މިއަހަރުގެ ސެޕްޓެންބަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރައްވަން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ރަސްމީކޮށް ނިންމަވައިފިއެވެ.
މިއަހަރުގެ ސެޕްޓެންބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއި ގުޅިގެން މަސައްކަތްކުރުމާމެދު ގޮތެއް ނިންމުމަށް ޖުމްހޫރީ ޕާޓީއަށް ދައުވަތުދެއްވާ މިއަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު، ރައީސް ފޮނުވާފައިވާ ސިޓީގެ ޖަވާބުގައި ގާސިމް ވަނީ، 2008 ވަނަ އަހަރާއި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓް އިންތިހާބުކުރެއްވުމަށް އެމަނިކުފާނު ތާއީދުކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ.
ގާސިމް ވިދާޅުވީ، އެ ދެފަހަރުވެސް ޖުމްހޫރީ ޕާޓީން އެމްޑީޕީއަށް ތާއީދުކުރީ، އެމްޑީޕީން ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ކަށަވަރުކޮށްދޭނެ ކަމަށް ވައުދުވެ ދެއްވި ޔަގީންކަމުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
ނަމަވެސް، މި ސަރުކާރުން މިހާތަނަށް އަމަލު ކުރެއްވި ގޮތުންނާއި ކަންކަން ހިނގަމުންދާ ގޮތުން، އެ ޕާޓީން އިސްވެއޮވެ އުފައްދާ ކޯލިޝަނަކުން ވާދަކުރައްވަން ނިންމަވާފައިވާ ކަމަށާއި، އެ ނިންމެވުން ތަންފީޒު ކުރުމަށްޓަކައި އެމަނިކުފާނު ސާބިތުވެހުރި ކަމަށް ގާސިމްގެ ސިޓީގައި ވެއެވެ.
ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އިސްވެއޮވެ އުފައްދާ ކޯލިޝަނަކުން ވާދަކުރައްވަން ޖުމްހޫރީ ޕާޓީން ނިންމާފައިވާއިރު، އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމާ ރިޔާސީ ޓިކެޓް ހަވާލުކުރުމާއި، ކެމްފެއިން ލޯންޗްކުރުމުގެ ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ، މިރޭ 8:30ގައި އަލިމަސް ކާނިވަލުގައެވެ.
ރިޔާސީ އިންތިހާބުގައި ޖޭޕީއާ އެކުގައި ކޯލިޝަން ހަދައިގެން ނުކުތުމަށް ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކަށް ދައުވަތު ދީފައިވާއިރު، އެ ފުރުސަތުގެ ބޭނުން އެއްވެސް ޕާޓީއަކުން އަދި ހިފައިފާއެއް ނުވެއެވެ. ނަމަވެސް، އެކި ސިޔާސީ ޕާޓީތަކާއެކު އަދިވެސް އެކަމުގެ މަޝްވަރާތައް ކުރަމުންގެންދާ ކަމަށާއި، ކޯލިޝަން ހެދުމުގެ މަޝްވަރަތައް ނުހުއްޓޭކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއީ އަދި ދެކުނު ކެމްޕެއިން މެނޭޖަރު އިލްހާމް އަހުމަދު ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ނުކުރައްވަން ގާސިމް ރަސްމީކޮށް ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ