ޝަރީއަތް ނިމެންދެން ވަކި މުއްދަތެއް ނެތް ގޮތަކަށް ޖަލުގައި ބަންދުކޮށްފައި ތިބޭ ނުވަތަ 'ވާނުވާ ބަންދު'ގައި ތިބީ ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ މީހުން ކަމަށާއި އެ މީހުން ފަސް މިނެޓު ތެރޭ މުޖުތަމައުއަށް ދޫކޮށެއް ނުލެވޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ތާޖުއްދީން ސްކޫލްގައި ރޭ ބޭއްވި ބައްދަލުވުމުގައި، ވާނުވާ ބަންދުގައި މީހުން ތިބޭ މައްސަލާގައި ރައީސަށް ވަރަށް ބޮޑަށް ފާޑުކިޔައި ވާހަކަދެއްކި މީހަކު ބުނީ، ވާނުވާ މައްސަލައަށް ހައްލު ހޯދައިދޭން ހަގީގަތުގައި ވެސް ބޭނުންވާ ނަމަ ފަސް މިނެޓުގެ ތެރޭގައި ރައީސަށް އެކަން ކުރެވޭނެ ކަމަށެވެ.
"[ކުރީގެ] ރައީސް [އަބްދުﷲ] ޔާމީން ބުނިހެން، ވާނުވާ ބަންދު އުވާލަން ނަގާނީ ފަސް މިނެޓު. [ރައީސް] މުއިއްޒު މިހާރު ވެސް [ހޯމް މިނިސްޓަރު އަލީ] އިހުސާނަށް އަންގާ، ޕީޖީ އައްބާސް ޝަރީފް ކައިރީ ބުނަން ވާނުވާ ނުޖަހާށޭ. ދި އެންޑް. ނިމުނީ،" ވަރަށް ދިގުކޮށް ވާހަކަދެއްކި އެ މީހާ ބުންޏެވެ.
"ދެން ކޮން ހާސަރެއްތޯ ތި ދަމަނީ ކޯޓުތައް އަޅައިގެންނޭ، ބަޖެޓު ބޮޑުކޮށްގެންނޭ ކިޔައި. ހުސް ހޮޅި ވާހަކަ، ހުސް ހޮޅި ވައުދު."
އޭނާ ވަނީ، ސިޔާސީ މީހުންނާއި އެ މީހުންގެ ދަރިންނަށް މައްސަލަތަކުގައި ލުއިދީ ހަދާކަމުގެ ތުހުމަތުކޮށް، ވަކި މީހަކަށް ވުމުން މައްސަލަތައް ނިންމުމާއި ބަންދު ޖެހުމުގައި ތަފާތުކުރާ ކަމަށް ބުނެ ވެސް ފާޑުކިޔާފަ އެވެ.
ބުނީ ކީކޭ؟ - ޖަވާބުގައި ރައީސް ވިދާޅުވީ، ވާނުވާ ބަންދުގައި މިހާރު ތިބީ 343 މީހުން ކަމަށާއި ވަރަށް ގިނަ ބަޔަކު ދޫކޮށްލާފައިވާ ކަމަށެވެ.
އެކަމަކު މިވަގުތު ވެސް ވާނުވާ ބަންދުގައި ތިބި މީހުންނަށް ބަލާއިރު، އެ މީހުންގެ ތެރޭގައި ތިބީ ބޮޑެތި ކުށްކުށުގެ ތުހުމަތުކުރެވޭ މީހުން ކަމަށް ވުމުން، އެފަދަ މީހުން ސިކުންތެއްގެ ތެރޭގައި ދޫކޮށްލެވެން އޮތަސް އެކަން އެގޮތަށް ކުރުމަކީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ހައްގެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއްވެސް ބޭފުޅަކު ޒިންމާދާރުކަން ކުޑަ ގޮތެއްގައި މިއަށް ވިދާޅުވާ އެއްޗަކަށް އަޅުގަނޑު ނުޖެހޭނެ ފަސް މިނެޓެއް ނޫން، އެއް ސިކުންތުގައި ދޫކޮށްލެވޭނޭ ވިދާޅުވިޔަސް، އަޅުގަނޑެއް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުކުރެވޭ މީހެއް، ޓެރަރިޒަމްގެ އަމަލެއް ހިންގާފައި ހުރި މީހެއް، މާރާމާރީ ނުވަތަ މަރުގެ އަމަލެއް ކޮށްފައި ހުރި މީހެއް، ޑްރަގު ޓްރެފިކް ކޮށްފައި ހުރި މީހެއް ދޫކުރާކަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ހިތުން އަޅުގަނޑަށް އޮތް ހައްގެއް ނޫން، އަޅުގަނޑަށް ލިިބިފަ އޮތް ފުރުސަތެއް ވެސް ނޫން، އަޅުގަނޑު ކޮށްގެން ވާނެ ކަމެއް ވެސް ނޫން އެއީީކީ އެއް. އެހެންވީމާ އެކަން ނުވަނީ."
ރައީސް ވިދާޅުވި ގޮތުން، ވާނުވާ ބަންދުގައި މިވަގުތު ތިބީ:
މަރުގެ މައްސަލަތަކުގައި 29 މީހުން
މާރާމާރީގެ ކުށުގައި 70 މީހުން
މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ މައްސަލަތަކުގައި 116 މީހުން
ޓެރަރިޒަމްގެ ކުށުގައި 20 މީހުން
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި 117 މީހުން
މީގެ އިތުރުން ވެސް، އެއް ޖިންސުން ގުޅުން ހިންގުން، ހަށިވިއްކުން، ތަންތަނުގައި ރޯކުރުން، ރަހީނުކުރުން، ގެވެށި އަނިޔާ، ހަތިޔާރު ބޭނުންކޮށްގެން ވައްކަން ކުރުން އަދި މަނީ ލޯންޑްރިން ފަދަ މަައްސަލަތަކުގައި ވެސް ގިނަ ބަޔަކު ވާނުވާ ބަންދުގައި ތިބި ކަމަށް ރައީސް ވިދާޅުވި އެވެ.
“ފަސް މިނެޓުގެ ތެރޭގައި މި މީހުން ދިވެހި މުޖުތަމައުއަށް ދޫކޮށްލަން ދިވެހި ރައްޔިތުން ބޭނުންވާނެތޯ؟،" އެ މަނިކުފާނު ސުވާލުކުރެއްވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެ މަނިކުފާނަށް ކޮށްދެވޭނެ ކަމަކީ، ވާނުވާ ބަންދުގެ އިތުރުން ހުރިހާ މައްސަލަތަކެއްގައި ވެސް ޝަރީއަތް އަވަސްވާނެ ގޮތަކަށް އަދި ބަންދުގައި މީހުން ގިނަ ދުވަހު ތިބެން ނުޖެހޭނެ ގޮތަކަށް ތަންފީޒީ އިދާރާތަކާއި ކޯޓުތަކަށް އެކަންކަން ފަހިކޮށްދީ، ވަސީލަތްތައް ގާއިމުކޮށްދިނުން ކަމަށެވެ.
އެ ކަންކަން މިހާރު ހުންނަނީ ކޯޓުތަކަށް ފުރިހަަމަކޮށްދީފައި ކަމަށް ރައީސް ވިދާޅުވި އެވެ.
ވާނުވާ ބަންދުގައި ތިބީ ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ މީހުން؛ 5 މިނެޓުން ދޫކޮށެއް ނުލެވޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ