"ބިންވެރިޔާ" މަޝްރޫއުގެ ދަށުން ދޫކުރާ ގޯތީގެ މައުލޫމާތު ހިއްސާ ކުރުން މިއަދު ހަވީރު

"ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓު މިއަދު އާންމުކުރައްވާނެ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ވިދާޅުވީ "ބިންވެރިޔާ" މަޝްރޫޢުގެ ދަށުން ދޫކުރާ ގޯތީގެ މައުލޫމާތު ހިއްސާކުރުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުން މިއަދު އޮންނާނެ ކަމަށެވެ.
މިއަދު ހަވީރު 4 ޖަހާއިރު، ބާއްވާ މި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތޫ ހިއްސާ ކުރައްވާނީ ގެދޮރުވެރިކަމާއި ބެހޭ ވަޒީރު މުހައްމަދު އަސްލަމް އާއި ގެދޮރުވެރިންގެ ކޮމިޓީގެ މެންބަރުން ކަމަށް ވެސް ވިދާޅުވެއެވެ.
އެހެންނަމަވެސް އިތުރު ތަފްސީލެއް އަދިހާމައެއް ނުކުރައްވައެވެ.
ސަރުކާރުން ކުރިން ވިދާޅުވެފައިވަނީ ލިސްޓުތައް އާންމުކުރުމަށް ފަހު، ޝަކުވާ ހުށަހެޅުމަށް މުއްދަތެއް ދޭނެ ކަމަށާއި ދާއިމީ ލިސްޓު ކަނޑައަޅާނީ އޭގެ ފަހުން ކަމަށެވެ.
ސަރުކާރުގެ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ޕްރޮގްރާމަށް ހުޅުވާލުމުން 35،800 މީހުން ކުރިމަތިލާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް ކުރިމަތިލި 20،600 މީހުންނާއި ގޯއްޗަށް ކުރިމަތިލި 15،200 މީހުން ހިމެނެއެވެ. އަދި ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން 14،400 މީހުން ތިން ކޮޓަރީގެ އެޕާޓްމެންޓަށް ކުރިމަތިލީއިރު، 6،200 މީހުން ކުރިމަތިލާފައިވަނީ ދެ ކޮޓަރީގެ އެޕާޓްމެންޓަށެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި އަންނަނީ 32 ޓަވަރުގައި 4،000 ފްލެޓު އަޅަމުންނެވެ. މި އަހަރު ނިމުމުގެ ކުރިން އެތަނުން އަށް ޓަވަރެއްގެ މަސައްކަތް ނިންމަން ވަނީ އަމާޒު ހިފާފައެވެ.
މި މަޝްރޫއުގައި ހިމެނެނީ 17 އަދި 18 ބުރީގެ ޓަވަރުތަކެވެ. ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހުންނާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 އެޕާޓްމެންޓާއި ތިން ކޮޓަރީގެ 2،800 އެޕާޓްމެންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ