ތިނަދޫ އިންޖީނުގެ ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް ހުޅުއްވާދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވ. ތިނަދޫގެ އައު އިންޖީނުގެ ރަސްމީކޮށް މިއަދު ހުޅުއްވާދެއްވާފިއެވެ.
ތިނަދޫގައި އައު އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފްވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މިކަމާއި ގުޅޭގޮތުން ސްޓެލްކޯއިން ބުނެފައިވަނީ ތިނަދޫ އައު އިންޖީނުގެ އަޅާފައިވަނީ އެ ރަށުގައި ކުރިން ކަރަންޓުގެ ހިދުމަތްދެމުންގެންދިޔަ އިންޖީނުގެ އާންމުން ދިރިއުޅޭ ހިސާބެއްގައި ހުރުމުން އިންޖީނުގެ ދުމާއި، އަޑުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށާއި، އެ ރަށުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކަށް އަދި ފަތުރުވެރިންނަށްވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދިއުމާއި ގުޅިގެން، އެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.
Advertisement
މިއާއިއެކު ތިނަދޫގެ އިންޖީނުގެއަކީ 2010 ވަނަ އަހަރު ރައްޔިތުންގެ އިންޖީނުގެތައް ސަރުކާރުން ހިންގަން ހަވާލުވާން ފެށުމާ އެކު، ސްޓްލްކޯއިން ހަވާލުވި ފުރަތަމަ އިންޖީނުގެ ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ސްޓެލްކޯއިން އެ ރަށުގެ ކަރަންޓްގެ ކަންތައްތަކާ ހަވާލުވި އިރު ހުރީ ވަރަށް ކުޑަ، އެންމެ ޖަނަރޭޓަރެއް ނަމަވެސް، މިއަދު އަލަށް ރަސްމީކޮށް ހުޅުވުނު އިންޖީނުގެ ހުޅުވުމާއި ހަމަޔަށްވެސް، ބައު އިންޖީނުގޭގައި އާޖަނަރޭޓަރުތައް ބަހައްޓައި ރައްޔިތުންގެ އެދުމާ އެއްގޮތަށް މެދުނުކެނޑި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
އަދި ސްޓެލްކޯގެ ހިދުމަތް ގުޅިފައި ވަނީ އާންމު ރައްޔިތުންނާއި ވިޔަފާރި ގުޅުވައިދޭ ވަރަށް މުހިންމު ނާރެހަކަށް ކަމަށްވުމާއެކު، ތިނަދޫގެ އާބާދީ އާއި ރަށުގެ އިގްތިސާދު އެކަމަށް ބިނާވާ ލޯކަލް ޓުއަރިޒަމްގެ މަސައްކަތުގައި ސްޓެލްކޯގެ ދައުރު ބޮޑުކަމަށް ދެކި، ބައު އިންޖީނުގެއަކީ ޑިމާންޑާއި އެއްވަރަށް ކޭޓާ ކުރުމުގައިވެސް ދަތިތަކެއް ހުރިތަނަކަށްވުމުން، އައު އިންޖީނުގެއެއް އެޅުމަށް އެކުންފުނިން ނިންމާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
އެގޮތުން އިންޖީނުގޭގެ ބިންގާ އަޅާފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު 24 ގައި ކަމަށް ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ބައު އިންޖީނުގެއިން ރައްޔިތުންނަށް ވަމުންދިޔަ އުނދަގޫތަކުން ސަލާމަތްކޮށްދެއްވާނެ ކަމަށް، ތިނަދޫގެ ރައްޔިތުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2018 ގައި ވެވަޑައިގެންނެވި، ވައުދާ އެއްގޮތަށް މިއަދު ތިނަދޫގައި ރަސްމީކޮށް، ހުޅުވި އިންޖީނުގެއަކީ އެންމެ ޒަމާނީ، އަޑުމަޑު އިންޖީނުގެ އެއް ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ތިނަދޫގެ އައު އިންޖީނުގެއަކީ 1.3 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ އަދި ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ޖަނަރޭޓަރު ސެޓް ބެހެއްޓޭގޮތަށް ފަރުމާކޮށްފައިވާ އިންޖީނުގެއެއް ކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.
މިއާއިއެކު ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށާއި، އިޔާދަ ކުރަނިވި ހަކަތައަށް އިސްކަންދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ތިނަދޫގެ އައު އިންޖީނުގޭގެ ފުރާޅުގައިވެސް 30 ކިލޯވޮޓްގެ ސޯލާ ޕެނަލްވެސް ވަނީ ހަރުކޮށްފައި ކަމަށް ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައެވެ.
ރައީސް ޞާލިހު މިއަދު ތިނަދޫއަށް ވަޑައިގެންފައިވަނީ އެމަނިކުފާނުގެ ކެމްޕެއިންގެ ތެރެއިން ވ އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ތަކުގެ ތެރެއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ