ރިޔާސީ އިންތިޚާބަށް 4 މަސް، ސިއްހީ ދާއިރާގެ ސްކޮލާޝިޕާއި ލޯނު ދޭން އިއުލާނުކޮށްފި

ރިޔާސީ އިންތިހާބަށް ހަތަރު މަހަށް ވެފައިވާއިރު ސިއްހީ ދާއިރާއިން ދިވެހިން ބިނާކުރުމަށް ސްކޮލާޝިޕް އާއި ލޯނު ދޭން ނިންމާފައިވާކަން ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ހާމަކުރައްވައިފިއެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލުތައް އިއުލާނުކުރައްވައި ރައީސް އިބްރާހިމް މިއަދު ވިދާޅުވީ ސިއްހީ ނިޒާމަށް އާ ހިދުމަތްތަކާއި ވަސީލަތްތައް ތައާފަރުކުރި ނަމަވެސް، އެ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދާއިރާއަށް ޝައުގުވެރިވާ ދިވެހިން މަދުވުން ކަމަށެވެ.
އެގޮތުން ރައީސް އިބްރާހިމް ވަނީ ސިއްހީ ދާއިރާގައި ދިވެހިން ނެތް ނަމަވެސް، މުސާރަ ބޮޑު، ފަންނީ ދާއިރާތައް ފާހަގަކުރައްވައިފައެވެ.
ރައީސް އިބްރާހިމް ވިދާޅުވީ މެޑިކަލް އަދި ޑެންޓަލް އިންޓާންޝިޕް ފުރިހަމަ ކުރާ ފަރާތްތަކަށް އިންޓާން އެލަވެންސް ދޭން ނިންމާފައިވާކަމަށެވެ.
ރިޔާސީ އިންތިހާބަށް ކުޑަދުވަސްކޮޅަކަށް ވެފައި ވަނިކޮށް ސްކޯލާޝިޕްތައް އިއުލާނުކޮށްފައިވާއިރު ދިވެހި ޑޮކްޓަރުންގެ ތެރެއިން އެމްބީބީއެސް އަދި އެމްޑީ ފުރިހަމަކޮށްފައިވާ ޑޮކްޓަރުން އިތުރަށް ތައުލީމު ހާސިލުކޮށް ސްޕެޝަލައިޒްވުމަށްމި ސަރުކާރުން ފާއިތުވި 4 އަހަރު ތެރޭގައި ފޮނުވާފައިވަނީ އެންމެ ފަސް ޑޮކްޓަރުންކަން ވަނީ ހާމަވެފައެވެ.
އެކަން ހާމަވީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުން ފެށިގެން މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ސްޕެޝަލައިޒްވުމަށް މިނިސްޓްރީ އޮފް ހެލްތުގެ މާލީ އެހީތެރިކަމާއެކު، އެ މިނިސްޓްރީއާއެކު އެއްބަސްވުމެއް ހަދައިގެން ބޭރަށް ފޮނުވާފައިވާ ޑޮކްޓަރުންގެ އަދަދު ހޯދުމަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން "ދިޔަރެސް"އިން އެދުމުން މިނިސްޓްރީން ހިއްސާކުރި ހިސާބުތަކުންނެވެ.
އެ ހިސާބުތަކަށް ބަލާއިރު ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޑޮކްޓަރުންވަނީ ނޭޕާލަށް ސްޕެޝަލައިޒްވުމަށް ފޮނުވާފައެވެ. އެ ޑޮކްޓަރުންނަކީ އަތޮޅު ތެރޭގެ ހޮސްޕިޓާތަކުގައި ޚިދުމަތްކުރުން ޝަރުތުކޮށް ސަރުކާރުގެ ޚަރަދުގައި ކިޔަވަން ފޮނުވި ޑޮކްޓަރުންނެވެ.
މި ޑޮކްޓަރުން ފޮނުވާފައިވަނީ ނޭޕާލުގެ ދެ ޔުނިވާސިޓީއަކަށެވެ. އެއީ ނޭޕާލުގެ ޓްރިބުވާން ޔުނިވާސިޓީއާއި ނޭޝަނަލް އެކަޑެމީ އޮފް މެޑިކަލް ސައެންސަސްއެވެ. އެއިން ޓްރިބުވާން ޔުނިވާސިޓީއަށް ކިޔަވަން ފޮނުވި ކޮންމެ ޑޮކްޓަރަކަށް ޖުމްލަ 800،174.84 ރުފިޔާ ޚަރަދުކޮށްފައިވާއިރު ނޭޝަނަލް އެކަޑެމީ އޮފް ސައެންސަސްއަށް ފޮނުވި ކޮންމެ ޑޮކްޓަރަކަށް 649،058.64 ރުފިޔާ ދައުލަތުން ޚަރަދުކުރިއެވެ.
މި ސަރުކާރުގެ ފުރަތަމަ އަހަރުގައި 5 ޑޮކްޓަރަކު ކިޔަވަން ފޮނުވާފައިވެއެވެ. ނަމަވެސް 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު އަދި 2022 ވަނަ އަހަރުވެސް އެންމެ ޑޮކްޓަރެއްވެސް ސްޕެޝަލައިޒްވުމަށް ފޮނުވާފައިނުވެއެވެ. މި ސަރުކާރުން ފޮނުވި ފަސް ޑޮކްޓަރުންނަކީ 2018 ވަނަ އަހަރު ކިޔަވަން ދިއުމުގެ ފުރުސަތު ހަމަޖެހިފައިވާ ޑޮކްޓަރުންކަމަށް "ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ