ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރިކަން މުއިއްޒު އިއުލާނުކުރައްވައިފި ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރިކަން މުއިއްޒު އިއުލާނުކުރައްވައިފި

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރިކަން ރައީސް މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފި އެވެ.
ލ. ގަމުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އިއްޔެ ރ. ރަސްގެތީމުގައި ފުލުހުންގެ ހިދުމަތް ދޭން ފެށުމާއެކު ހުރިހާ ރަށެއްގައި ފުލުހުން ގާއިމުވެ ތިބެ ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
މިކަން ފާހަގަކޮށް، މުއިއްޒު އަށް މަރުހަބާ އާއި ޝުކުރު ދަންނަވާ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަނީ ރޭ ސޯޝަލް މީޑިއާގައި ޕޯސްޓެއް ވެސް ކުރައްވައިފަ އެވެ.
ރޭގެ ވާހަކައިގައި މުއިއްޒު ވިދާޅުވީ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރަން ވައުދުވި މުއްދަތަކީ މި އަހަރުގެ ނިޔަލަށް ކަމަށާއި އެކަން މި ނިމުނީ އެ މުއްދަތުގެ ދެ މަސްދުވަސް ކުރިން ކަމަށެވެ. ވެރިކަމަށް ވަޑައިގެންނެވިއިރު، 66 ރަށެއްގައި ފުލުހުން ގާއިމުވެ ނުތިބޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެ 66 ރަށަށް އޭރުގަ ޖެހެނީ ކައިރި އެހެން ރަށަކުން ޓީމެއް އަންނަން ބޭނުން ޖެހިއްޖިއްޔާ. އެހެންވީމަ އެ ރަށެއްގެ ރައްޔިތުން އުޅެން ޖެހެނީ ކޮންމެ ފަދަ ކަމެއް ދިމާވިޔަސް އެފަދަ ހާލެއްގަ. ކޮންމެ ފަދަ ކަމެއް ދިމާވިޔަސް،" މުއިއްޒު ރޭ ވިދާޅުވި އެވެ.
މީގެ އިތުރުން، މި ވެރިކަން ފެށުނުއިރު ފުލުހުންގެ އަމިއްލަ އިމާރާތެއްގައި ހިދުމަތް ދެނީ 17 ރަށެއްގައިކަން މުއިއްޒު ރޭ ފާހަގަކުރެއްވި އެވެ. އެ ނަމްބަރަށް ބަދަލެއް ނައި ނަމަވެސް، މިހާރު 63 ރަށެއްގައި ފުލުހުންގެ އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އެ ނަމްބަރުތަކުގެ ތެރޭގައި ނުހިމެނޭ 36 ރަށެއްގައި ފުލުހުންގެ އިމާރާތް އެޅުމަށް ހަވާލުކުރެވިފައިވާނެ ކަމަށާއި އޭގެ އިތުރަށް 39 ރަށުގެ މަސައްކަތް މި މަހުގެ ތެރޭ ހަވާލުކުރެވޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"މާނައަކީ 138 ރަށުގައި، މި އަހަރު ނިމޭއިރުގައި، ފުލުހުންގެ އިމާރާތް އެޅުމުގެ އާ މަޝްރޫއުތައް ހިނގަމުންދާނެއޭ. މި ދައުރު ނިމޭއިރު، އިރާދަކުރެއްވިއްޔާ. އަޅުގަނޑުމެންގެ އަމާޒަކީ އަޅުގަނޑުމެން ފެށިއިރު އެންމެ 17 ރަށުގަ ފުލުހުންގެ ހިދުމަތް ދޭ އަމިއްލަ އިމާރާތް ހުރި ހުރުން ބަދަލުކޮށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގަ ފުލުހުންގެ އަމިއްލަ އިމާރާތުގައި ދެވޭ ހިސާބަށް ގެންދިޔުން،" ރޭގެ ޖަލްސާގައި މުއިއްޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ