ގިނަ ބަޔަކު ހެއްވާލި އިންޑިއާގެ އެކްޓަރު ސަތިޝް ޝާހު މަރުވެއްޖެ
ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކާއި ޓެލެވިޒަން ޑްރާމާ ސިލްސިލާތަކެއްގައި މަސައްކަތްކޮށްފައިވާ އެކްޓަރު ސަތިޝް ޝާހް މަރުވެއްޖެއެވެ. އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އުމުރުން 73 އަހަރުގެ އެކްޓަރު މަރުވީ ސިއްހީ ހާލަތު ގޯސްވުމާ ގުޅިގެން މުމްބާއީގެ ހިންދޫޖާ ހޮސްޕިޓަލުގައި އެޑުމިޓްކޮށް ފަރުވާދެމުން ދަނިކޮށް އިއްޔެގެ ވަގުތެއްގައެވެ. ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ސަތިޝް މަރުވެފައިވާ ވަނީ ދެ ކިޑްނީ ފެއިލްވެގެންނެވެ. ސަތިޝްގެ މަރާއި ގުޅިގެން އެކްޓަރުގެ އާއިލާގެ ފަރާތުން ރަސްމީކޮށް އެކަން އިއުލާނު ނުކުރަނީސް އެ ޚަބަރު ސޯޝަލް މީޑިއާގައި ހިއްސާކުރީ ސަތިޝްއާ އެކު މަސައްކަތްކޮށްފައިވާ އެކްޓަރުގެ އެކުވެރި ފިލްމު ޕްރޮޑިއުސަރު އަޝޯކް ޕަންޑިތުއެވެ. އަޝޯކްގެ އެ ޕޯސްޓާ ގުޅިގެން ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު ވަނީ ސަތިޝްގެ އާއިލާއަށް ތައުޒިއްޔާގެ މެސެޖު ފޮނުވާ އެކްޓަރުގެ ހަނދާން އާކޮށް ސޯޝަލް މީޑިއާގައި އެ ވާހަކަ ދައްކާފައެވެ. ސަތިޝް ޝާހް މަސައްކަތްކޮށްފައިވާ ބައެއް ފިލްމުތަކުގެ މަންޒަރުތަކެއް--ފޮޓޯ/ޕިންކްވިލާ ބޮލީވުޑްގެ މަޝްހޫރު ވަރަށް ގިނަ ފިލްމީ ތަރިންނާ އެކު މަސައްކަތްކޮށްފައިވާ ސަތިޝް ފިލްމީ ދާއިރާއަށް ތައާރަފްވެފައި ވަނީ ހަތްދިހައިގެ އަހަރުތަކުގެތެރޭއެވެ. ސަތިޝްގެ ކެރިއަރުގެ މަގުބޫލު ފިލްމުތަކުގެތެރޭ 1983ގެ ފިލްމު "ޖާނޭ ބީ ދޯ ޔާރޯ"، 2003ގެ ފިލްމު "ކަލް ހޯ ނަހޯ"، 2006ގެ "ފަނާ" އަދި 2007ގެ "އޯމް ޝާންތީ އޯމް" ހިމެނެއެވެ. މީގެއިތުރުން ”ޕުރާނާ މަންދިރު"، "އުމްރާއޯ ޖާން"، "ހަމް އާޕް ކޭ ހޭ ކޯން"، "ދިލްވާލޭ ދުލްހަނިއާ ލޭޖާއޭގޭ"، "އަކޭލޭ ހަމް އަކޭލޭ ތުމް"، އަދި "މުޖްސޭ ޝާދީ ކަރޯގީ" ފަދަ އެތައް ފިލްމުތަކަކީ ވެސް ސަތިޝް މުހިއްމު ރޯލް ކުޅުނު ފިލްމުތަކެވެ. އިންޑިއާގެ ފިލްމު އެންޑް ޓެލެވިޒަން އިންސްޓިޓިއުޓް (އެފްޓީއައިއައި)ގެ މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ އެކްޓަރުގެ ޓެލެވިޒަން ޑްރާމާ ސިލްސިލާތަކުގެތެރޭ "ގަރް ޖަމާއީ"، ""ސަރާބައި ވާސަސް ސަރާބައި" އަދި "ޔުނައިޓެޑް ކައްޗޭ" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ