އިންޑިއާ އަދި ޗައިނާއާއެކު ވެސް ދެމިހުންނާނީ ހެނދުނު ފުރައްސާރަކޮށް ހަވީރު ފިރުމާ ގޮތަކަށް ނޫން: ރައީސް

ކުރިއަށްއޮތް ދައުރުގައި ވެސް އިންޑިއާ ފަސް ޕޮލިސީ އާއި ވަން ޗައިނާ ސިޔާސަތުގައި ދެމިހުންނަވާނީ ހެނދުނު ފުރައްސާރަކޮށް ހަވީރު ފިރުމާ ގޮތަށް ނޫން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކުރިއަށްއޮތް ތަނުގައި ވެސް އެމަނިކުފާނުގެ ސިޔާސަތަކީ އިސްލާމްދީނުގެ ސައްހަ އަގީދާ އާއި، ދިވެހި ގައުމިއްޔަތާއި، އިސް އުފުލޭނެ ހާރިޖީ ސިޔާސަތު ކަމަށެވެ.
"އިންޑިއާ ފަސްޓް ޕޮލިސީ އާއި، ވަން ޗައިނާ ސިޔާސަތުގައި އަޅުގަނޑުމެން ދެމިތިބޭނީ ހެނދުނު ފުރައްސާރަކޮށް ހަވީރު ފިރުމާ ގޮތަކަށް ނޫން. ހަގީގަތުގައި ވެސް އެކަން ގަބޫލުކޮށްގެން އަޅުގަނޑުމެން އެކަން ކުރަނީ. ކުރިއަށްއޮތް ތަނުގައި ވެސް އަޅުގަނޑުމެން އެކަކުވެސް ބާކީއެއް ނުކުރާނަން، އެންމެ ރަށެއް ވެސް ބާކީއެއް ނުކުރާނަން، ތަފާތެއް ނުކުރާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެތައް ދަތި އުނދަގުލެއްގެ ތެރެއިން އައިސް، ހޯއްދެވުމަށް މަސައްކަތްކުރައްވަމުން ގެންދަވަނީ އުފާވެރި އަމާން ރާއްޖެއެއް ކަމަށާއި އެ ކާމިޔާބީގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އިންތިހާބެއް ކާމިޔާބުކުރުމަށް ވަރަށް ގިނަ ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ. އަޅުގަނޑުމެން އެކަންކޮށް މި ނިންމަނީ. އެހެންނަމަވެސް ގަބޫލުކުރައްވައްޗޭ ނަތީޖާ ބަދަލުކުރަން ބޭނުންވަނީ ހަމަ އެންމެ ވޯޓެއް. އެ ވޯޓަކީ ތިއިން ކޮންމެ ބޭފުޅެއްގެ ވޯޓު ކަމުގައި ހައްދަވާ. ނުކުމެވަޑައިގެން އަޅުގަނޑުމެންނާއެކީގައި ވޯޓު ދެއްވާ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ އެމަނިކުފާނު ގެންނަން އުޅުއްވާ ހެޔޮ ބޮޑު ބަދަލުގައި ހުރިހާ ރައްޔިތުން އެކީގައި ބައިވެރިވެވަޑައިގެންނެވުމަށް އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ