އެމްޑީޕީގެ ޕްރައިމަރީ ބާޠިލުކުރަން ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ޞައްޙަ ނޫންކަމަށް ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓަށް ހުށައެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ޞައްޙަ ނޫންކަމަށް ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށައެޅީ ޢަލީ އަމްޖަދު ކިޔާ މީހެކެވެ. އެމްޑީޕީގެ ޕްރައިމަރީއާއި ގުޅޭގޮތުން ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލާގައި ވަނީ، ޕާޓީގެ މެންބަރުކަމުން ވަކިކުރުމަކީ، އެ މެންބަރަކާމެދު އެޅޭ ފިޔަވަޅެއްކަން އެމްޑީޕީގެ އަސާސީ ޤަވާއިދުގައި ބަޔާންކުރާއިރު، އެޕާޓިން 39،000 މެންބަރުން ވަކިކޮށްފައިވަނީ އިޖްރާޢަތްތައް ފުރިހަމަ ނުކޮށްކަމަށެވެ. އެހެންކަމުން އެ މެންބަރުންގެ ވޯޓުދިނުމުގެ ހައްގު ގެއްލޭގޮތަށް ބޭއްވި ޕްރައިމަރީ ޞައްހަ ނޫންކަމަށް ކަނޑައަޅައި، އަލުން ޕްރައިމަރީ ބޭއްވުމަށް އެމްޑީޕީގެ މައްޗަށް ޢަމުރުކޮށްދިނުމަށް އޭނާ އެދިފައިވެއެވެ.
ނަމަވެސް އެ މައްސަލަ ހުށަހެޅި ޢަލީ ޢަމްޖަދަކީ އެމްޑީޕީ މެމްބަރަކަށް ނުވާތީ މިމައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމައި މިއަދު ވަނީ ސިވިލް ކޯޓުން ބޭރުކޮށްލާފައެވެ. މިމައްސަލައިގެ ޙުކުމުގައި ބުނެފައިވަނީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ވޯޓާސް ލިސްޓުގައިވެސް ނަން އޮތްކަމަށް އޭނާގެ ވަކީލް ދިޔާނާ ސައީދު ވިދާޅުވެފައި ވީނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި އަމްޖަދުގެ ނަން އޮތީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ކަމަށެވެ. އަދި މިކަން އިލެކްޝަންސް ކޮމިޝަނުން ކަށަވަރު ކޮށްދީފައިވާކަމަށް ޙުކުމުގައިވެއެވެ.
މިމައްސަލަ ކޯޓުން ކުރިއަށް ނުގެންދެވޭނެކަމަށް ނިންމަވައި، މައްސަލަ ބެއްލެވި ޤާޟީ އައިޝަތު އަޒްފާ އަބްދުލްޣަފޫރު ކުރެއްވި ޙުކުމުގައި ވަނީ، މިފަދަ މައްސަލަތައް ބެލުމުގެ އިސްތިޞާސް އޮތުމާއި ގުޅޭގޮތުން މަތީ މަރުހަލާގެ ކޯޓުގެ ބައެއް ނިންމުންތަކަށްވެސް ރިޢާޔަތް ކުރައްވާފައެވެ.
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ކަނޑައެޅުމަށް މިއަހަރުގެ ޖެނުއަރީ މަހުގެ 28ގައި ބޭއްވި ޕްރައިމަރީގައި ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ކާމިޔާބު ހޯއްދެވީ ބޮޑު ތަފާތަކުންނެވެ. ޕްރައިމަރީގައި ރައީސް ޞާލިޙަށް %61 ލިބިވަޑައިގެންފައިވާއިރު، އެއީ 24572 ވޯޓެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ 15631 ވޯޓާއެކު %39އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ