ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުންނަށް ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދޭނަން: ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުންނަށް ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެށުމަށް އދ. މާމިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ގާސިމް ވަނީ އަސްކަރިއްޔާގެ އަދަދު އިތުރުވެ، މިހާރު ސިފައިންގެ އެކޮމޮޑޭޝަންއެއްގެ ގޮތުގައި ބޭނުންކުރަމުންދާ ބަންޑާރަކޮށީގައި ޖާގައިގެ ދަތިކަން ކުރިމަތިވާކަން ފާހަގަކުރައްވާފައެވެ. އެފަރާތްތަކަށް އެކޮމަޑޭޝަން ދޭނެކަމަށް ކޮންމެ ސަރުކާރަކުން ވެސް ބުނާކަމަށާއި، އެކަމަކު އެކަން ހަގީގަތަކަށް ނުވާކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.
ގާސިމްވަނީ ސިފައިންނާއި ފުލުހުން، އެބޭފުޅަކު އޭރަކު ވަޒީފާ އަދާކުރާ ތަނެއްގައި މި އިންތިޒާމު ހަމަޖައްސާދޭނެކަމުގެ ޔަގީންކަން އަރުވާފައެވެ. މިގޮތުން ބަންޑާރަ ކޮށީގެ އެއްބައި ހުސްކޮށް، އެތަންތަން ބައިބަޔަަށް ބަހާލައިގެން 15 ބުރިއަށް އިމާރަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެކަަމަށް ގާސިމް ވިދާޅުވިއެވެ.
މަގާމުގައި ތިބިހާދުވަހަކު ފަނޑިޔާރުންނަށް ވެސް މި ހިދުމަތް ދޭނެކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމްވަނީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހިޔާ ފްލެޓްތަކާއި ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ ކުލިވެސް މައާފުކޮށްދެއްވާނެކަމަށް މީގެކުރިން ވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ