އެމްޑީޕީއަށް އެއްބާރުލުން ނުދޭ ބޭފުޅުން މިނިސްޓަރުކަމުގެ މަގާމުގައިވެސް ތިބެގެންނުވާނެ ކަމަށާއި ލަސްނުކޮށް މިކަމަށް ގޮތް ނިންމަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ކުޑަ ޕާޓީއެއްގެ ފަހަތައް ބޮޑު ޕާޓީއެެއް އަރައިފިނަމަ ބޮޑު ޕާޓީގެ ސައިޒުކުޑަވެ ހައިބަތު ގެއްލިދާނެ ކަމަށް ވިދާޅުވެ ވެރިކަން ކުރާ މައި ޕާޓީއެއް އޮތުމަށްފަހު ދެން އޮންނާނީ އިދިކޮޅު މައި ޕާޓީއެއް ކަމަށް ވިދާޅުވެފައެވެ.
އަދި މިސަބަބާއިހުރެ ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީކަމަށްވާ އެމްޑީޕީއާއި ޕީޕީއެމުން ދެން ތިބި ކުދި ޕާޓީތަކުގެ ފަހަތައް އަރައި އެ ޕާޓީތަކާއިއެކު ކޯލިޝަން ހަދަންޖެހޭ ސަބަބެއް ނެތް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ނަމުގައި ތިބި ބައެއް ބޭފުޅުން މަސައްކަތްކުރައްވަނީ އެމްޑީޕީގެ ސައިޒުކުޑަކުރުމުގެ މަސައްކަތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ކޯލިޝަން ހެދުމުން ކުރަންޖެހޭ މަސައްކަތް ލުއިވާނެ ކަމަށާއި އެހެންނަމަވެސް މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަން ނުހެދިޔަސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ރިޔާސީ އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.
އަދި އެތެރެއާއި ބޭރުން އެމްޑީޕީއަށް އަންނަ ގޮންޖެހުންތަކާއި އެމްޑީޕީގެ ނަމުގައި ތިބެ ޕާޓީގެ ވެރިކަން ނައްތާލަން މަސައްކަތްކުރާ މީހުންނަށް އެ ފުރުސަތު ނުދީ އެމްޑީޕީގެ ވެރިކަން ދިފާއުކުރުމަށް އަތުކުރި އޮޅާލައިގެންތިބި ކަމަށް ޝަރީފް ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން ޝަރީފް ވަނީ ރައީސް ނަޝީދަށް ފާޑުވިދާޅުވެފައެވެ. އަދި ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއިއެކު ބައިވެރިވާން ބޭނުންނުވާ ޕާޓީއެއްގެ މެންބަރުން ސަރުކާރު އެކްޒެކިއުޓިވް ޕޮސިޝަންތަކުގައި އިންތިހާބަކަށްދާއިރު ތިބެގެންނުވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފްވަނީ ޕީޕީއެމުން ރިޔާސީ ކެންޑިޑޭޓަކު ނެރޭނެ ކަމަށް ދައްކާ ވާހަކަތަކަށް ރައްދުދީ މިވާހަކަ ގަބޫލުކުރަން ދަތި ކަމަށް ވިދާޅުވިއެވެ.
ޝަރީފަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ އެމަނިކުފާނާއި އިދިކޮޅު ފަރާތްތަކަށް ރައްދުދެއްވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.
އެމްޑީޕީއަށް އެއްބާރުލުން ނުދޭކަމަށްވާނަމަ މިނިސްޓަރުކަމުން އިސްތިއުފާދީ: މެމްބަރު ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ