ޤުރްއާނުގައި ބަޔާންވެގެންވާ ކަނބަލުންގެ ތެރެއިން: ނޫޙުގެފާނުގެ އަނބިކަނބަލުން

ނޫޙުގެފާނަކީ ރަސޫލުބޭކަލުންގެ ތެރެއިން ޚާއްޞަ އިމްތިޔާޒީ މަޤާމެއް ލިބިވަޑައިގެންފައިވާ ބޭކަލެކެވެ. އެކަލޭގެފާނު ދީނަށް ގޮވައިލެއްވުމަށްޓަކައި ވަރަށް ދިގު މުއްދަތެއް ހޭދަކުރެއްވިއެވެ. ނަމަވެސް އެކަލޭގެފާނުގެ ރިސާލަތު ތެދުކޮށް އީމާންވީ ވަރަށް މަދު ބަޔެކެވެ. ކާފިރުވި މީސްތަކުންނަށް ޢަޛާބު ދެއްވުމަށްޓަކައި މާތްﷲ، އާންމުވެގެންވާ ކޯފާއެއް އެބައިމީހުންގެ މައްޗަށް ފޮނުއްވައި އެބައިމީހުން ޣަރަޤު ކުރެއްވިއެވެ.
ޣަރަޤުވި މީސްތަކުންގެ ތެރޭގައި نوح عليه السّلام ގެ އަނބިކަނބަލުން ހިމެނިގެންވިއެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝަތުއް ޞިއްދީޤާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. ޖިބްރީލު ޢަލައިހިއްސަލާމް، މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެން ޚަބަރުދެއްވިއެވެ. نوح عليه السّلام ގެ އަނބިކަނބަލުންގެ ނަންފުޅަކީ واغلة އެވެ. لوط عليه السّلام ގެ އަނބިކަނބަލުންގެ ނަންފުޅަކީ والهة އެވެ. { އަލްއިމާމުލް ޤުރްޠުބީ، ތަފްސީރުލް ޤުރްޠުބީ، ތަޙްރީމު ސޫރަތުގެ 10 ވަނަ އާޔަތުގެ ތަފްސީރު}
نوح عليه السّلام އާއި لوط عليه السّلام ގެ އަނބިކަނބަލުންގެ ވާހަކަ ބަޔާން ކުރައްވައި، ކީރިތި ޤުރްއާނުގެ ތަޙްރީމު ސޫރަތުގެ 10 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
ضَرَبَ اللَّـهُ مَثَلًا لِّلَّذِينَ كَفَرُوا امْرَأَتَ نُوحٍ وَامْرَأَتَ لُوطٍ ۖ كَانَتَا تَحْتَ عَبْدَيْنِ مِنْ عِبَادِنَا صَالِحَيْنِ فَخَانَتَاهُمَا فَلَمْ يُغْنِيَا عَنْهُمَا مِنَ اللَّـهِ شَيْئًا وَقِيلَ ادْخُلَا النَّارَ مَعَ الدَّاخِلِينَ ﴿١٠﴾
މާނައީ: "نوح ގެފާނުގެ އަނބިކަނބަލުންނާއި، لوط ގެފާނުގެ އަނބިކަނބަލުންގެ ވާހަކައިން، كافر ވިމީހުންނަށް اللَّه، مثال އެއް ޖެއްސެވިއެވެ. އެ ދެބޭކަނބަލުން ތިއްބެވީ ތިމަންރަސްކަލާނގެ صالح އަޅުންގެ ތެރެއިން ދެ އަޅެއްގެ أمر ގެ ދަށުގައެވެ. ފަހެ، އެ ދެބޭކަނބަލުން، އެ ދެބޭކަލުންނަށް خيانة ތެރިވިއެވެ. ފަހެ، اللَّه ގެ حضرة ން އެއްވެސްކަމެއް އެ ދެބޭކަނބަލުންނަށްޓަކައި، އެ ދެބޭކަލުންނަކަށް ފުއްދައެއް ނުދެއްވުނެވެ. އަދި އެ ދެބޭކަނބަލުންނަށް އަންގަވާނެތެވެ. (ނަރަކައަށް) ވަންނަމީހުނާއެކު، ތިޔަ ދެމީހުންވެސް ނަރަކަޔަށް ވަންނާށެވެ!"
މި ދެންނެވި އާޔަތުގައިވާ ޚިޔާނާތޭ އޮތް ބަސްފުޅާމެދު ތަފްސީރު ޢިލްމުވެރިން ވާހަކަފުޅު ދައްކަވައިފައިވެއެވެ. ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވާކަމަށް އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. "نوح عليه السّلام ގެ އަނބިކަނބަލުންނާއި لوط عليه السّلام ގެ އަނބިކަނބަލުން ޚިޔާނާތްތެރިވީ އެދެބޭކަލުންގެ ދަޢުވަތަށް ފުރަގަސްދިނުމުންނެވެ. ރިސާލަތަށް އިންކާރު ކުރުމުންނެވެ. نوح عليه السّلام ގެ އަނބިކަނބަލުން އެކަލޭގެފާނަކީ މޮޔަފުޅުވެފައި ހުންނެވި ބޭކަލޭކޭ ބުނެ ރަށުތެރޭގައި އަޑުއެރުވިއެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ދިހަވަނަ ޖިލްދުގެ 73 ވަނަ ޞަފްޙާ}
ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވާކަމަށް އައްޟައްޙާކު ރިވާކުރައްވައިފައިވެއެވެ. "އެއްވެސް ނަބީބޭކަލެއްގެ އަނބިކަނބަލު ޒިނޭފަދަ އެއްވެސް ބަދުއަޚުލާޤީ ޢަމަލެއް ކުރައްވައިފައެއްނުވެއެވެ. އެބޭކަނބަލުން ޚިޔާނާތްތެރިވާނަމަ، ޚިޔާނާތްތެރިވެފައިވަނީ، އެބޭކަލުންގެ ރިސާލަތަށް އިންކާރު ކުރުމުންނެވެ. އެބޭކަލުން ގެންނެވި މާތް ދީނަށް ޢަމަލުކުރުމަށް އިންކާރު ކުރުމުންނެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ދިހަވަނަ ޖިލްދުގެ 74 ވަނަ ޞަފްޙާ}
މިދެންނެވި ޙާދިޘާއިން ވަރަށް ޢިބްރަތްތެރި ފިލާވަޅެއް ލިބެއެވެ. އެއީ ނަބީބޭކަލެއްގެ އަނބިކަނބަލަކަސް ނުވަތަ ދަރިކަލަކަށްވެސް، އީމާންނުވާނަމަ، އެބޭކަލުންގެ ފަރާތްޕުޅުންވެސް އެއްވެސް މަންފާއެއް ނުކުރާނެކަމެވެ. އީމާންކަމުގެ މަންފާ ކުރާނީ ޚުދު ތިމާ އަމިއްލައަށް އަރަހުށި މާތްالله سبحانه وتعالى އަށް އީމާންވެގެންކަމެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ