ސޮވެރިން ފަންޑުގެ ފައިސާ އިތުރުކޮށް، ގާނޫނެއް ހަދައި ރައްކާތެރިކަން ދޭނަން: މުއިއްޒު

ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފެއްދެވި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އަށް އަލުން ޑޮލަރު ޖަމާކުރަން ފަށާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގެ ތެރެއިން މުއިއްޒުގެ އިގުތިސޯދީ މެނިފެސްޓޯ އާންމުކުރަން މޫނިމާ ބިލްޑިންގައި މިރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ، އޭނާގެ ސަރުކާރެއްގައި އެސްޑީއެފް ފަންޑަށް ގާނޫނީ ރައްކާތެރިކަން ދޭނެ ކަމަށެވެ.
"އަނެއްކާވެސް އަޅުގަނޑުމެން އެސްޑީއެފްގައި ޖަމާކުރާނީ ޑޮލަރުން. ޑޮލަރު އެއާޕޯޓަށް ލިބޭ ޑޮލަރާ ޓޫރިޒަމް ސެކްޓާއިންނާ އެކި ގޮތް ގޮތުން އަޅުގަނޑުމެން ގާނޫނެއް ހަދައިގެން، ގާނޫނީ ބާރުވެރިކަމާއެކީގައި އެސްޑީއެފް ހިމާޔަތްކޮށްގެން އެއަށް ޑޮލަރު ލިބޭނެ އިތުރު ގޮތްތަކެއް ކަނޑައަޅައިގެން، އެސްޑީއެފްއަކީ މަހުން މަހަށް ގިނަ އަދަދެއްގެ އާމްދަނީ ޖަމާވާ ފަންޑަކަށް ހަދާނަން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ޔާމީންގެ ސަރުކާރު ނިމުނުއިރު ސޮވެރިން ފަންޑުގައި ޑޮލަރު ހުރި ނަމަވެސް މި ސަރުކާރުން އެ ޑޮލަރު އެކި ބޭނުންތަކަށް ނަގައި އެ ފެންޑަށް ދިވެހި ރުފިޔާ ޖަމާކުރަން ފަށާފައިވާ ކަމަށެވެ. އަދި ސަރުކާރުން ދަނީ އެ ފައިސާވެސް އެކި ކަންކަމުގައި ބޭނުންކުރަމުން ކަމަށް ވިދާޅުވިއެވެ.
މި ސަރުކާރުން އާމްދަނީ ހޯދަން ޓީ ބިލާއި ސުކޫކު އަދި ބޮންޑު ރާއްޖެއިން ބޭރަށް ވިއްކާފައިވާކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ ފާއިތުވި 40 އަހަރުގެ ތެރޭގައި ރާއްޖޭގައި ޗާޕުކުރި ފައިސާގެ އަދަދު ހަ ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. ނަމަވެސް 2018 ވަނަ އަހަރުން ފެށިގެން މިއަދުގެ ނިޔަލަށް މި ސަރުކާރުން އަށް ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ތަކެތީގެ އަގުބޮޑުވެފައިވާ ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ