ހިންދޫންގެ ރާމް "ކަލާނގެ"އަށް ސަނާ ނުކިޔައިގެން މަހަރަޝްތުރާގެ އިމާމެއް ގައިގައި ތަޅައި ތުނބުޅި ކޮށާލައިފި

އިންޑިއާގެ މަހަރަޝްތުރާ ސްޓޭޓުގެ އަންވާ އަވަށުގެ މިސްކިތެއްގައި އިމާމުވެ ނަމާދުކުރާ އިމާމެއް، ހިންދޫ ދީނުގެ ކަލާނގެ ރާމްއަށް ސަނާ ކިޔައި "ޖައި ޝްރީ ރާމް" ނުބުނުމުން އޭނާ ގައިގައި ތަޅައި އަނިޔާކޮށް ތުނބުޅި ބާލައިފިއެވެ.
އިންޑިއާ ޓުޑޭ ނޫހަށް މައުލޫމާތު ދެމުން ޒާކިރް ސައްޔިދު ޚާޖާ ނަމަކަށް ކިޔާ އިމާމު ބުނީ އެ ހާދިސާ ހިނގީ އޭނާ އިމާމުވެ ނަމާދުކުރާ މިސްކިތުގެ ބޭރުގައި މަޑުކޮށްލައިގެން ޤުރުއާން ކިޔަވަން އިންދާ އާދީއްތަދުވަހުގެ 7:30 ހާއިރު ކަމަށެވެ.
އޭނާ ކިޔައިދިން ގޮތުގައި ކޮން ބައެއްކަން ނޭނގޭ ބަޔަކު މޫނު ނިވައިކޮށްގެން ތިބެ މިސްކިތަށް ވަދެ އޭނާ ލައްވާ ގަދަކަމުން "ޖައި ޝްރީ ރާމް" ކިޔުއްވަން އުޅުނީ ޒާކިރު ޤުރުއާން ކިޔަވަން އިންދައެވެ. އެމީހުން އެދުނު ގޮތަށް ކުފުރުގެ ބަސްތަކެއް ބުނަން ދެކޮޅުހެދުމުން މިސްކިތުން ބޭރަށް އޭނާ ދަމައި ނެރެ ތިން މީހަކު އޭނާ ގައިގައި ތަޅައި އަނިޔާކުރިކމަަށްވެސް ޒާކިރު ކިޔައިދިނެވެ.
އިމާމް ބުނި ގޮތުގައި އޭނާއަށް ހަމަލާދިން މީހުން ކެމިކަލް ލާފައިހުރި ފޮތިގަނޑެއް ބޭނުންކޮށްގެން އޭނާ ހޭނައްތުވައިލިއެވެ. އޭނާއަށް ހޭވެރިކަންވީއިރު އޭނަގެ ތުނބުޅިވެސް ބުރުކޮށް ކޮށާލާފައިވާކަން އެނގުނުކަމަށް ޒާކިރު ބުންޏެވެ.
މިސްކިތަށް ނަމާދަށް މީހުން 8:00 އަށް އައިއިރު ޒާކިރު ހޭނެތިފައި އޮތްތަން ފެނުމުން އޭނާ އަވަހަށް ސަރުކާރު ހަސްފަތާލަކަށް ގެންދިޔައެވެ. އެއަށްފަހު އެ ހޮސްޕިޓަލުން އޯރަންގްބާދުގައި ހުންނަ ގަވަމެންޓް މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލަށް އޭނާ ބަދަލުކޮށް މިހާރު އެތަނުގައި އޭނާއަށް ފަރުވާދެމުން އަންނަކަމަށް އިންޑިއާ ޓައިމްސް ނޫހުން ރިޕޯޓުކުރިއެވެ.
އެ މައްސަލަ ފެންމަތިވުމާއެކު ފުލުހުންގެ ޓީމެއް އަންވަރް އަވަށަށް އައިސް އެ މައްސަލައިގެ ތަހުގީގުވަނީ ފަށާފައވެެ.
މަހަރަޝްތުރާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަބޫ އާސިމް އަޒްމީވަނީ އެ ސްޓޭޓުގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ޑެވެންޑާ ފަޑްނާވިސްއަށް އެ މައްސަލަ ތަހުގީގުކޮށް ޤާނޫނުގެ ދަށުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުއެޅުމަށް ގޮވައިލައްވާފައެވެ.
މި ހާދިސާއަށްފަހު އަންވަރު އަވަށުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، އެ ސަރަހައްދުގެ ސުލްހަ ދެމެހެއްޓުމަށް ގިނަ އަދަދެއްގެ ފުލުހުން އެ ސަރަހައްދަށް ފޮނުވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ