ޗެޓްޖީޕީޓީ ތައާރަފުކުރިތާ ތިން އަހަރު: ޓެކްނޮލޮޖީ ދުނިޔެއަށް އައި ބޮޑު އިންޤިލާބެއް!
އޭއައި ދާއިރާއިން މުޅި ދުނިޔެ ހައިރާންކޮށްލި އޯޕަންއޭއައި އިން ޗެޓްޖީޕީޓީ އިފްތިތާޙުކުރިތާ އިއްޔެއަށް މިވީ ތިން އަހަރެވެ. ދެހާސްބާވީސް ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު، އާންމުންނަށް ހުޅުވާލި މި ޓެކްނޮލޮޖީ ވަނީ ވިޔަފާރިއާއި ޓެކްނޮލޮޖީގެ ދުނިޔެއަށް ބޮޑު އިންޤިލާބެއް ގެނެސްފައެވެ. ޗެޓްޖީޕީޓީއަކީ "ވާހަކަ ދައްކާ ގޮތަށް އިންޓަރެކްޓްކުރާ މޮޑެލެއް" ގެ ގޮތުގައި ތަޢާރަފުކުރި ފަހުން، އެޕަލް ސްޓޯރުގެ ފްރީ އެޕްތަކުގެ ތެރެއިން މިހާރުވެސް އެއްވަނައިގައި ޗެޓްޖީޕީޓީ އޮތުމަކީ އޭގެ މަޤުބޫލުކަން ދައްކުވައިދޭ ކަމެކެވެ. ޖެނެރޭޓިވް އޭއައިގެ އެތައް ޕްރޮޑަކްޓްތަކެއް އުފެދުމަށް މަގުފަހިކޮށްދިން މައިގަނޑު ސަބަބަކީ ވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޯޕަންއޭއައިގެ ޗެޓްޖީޕީޓީއެވެ. މި އިންޤިލާބުގެ ސަބަބުން ދުނިޔޭގެ ސިޔާސީ އަދި އިޖުތިމާޢީ ދާއިރާއަށްވެސް ބަދަލުތަކެއް އަންނަމުންދާކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. "އެމްޕަޔާ އޮފް އޭއައި" ގެ ލިޔުންތެރިޔާ ކެރެން ހާއޯ ވިދާޅުވާ ގޮތުގައި، އޯޕަންއޭއައި މިހާރު ދަނީ ދުނިޔޭގެ ގިނަ ޤައުމުތަކަށްވުރެ ބާރުގަދަވެ، ދުނިޔޭގެ ޖިއޯޕޮލިޓިކްސްއަށް ބަދަލުތަކެއް ގެންނަމުންނެވެ. އަދި ޗާލީ ވާޒެލް ލިޔުއްވާފައިވާ ގޮތުގައި، ޗެޓްޖީޕީޓީ އުފެއްދި ދުނިޔެއަކީ ވަޒީފާގެ ބާޒާރުގައި ޔަޤީންކަމެއް ނެތް، އަދި ކުރިމަގު ބަދަލުވެދާނެކަމުގެ ބިރުވެރިކަން އޮތް ދުނިޔެއެކެވެ. ޚާއްޞަކޮށް ޒުވާން ޖީލުތަކާއި، މިހާރު މަސައްކަތްކުރާ މީހުންގެ ހުނަރުތައް ކުރިމަގުގައި ބޭނުން ނުވެދާނެކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރައްވައެވެ. މި ޓެކްނޮލޮޖީގެ ކުރިއެރުމާއި އެކު އޭގެ ސަބަބުން ދުނިޔެއަށް ވެރިވެގަތް ބަދަލުތައް މިވަނީ މިހާރު ވެސް އިގްތިސާދީ ގޮތުން ފެންނަން ފަށާފައެވެ. https://sun.mv/214299 އިޤްތިޞާދީ ގޮތުން ބަލާއިރު، ޗެޓްޖީޕީޓީގެ ސަބަބުން ސްޓޮކް މާކެޓަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. އެންމެ ބޮޑު ފައިދާއެއް ކުރި ކުންފުންޏަކީ އެންވީޑިއާއެވެ. ޗެޓްޖީޕީޓީ އިފްތިތާޙުކުރި ފަހުން އެ ކުންފުނީގެ ސްޓޮކް ވަނީ 979 އިންސައްތަ އިތުރުވެފައެވެ. މީގެ އިތުރުން، އެސް އެންޑް ޕީ 500ގެ އެންމެ އަގުބޮޑު ހަތް ކުންފުނި ކަމަށްވާ އެންވީޑިއާ، މައިކްރޮސޮފްޓް، އެޕަލް، އަލްފަބެޓް، އެމެޒޯން، މެޓާ، އަދި ބްރޯޑްކޮމްގެ ޖުމްލަ ކުރިއެރުން ވަނީ ޗެޓްޖީޕީޓީ ފެށުނު ފަހުން އެސް އެންޑް ޕީ 500 އަށް އައި 64 އިންސައްތައިގެ ކުރިއެރުމުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް ހިއްސާކޮށްފައެވެ. މިއީ މާކެޓްގެ ބާރު އެންމެ މަދު ކުންފުނިތަކަށް އިތުރަށް ޖަމާވަމުންދާކަން ދައްކުވައިދޭ ކަމެކެވެ. މި ކުރިއެރުން ދެމިގެންދާނެތޯ ނުވަތަ ނޫންތޯ މިއީ މިހާރު ގިނަ ބަޔަކު ކުރާ ސުވާލެކެވެ. އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން ފިޔަވައި، ގިނަ އޭއައި އެގްޒެކެޓިވުން ދަނީ މިހާރު އޮތީ "ބަބްލް" އެއްގެ ތެރޭގައިކަން ޤަބޫލުކުރަމުންނެވެ. އޯޕަންއޭއައިގެ ސީއީއޯ ސެމް އޮލްޓްމަން ވިދާޅުވެފައިވަނީ "އޭއައިގެ ސަބަބުން ގިނަ އަދަދެއްގެ ފައިސާ ގެއްލިގެންދާނެ" ކަމަށެވެ. ނަމަވެސް، ސިއެރާގެ ސީއީއޯ އަދި އޯޕަންއޭއައިގެ ބޯޑު ޗެއާ ބްރެޓް ޓޭލާ ވިދާޅުވާ ގޮތުގައި، ޑޮޓް-ކޮމް ބޫމް ފަދައިން މި ބަބްލް ފަޅައިގެން ދިޔަޔަސް، އޭއައި އަކީ އިޤްތިޞާދަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ބޮޑު އިޤްތިޞާދީ އަގެއް އުފައްދާނެ އެއްޗެކެވެ. ޗެޓްޖީޕީޓީއަކީ އާޓިފިޝަލް އިންޓެލިޖެންސްގެ ދުނިޔެއަށް އައިސްފައިވާ އެންމެ ބާރުގަދަ އަދި އެންމެ މަޝްހޫރު އެއް އީޖާދެވެ. މިއީ އޯޕަންއޭއައި އިން ތަރައްޤީކޮށްފައިވާ ބޮޑު ބަހުގެ މޮޑެލެކެވެ. ޗެޓްޖީޕީޓީގެ އެންމެ ބޮޑު އެއް ސިފައަކީ އިންސާނުން ވާހަކަ ދައްކާ ފަދައިން ސުވާލުތަކަށް ޖަވާބުދިނުމާއި، ލިޔުންތައް އެކުލަވާލުމާއި، އަދި ތަފާތު މައުޟޫތަކަށް މަޢުލޫމާތު ދިނުމުގެ ގާބިލްކަން ލިބިފައިވުމެވެ. މީގެ ސަބަބުން ތަޢުލީމީ ދާއިރާއާއި، ވިޔަފާރިތަކާއި، އަދި އާންމު ދިރިއުޅުމުގައިވެސް ގިނަ ބަދަލުތަކެއް އައިސްފައިވެއެވެ. ޗެޓްޖީޕީޓީއަށް ލިބިފައިވާ ކާމިޔާބީގެ ސަބަބުން ގިނަ ކުންފުނިތަކަކުން ޖެނެރޭޓިވް އޭއައިގެ އުފެއްދުންތައް ތަރައްޤީކުރަން ފަށާފައިވާއިރު، މިއީ ޓެކްނޮލޮޖީގެ މުސްތަޤްބަލު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ އެއްޗެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ