ޑްރޯންގެ ޚިދުމަތް ފެށުމަކީ ތާރީޚީ އަދި ފަޚުރުވެރި ނިންމެވުމެއް؛ ރައީސްއަސް އައްސަރިބަހާ ސާބަސް: ގާސިމް

އެމް.އެން.ޑީ.އެފް އެއާ ކޯރ ގެ ނަމުގައި ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ވައިގެ ސިފައިންގެ ހިދުމަތް (އެއަރފޯސް ގެ ޚިދުމަތް) ތައާރަފު ކޮށްދެއްވާ، ރާއްޖޭގައި ޒަމާނީ އަޝްކަރީ ޑްރޯން އޮޕަރޭޓް ކުރަށް ފެއްޓެވުމަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ⁦ނިންމެވި ތާރީޚީ އަދި ފަޚުރުވެރި ނިންމެވުމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
‬⁩އެމްއެންޑީއެފް އެއާ ކޯރ ފެށުމާއެކު އެކަމުގެ ތަޙްނިޔާ އަރިސްކޮށް ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވައި ގާސިމް ކުރެއްްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުން އެއީ ދިވެހި ޤައުމުގެ މިނިވަންކަމާއި، އިސްތިޤްލާލް އަދި ދިވެހި ޤައުމުގެ މަސްވެރިކަމަށްޓަކައި، ދިވެހީން މާކުރީންވެސް އަމިއްލައަށް ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. 
މިމުހިންމު ބޮޑު މަސްއޫލިއްޔަތު ރައީސް މުޢިއްޒުގެ ސަރުކާރުގައި ލަސްނުކޮށް ފެއްޓެވި ކަމީ ނުހަނު ތާރީޚީ އަދި އެހާމެ ފަޚުރުވެރި ނިންމެވުމެއްކަން ކަށަވަރެވެ. މިއީ ރާއްޖެ ދެމިއޮތްހާ ދުވަހަކު މެދު ނުކެނޑި ކުރިއަށް ގެންދަން ޖެހޭނޭ މުހިންމު ޚިދުމަތެއް ކަމަށް އަޅުގަނޑު ދެކެމެވެ.
ގާސިމް އިބްރާހީމް
‏މިއާއެކު ގާސިމް ވިދާޅުވީ، ދިވެހި މަސްވެރިކަމުގެ އުޅަނދުތަކާއި، ދިވެހިރާއްޖޭގެ ކަނޑުދަތުރުތަކަށް ، އަމާން، ފަހި ދުވަސްތަކެއް ހޯއްދަވައިދެއްވުމަށް ރާއްޖޭގެ އެންމެ ފުރަތަމަ ވައިގެ ސިފައިންގެ ތެރެއަށް އަސްކަރީ ޑްރޯން ނުވަތަ "އަންމޭޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫއޭވީ) ތަޢާރުފު ކޮށްދެއްވުމަކީ ހަމަ ކޮންމެ ދިވެހިރައްޔިތަކު ޝުކުރުވެރިކަމާއެކު ބަލައިގަންނަށް ޖެހޭ ކަމެއް ކަމަށެވެ. އަދި އެއީ ދިވެހިޤައުމު ތާއަބަދު ފަޚުރުވެރިވާނޭ ޚިދުމަތެއް ކަމަށެވެ.
‏ގާސިމް ވިދާޅުވިގޮތުގައި، އެކުވެރި ޤައުމުތަކަށް އަބަދުމެ ކޮންމެ ކަމެއްގައި ބަރޯސާވެ ތިބުމުގެ ބަދަލުގައި، ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން އަމިއްލައަށް ކުރަންޖެހޭ އެފަދަ ކަންކަން ކުރުމަށް އެހެން ފަރާތްތަކަށް ދޫކޮށްލައިގެން ތިބުމަކީ އެފަދަ އެހީދޭ ފަރާތްތަކަށްވެސް ތަކުލީފަކަށް ވާނޭ ކަންކަން ކަމަށެވެ.
އެހެން ކަމުން، ޤައުމުގެ ފުދުންތެރިކަން އިތުރުވަމުންދާ މިންވަރަކުން ޤައުމުގެ ދިފާޢަށްޓަކައި ފަސްނުޖެހި، ހަލުވި ފިޔަވަޅުތައް އަޅާ، ޤައުމާއި ގެން ކުރިއަށް ދިއުމަށް ރައީސް މުޢިއްޒު ދެއްކެވި މަތިވެރި ލާމަސީލު މިސާލަށް އަޅުގަނޑުގެ އަމިއްލަ ނަމުގައާއި، އަޅުގަނޑުގެ ޕާޓީގެ ނަމުގައި އައްސަރިބަހާ ސާބަސް އަރިސް ކުރަމެވެ.
ގާސިމް އިބްރާހީމް
ގާސިމް ވަނީ މިފަދަ މުހިންމު މަސައްކަތްޕުޅުތައް ދިވެހި ޤައުމަށް ތަޢާރަފު ކޮށް ދެއްވުމަށާއި، އަދި އެކަންކަން ކުރިއަށް ގެންދެވުމަށްޓަކައި، ރައީސް މުޢިއްޒުގެ ޒަޢާމަތަށް ރޯޝަނީކަމާ، ބާއްޖަވެރިކަން މިންވަރު ކުރައްވާ، އެމަނިކުފާނަށް ދިގު ޢުމުރުފުޅެއް މިންވަރު ކުރައްވާ، الله ސުބުޙާނަހޫ ވަތަޢާލާ މި ދިވެހި ޤައުމަށް ފަހި ދުވަސްތަކެއް މިންވަރު ކުރެއްވުށް އެދި ދުޢާ ކުރައްވާފައެވެ. 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ