ ނިދީގައެވެ. "ޓޮއް ޓޮއް.." މާ ގިނަ އިރަކު ޝަރާއަށް އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ޝަރާ ގޮސް ދޮރުހުޅުވާލިއެވެ. ދޮރު ކުރިމަތީގައި ހުރީ ޒީމާއެވެ. ޒީމާގެ މޫނުމަތިން ފެންނަނީ މޮޅިވެރިކަމެވެ. މާޔޫސް ކަމެވެ. އެ މޫނުމަތިން އެއްވެސް ތާޒާ ކަމެއް ނެތެވެ. ވަރަށް ގިނަ އިރު ރުއިފަ ހުރިކަން އެ މޫނުމަތިން އެނގެއެވެ. ދޮރު ބޮޑަށް ޝަރާ ހުޅުވާލިއެވެ. ޒީމާއަށް ވަންނަން ޖާގަ ދެމުންނެވެ. ޒީމާ ކޮޓަރިއަށް ވަދެ ހުއްޓުނީ ކޮޓަރީގެ މެދެއްހާ ހިސާބުގައެވެ. "ދަރިފުޅާ ޝަރާ.." ޒީމާގެ ދުލުން ނުކުތް ލަފުޒުން ޝަރާ އަށް ހައިރާންކަން ލިބުނެވެ. ޝަރާ ދެލޯ ބޮޑުކޮށްގެން ބަލައިލީ ޒީމާއަށެވެ. އޭނާގެ ކަންފަތުގައި ޖެހުނު ލަފްޒް ޤަބޫލުކުރަން ދަތި ވެގެންނެވެ. "އަހަރެން މިއަދު ވަރަށް އެކަނިވެރި ވެއްޖެ.. އަހަރެން މިއަދު މިތަނަށް މިއައީ ޝަރާއަކީ ދަރިއެއް ކަމަށް ބަލައިގެން، މި މަންމައަށް އެހީތެރިކަމަކަށް އެދި އާދޭސް ކުރަން.." ޒީމާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. "ކިހިނެއްވީ.. މަން... މާ.." ޝަރާ ބަލައިލީ ޒީމާއަށެވެ. ޒީމާ އޭނާގެ ވާހަކަފެށިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުންނެވެ."އަހަރެންގެ ހުރި ހަމައެކަނި ފިރިހެން ދަރިއަކީ އަޔާޒް.. އަޔާޒްއާ ނުލާ އަހަންނަށް ދިރިއެއް ނޫޅެވޭނެ.. އެއީ އަހަރެންގެ ހުރިހާ ވެސް އުފާ،، ހިތްހަމަޖެހުން.." ޒީމާއަށް ރޮވޭ ގޮތްވިއެވެ. "އަހަރެން މިއަދު މިތަނަށް މިއައީ ދަރިފުޅު ގާތު އާދޭސް ކުރަން.. އަހަރެންގެ ދަރިފުޅު މިއަދު އޮތީ ޝަރާގެ އަތުގަ.. އެ ދަރިފުޅު މަންމައަށް ދީ... ހެޔޮނުވާނެ.. އާދެސްކޮށްފަ މިބުނީ.. މި މަންމައާ އަޔާޒް ވަކި ނުކުރޭ! ހެޔޮނުވާނެ.. އަޔާޒް މި މަންމައަށް ދީ.. އަހަރެން އޭރުން މުޅި އުމުރު ޝަރާއަށް ބަލާނަން.. އަހަރެންގެ ދަރިއެއްގެ ގޮތުގަ.،. މަންމައަށްޓަކާ އަޅެ މިވަރު ކަމެއް ކޮށްލަ ދީ.. އާދެސްކޮށްފަ މިބުނީ.. ދެފައި ދަށަށް ވެއްޓި.." އަޑުން އަޑު ނަގާ ރޮމުން، ޒީމާ ތިރިވީ ޝަރާގެ ފައިދަށަށެވެ. (ނުނިމޭ)
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ