އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުއްލާ އަލީ ޚަމެނީ އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި، އިންތިޚާބުވި ރައީސް މަސްއޫދު ޕެޒެޝްކިއަން އިސްލާމީ ޖުމްހޫރިއްޔާގެ ވެރިއަކަށް ރަސްމީކޮށް ޤަބޫލުކުރައްވައިފިއެވެ.
ޚަމެނީ ވަނީ ޕެޒެޝްކިއަންއަށް "ޤަބޫލުކުރިކަމުގެ ލިޔުން" ހަވާލުކުރައްވައި، އޭނާގެ މަޤާމު ބަލައިގަތްކަން އަންގަވާފައެވެ. ޚަމެނީގެ މި ބަލައިގަތުމަށްފަހު، ދެ ދުވަސް ފަހުން އީރާނުގެ ޕާލިމަންޓުގައި ޕެޒެޝްކިއަންގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނެއެވެ. މި ރަސްމިއްޔާތުގައި 70 ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކުގެ ވަފުދުތައް ހިމެނޭގޮތަށް 2،500 އަށްވުރެ ގިނަ މީހުން ބައިވެރިވާނެކަމަށް ބެލެވެއެވެ.
އާދީއްތަ ދުވަހުގެ ރަސްމިއްޔާތުގައި ޚާރުޖީ ވަޒީރު އަހްމަދު ވަހީދީ ހިމެނޭގޮތަށް އެކި އޮފިޝަލުންނާއި އިސް ފަރާތްތައް ބައިވެރިވިއެވެ. ވަހީދީ ވަނީ މެއި 19 ގައި ރައީސް އިބްރާހިމް ރައީސީ ހެލިކޮޕްޓަރު ހާދިސާއެއްގައި ނިޔާވުމާ ގުޅިގެން ބޭއްވުނު ކުއްލި އިންތިޚާބާ ބެހޭ ރިޕޯޓެއް ހުށަހަޅުއްވާފައެވެ.
ޖޫން މަހުގެ ފަހުކޮޅު ބޭއްވުނު ފުރަތަމަ ބުރުގައި އީރާނީން އައު ވެރިއަކު އިންތިޚާބު ނުކުރެވުމާ ގުޅިގެން ރަންއޮފް ބުރެއް ބޭއްވުނެވެ. ޖުލައި 5 ގައި ނިސްބަތުން މެދުމިނުގެ ކެންޑިޑޭޓެއްކަމަށް ބެލެވޭ 69 އަހަރުގެ ޕެޒެޝްކިއަން ވަނީ 53.6 އިންސައްތަ ވޯޓާއެކު އިންތިޚާބު ކާމިޔާބުކޮށްފައެވެ.
ޕެޒެޝްކިއަން ޤަބޫލުކުރުމަށްފަހު، އީރާނުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ޚަމެނީ ދެއްކެވި ވާހަކަފުޅުގައި އަވައްޓެރި ޤައުމުތަކާއެކު އޮންނަ ގުޅުން ރަނގަޅުކުރުމަށް އިސްކަންދޭނެކަމަށް ވިދާޅުވިއެވެ. ނަމަވެސް، ޣައްޒާގެ ހާލަތާމެދު އީރާނުގެ ކަންބޮޑުވުމާއި އިސްރާއީލާ ދެކޮޅު ސިޔާސަތު އަލުން ތަކުރާރުކުރެއްވިއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އީރާނުގެ ސުޕްރީމް ލީޑަރު އެ ޤައުމުގެ އައު ރައީސް ރަސްމީކޮށް ޤަބޫލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ