ޕީއެންސީ އިން ބާއްވާ އެއްވުމަކަށް ސަރުކާރުގެ މުވައްޒަފުން ދާން މަޖުބޫރު ކުރުވަނީ ޕީއެންސީ އިން ބާއްވާ އެއްވުމަކަށް ސަރުކާރުގެ މުވައްޒަފުން ދާން މަޖުބޫރު ކުރުވަނީ

ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން އަންނަ ހަފުތާގެ ހުކުރު ދުވަހު ވެރި ރަށް މާލޭގައި ބާއްވާ އެއްވުމަކަށް ސަރުކާރުގެ އެކި ކުންފުނިތަކުގެ މުވައްޒަފުން މަޖުބޫރު ކުރުވަމުންދާ ކަން އެނގިއްޖެ އެވެ.
ސްޓެލްކޯ، އެމްޕީއެލް އަދި ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ މުވައްޒަފުން ނޮވެމްބަރު 14، ގައި ބާއްވާ އެއްވުމަށް ދާން އަންގާފައިވާ ކަމަށް މި ނޫހަށް މިހާތަނަށް ވަނީ ޔަގީންވެފަ އެވެ. އެ ކުންފުނިތަކުގެ ކޮންމެ ޑިޕާޓްމަންޓަކުން ވަކި އަދަދަކަށް މުވައްޒަފުން ނެރެން އެ ތަންތަނުގެ ވެރިން ދަނީ އަންގަމުންނެވެ.
"މިތަނުގެ ކޮންމެ ޑިޕާޓްމަންޓަކުން ވަކި އަދަދަކަށް މުވައްޒަފުން އެއްވުމަށް ދާން ދަނީ އަންގަމުން. ސީދާ ވެރިން އެކަމުގައި އުޅެނީ،" އެތަނުން އެ ކުންފުންޏެއްގެ މުވައްޒަފަކު ބުންޏެވެ.
އޭގެ އިތުރުން، ޕީއެންސީގެ އެއްވުމަށް ރަށްރަށުން މީހުން މާލެ ގެނައުމުގެ ބޮޑު އޮޕަރޭޝަނެއް ވެސް އެ ޕާޓީ އިން ވަނީ ފަށައިފަ އެވެ. އެގޮތުން، މާލެ ދަތުރު ކުރުމުގެ ހަރަދާއި ދަތުރު ކުރާ ކޮންމެ މީހަކަށް މާލީ އިނާޔަތެއް ކަނޑައަޅާފައިވާ ކަމަށް އެނގިފައިވެ އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ޕީއެންސީ އިން ބޭނުން ވަނީ އެއްވުމުގައި ބައިވެރިވާން ދަތުރު ކުރާ ކޮންމެ މީހަކަށް މާލީ އިނާޔަތެއްގެ ގޮތުގައި 1000 ރުފިޔާ ދޭށެވެ. އެކަމަކު، އެންމެ 1000 ރުފިޔާ ދީގެން މާލެއަށް ދަތުރު ނުކުރެވޭނެކަން ބައެއް ރަށްރަށުން ދަނީ ބުނަމުންނެވެ. އެގޮތުން، އެއްވުމަށް ދާން ޕީއެންސީ އިން ދޭން ބުނާ ފައިސާ މަދުވެގެން ހދ. ކުޅުދުއްފުށީގައި އެ މައްސަލަ އޮތީ ޖެހިފަ އެވެ.
ޕީއެންސީ އިން ނޮވެމްބަރު 14، ގައި ބޮޑު އެއްވުމަށް ބާއްވަން މި މަސައްކަތް ކުރަނީ، ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް ނޮވެމްބަރު 17، ގައި ބޮޑު އެއްވުމަށް ބާއްވަން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިން ރާވާފައި އޮއްވަ އެވެ.
މީގެ ކުރިން އޮކްޓޯބަރު 3، ގައި އެމްޑީޕީ އިން ބޮޑު މުޒާހާރާއެއް ބޭއްވުމުގެ އެއް ދުވަސް ކުރިން އޮކްޓޯޯބަރު 2، ގައި ވެސް ޕީއެންސީ އިން ވަނީ މާލޭގައި އެއްވުމެއް ބާއްވައިފަ އެވެ. އެ އެއްވުން ބޭއްވީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީއެންސީގެ ޖަގަހައިގަ އެވެ.
ޕީއެންސީ އިން އޮކްޓޯބަރު 2، ގައި ބޭއްވި އެއްވުމުގައި ވެސް ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން ބައިވެރި ކުރަން މަޖުބޫރު ކުރުވި އެވެ. އަދި ސަރުކާރުން ސިޔާސީ ވަޒީފާތައް ދީފައިވާ މީހުން ވެސް އެ އެއްވުމުގައި ބައިވެރިވާން މަޖުބޫރު ކުރުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ