ހުކުރު ވަގުތު ވިޔަފާރިކުރުން ހުއްދައެއްނޫނެވެ.

ހުކުރު ވަގުތަކީ މާތް ވަގުތެކެވެ. ޙުރުމަތްތެރިވެގެންވާ ވަގުތެކެވެ. އެ ވަގުތު ވިޔަފާރިކުރުން ހުއްދަވެގެން ނުވެއެވެ. އެއީ ދުނިޔޭގެ ހުރިހާ ކަމަކުން ހުސްވެގެން ހުރެ، ﷲ ހަނދުމަކުރަން އޮތް ވަގުތެކެވެ. ހުކުރު ވަގުތު ޖެހުމުން ވިޔަފާރިތައް ދޫކޮށްލައި، އެ ވަގުތު މާތް ﷲގެ ޒިކުރަށް ޚާއްޞަކުރުމަށް އެއިލާހު ވަނީ މުއުމިނުންނަށް އަންގަވައިފައެވެ. ﷲ ވަޙީކުރެއްވިއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّهِ وَذَرُوا الْبَيْعَ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ‏﴾ (الجمعة: ٩) މާނައީ: " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، ﷲ ހަނދުމަކުރުމަށް (އެބަހީ: ޚުޠުބާ އަޑުއެހުމަށާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަ ކަމުގައިވާ ނަމަ، އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ." ހުކުރު ވަގުތު ވިޔަފާރިކުރުން ހުއްޓައިލާފައި ހުކުރު ޚުޠުބާ އަޑުއެހުމަށާއި ހުކުރު ނަމާދުކުރުމަށް އައުން އަޅުގަނޑުމެންނަށް މާ ހެޔޮކަން ބޮޑު ކަމުގައި އެ އަންގަވަނީ އަޅުގަނޑުމެންގެ ހުރިހާ ކަމެއް، އެންމެ މޮޅަށް ދެނެވޮޑިގެން ވާ އިލާހެވެ. އަދި އެއީ އަޅުގަނޑުމެން ކުރާ ވިޔަފާރިތަކާއި އެ ވިޔަފާރިތަކުން ލިބިގަންނަ މަންފާ ވެސް އަޅުގަނޑުމެންނަށްވުރެ މޮޅަށް، ދެނެވޮޑިގަންނަވާ އިލާހެވެ. އެއިލާހު މި ދެ ކަންތައް މުޤާރަނާ ކުރައްވައި (އަޅައި ބައްލަވައި) އެ އަންގަވަނީ ހެޔޮކަން ބޮޑީ ﷲގެ ޒިކުރަށް މީހާ އެނބުރިގަތުން ކަމުގައެވެ. މި ކަން ވިސްނޭނީ ޙިކުމަތްތެރިންނަށެވެ. ބުއްދިވެރިންނަށެވެ. ﷲ ވެސް އެންގެވީ "ތިޔަބައިމީހުން ދަންނަ ކަމުގައިވާ ނަމަ، އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ." މިފަދައިންނެވެ. ދުނިޔޭގެ ހުރިހާ ކަމެއް ދޫކޮށް، ޚާއްޞަކޮށް ދުނިޔޭގެ ޒީނަތް ކަމުގައި ވާ މުދާ އިތުރުކުރެވޭ ވިޔަފާރި ދޫކޮށް މާތް ﷲ ހަނދުމަކުރުމަށް މުޅި ޙަފުތާގެ ތެރޭގައި ގޮވައިލެވެނީ އެންމެ ފަހަރަކުއެވެ. ކުޑަ ވަގުތު ކޮޅަކަށެވެ. މީގެ ކުރީގެ އުންމަތްތަކުގައި ވެސް ﷲގެ ޒިކުރަށް ވަގުތު ޚާއްޞަކޮށް ހުސްކުރަން އަންގަވައިފައި އެބަހުއްޓެވެ. އެހެނަސް އެއީ ވަރަށް ގިނަ ވަގުތެވެ. ޔަހޫދީންނަށް ވަނީ އެ މީހުންގެ މުޤައްދަސް ދުވަސް ކަމުގައިވާ ހޮނިހިރު ދުވަހު އެއްވެސް މަސައްކަތެއް ކުރުން މަނާކުރައްވައިފައެވެ. އާދޭހެވެ! މުޅި ދުވަސް އެއްކޮށެވެ. އެ ދުވަހުގެ އިރު އެރީއްސުރެ އިރުއޮއްސެންދެން އެ މީހުންނަށް އަމުރުވެވިގެން ވަނީ އެއްވެސް މަސައްކަތެއް ނުކޮށް މާތް ﷲ ހަނދުމަކުރުމަށެވެ. މި އުންމަތަށް، ﷲ ދެއްވި ބައެއް ނިޢުމަތްތަކުގެ ތެރޭގައި މަދު ވަގުތުކޮޅަކުން ގިނަ ސަވާބު ލިބޭގޮތް ވުން އެއީ އެއް ކަމެކެވެ. އެފަދަ އަނެއް ކަމަކީ މަދު ޢަމަލަކުން ގިނަ ސަވާބު ލިބުމެވެ. އަދި ހަމަ އެހެންމެ މުޅި ބިން ޠާހިރުތަނެއް ކަމުގައި ލެއްވުމާއި ހަނދާންނެތިގެން ނުވަތަ ނޭނގި ކުރެވޭ ކަންކަމަށް ޢުޤޫބާތް ނުލިބުން ވެސް ނިޢުމަތްތަކުގެ ތެރޭގައި ހިމެނެއެވެ. ސަވާބު ހޯދުމާއި އަޖުރު ލިބިގަތުން މިހައި ފަސޭހައިން އޮންނަ އިރު ވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު އުޅޭނީ ދީނީ ކަންކަމާ ވަރަށް ދުރުގައެވެ. ދަންނަލެއް ވެސް ކުޑައީއެވެ. ނޭނގުން ވެސް ބޮޑީއެވެ. ހުކުރު ނަމާދާއި ހުކުރު ޚުޠުބާއަކީ ވެސް އެފަދަ އެއްޗެކެވެ. ހެޔޮ ޢަމަލަށް ސަވާބާއި ދަރުމަ ފަށްފަށް ވެގެން ދެއްވާ ގޮތުގައި ހުކުރުދުވަހާއި އެ ދުވަހުގެ ޢަމަލުތައް ލައްވައިފައި އެ ވަނީ، ﷲގެ ރަޙުމަތް މި އުންމަތުގެ މައްޗަށް ތަނަވަސް ވެގެންވާލެއް ބޮޑުކަމުންނެވެ. އަދި ހާޒިރުވެ ތިބެންޖެހޭ ވަގުތު އެހެން އުންމަތްތަކަށްވުރެ އެތައް ގުނައެއް މަދުކުރައްވައިފައި ވަނީ ވެސް އެހެންވެއެވެ. އަދި ހަމައެހެންމެ ކުރާ ޢަމަލަށްވުރެ އިތުރަށް އަޖުރާއި ސަވާބު ދެއްވުން ވެސް ވަނީ އެއިލާހުގެ ފަޟުލަވަންތަކަމުގެ ތެރެއިންނެވެ. އެހެންކަމުން ހުކުރު ދުވަހުގެ މާތްކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިގަންނާށެވެ! އެ ދުވަހަކީ އެ ދުވަހުގެ ހުކުރު ނަމާދު އެކަނި ކަމުގައި ބަލައިގެން ފުއްދައިލެވޭކަށް ނެތެވެ. އެ ދުވަހުގައި އޮތް ނަހީއެއްގެ ވާހަކަ ސީދާ ޤުރުއާނުގައި ގެންނަވައިފައި އެވަނީ ކަމުގެ އަހަންމިއްޔަތު ބޮޑުކަމުންނެވެ. އެހެންވީމާ އެ އަމުރަށް ނުކިޔަމަންތެރިވުމުގެ ސަޒާ ވެސް ކުޑައެއް ނުވާނެއެވެ. ހުކުރު ވަގުތުގައި ވިޔަފާރި ނުކުރަން އެންގެވީމައި އެކަން ކޮށްގެން ނުވާނެއެވެ. އެއީ ފިހާރައެއް ނުވަތަ ކެފޭ ރެސްޓޯރަންޓެއް ފަދަތަނެއްގައި ނޫނަސް، ކޮށްގެން ވާނެ ކަމެއް ނޫނެވެ. މިހެން ބުނަން މި ޖެހެނީ، މި ޒަމާނުގައި އެކިއެކި މަންސަތަކުން އޮންލައިންކޮށް ވިޔަފާރިކުރާ މީހުން ގިނަވެފައި ވާތީއެވެ. އޮންލައިންކޮށް ކުރިކަމުގައި ވިޔަސް ވިޔަފާރިކުރުން ޙަރާމު ވަގުތުގައި ވިޔަފާރި ކޮށްގެން ނުވާނެއެވެ. އެ ކަން ހިމެނޭނީ ފާފައިގެ ތެރޭގައެވެ. ހަރާމުކަންތަކުގެ ތެރޭގައެވެ. ހުކުރު ނަމާދު ނިމުމާ އެކު ވިޔަފާރި ޙަރާމުވެފައި އޮތް ވަގުތު ނިމުމަކަށް އައީއެވެ. ދެން ﷲގެ ފަޟުލަވަންތަކަމުން ދެއްވާ ތަކެތި ލިބިގަތުމަށް ބިމުގައި ފެތުރިގަތުމަށް ﷲ ވަނީ އަންގަވައިފައެވެ. ﴿فَإِذَا قُضِيَتِ الصَّلَاةُ فَانتَشِرُوا فِي الْأَرْضِ وَابْتَغُوا مِن فَضْلِ اللَّهِ وَاذْكُرُوا اللَّهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ‏‏﴾ (الجمعة: ١٠) މާނައީ: "ފަހެ، ނަމާދުކޮށް އަވަދިވެއްޖެހިނދު، ފަހެ، ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ! (އެބަހީ: ޙަޔާތުގެ މައިދާނަށް ނުކުންނާށެވެ!) އަދި ތިޔަބައިމީހުން ﷲގެ ފަޟުލުވަންތަކަމުން (ދެއްވުމަށް) އެދޭށެވެ! އަދި ތިޔަބައިމީހުން ގިނަގިނައިން ﷲ ހަނދުމަކުރާށެވެ! އެއީ ތިޔަބައިމީހުން ދިންނަވައި ނަސީބުލިބުމަށް ޓަކައެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ