މިއަހަރުގެ ދެ މިލިއަންވަނަ ފަތުރުވެރިޔަކަށް އިނގެރޭސިވިލާތުގެ ބެތެނީ ސަރާ

މި އަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް ރާއްޖެއިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މި އަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާގެ ލަގަބު ލިބިފައި ވަނީ އިނގެރޭސިވިލާތުގެ ރައްޔިތެއް ކަމުގައިވާ ބެތެނީ ސަރާ ކާސްވެލް 30އ، އަށެވެ. މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރު ކަމަށްވާއިރު ބެތެނީ ރާއްޖެ ޒިޔާރަތް ކުރީ އަލަތުކައިވެނީގެ ހަނީމޫން އައުޓްރިގާ މާފުށިވަރުގައި ހޭދަކުރުމަށެވެ.
ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާކިޔުމުގެ ގޮތުން އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ވޯޓާ ފްރަންޓް އޭރިއާގައި ވަނީ ކުލަގަދަ ހަފްލާއެއް ބާއްވާފަ އެވެ.
މިދިޔަ އަހަރު ގާއިމްކޮށްފައިވާ ދެމިލިއަން ފަތުރުވެރިޔާގެ ރެކޯޑާ އެކު މިއީ ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ދެވަނަ އަހަރެވެ. މިއީ އެންމެ އަވަހަށް މި ރިކޯޑު ގާއިމްކުރެވުނު އަހަރުގެ އިތުރުން، 2025 ގެ ލަނޑުދަނޑި ކަމަށްވާ 2.3 މިލިޔަން ފަތުރުވެރިންގެ އަމާޒު ހާސިލްކުރުން ވަނީ ވަރަށް ކައިރިވެފައެވެ.
ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ދެމިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާކިޔުމަށް ވީއައިއޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ގެ އިތުރުން ފަތުރުވެރިކަމާއި ތިމާވަށްޓާބެހޭ ވުޒާރާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއި، އިމިގްރޭޝަން، ކަސްޓަމްސްގެ އިތުރުން ސަރުކާރުގެ އެހެން މުވައްސަސާތަކާއި އަމިއްލަ ޖަމިއްޔާތަކާއި މީޑިއާތަކުން ބައިވެރިވި އެވެ.
ދެ މިލިއަން ފަތުރުވެރިޔާގެ ލަގަބު ލިބުނު ފަރާތަށް ފަތުރުވެރިކަމާބެހޭ ވުޒާރާ އާއި، ވީއެމްސީ، ކަސްޓަމްސް، އިމިގްރޭޝަން އަދި އެހެނިހެން ސްޕޮންސާތަކުން ހަދިޔާ އަދި ހޮލިޑޭ ވައުޗާ ވަނީ ހުށަހަޅާފަ އެވެ. މިދިޔަ އަހަރު ދެމިލިއަން ވަނަ ފަތުރުވެރިޔާއަށް ރާއްޖެއިން މަރުހަބާކިޔާފައި ވަނި 26 ޑިސެމްބަރުގަ އެވެ. މިއަހަރު އެ މުއްދަތުގެ މަހެއްހާ ދުވަސް ކުރިން ދެމިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ ފަތުރުވެރިކަމު މައިގަނޑު މާކެޓުތައް ކުރިއަރާފައިވާ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނެއެވެ.
ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލަކަށް ހެދުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިއަހަރުގެ ކާމިޔާބީއަށް ވާސިލުވުމުގައި އެ ކޯޕަރޭޝަނުން ބޮޑެތި ފަތުރުވެރިކަމުގެ މައުރަޒުތަކާޢި، އެކްސްޕޯ އަދި ރޯޑްޝޯ ފަދަ ހަރަކާތްތަކުގައި ބައިވެރިވެ ކުރެވެމުންދާ މަސައްތައް ބޮޑު ހިއްސާއެއް އަދާކުރާ ކަމަށް ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ