ނަޝީދާއި ގާސިމް ބައްދަލުކުރަން އެދިފައިވޭ، އަޅުގަނޑު ތައްޔާރު: ރައީސް

މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދި އެމަނިކުފާނު ވެރިކަމަށް ގެނައުމަށް ތާއީދު ކުރައްވާފައިވާ ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރެއްވުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައިވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހާ ބައްދަލުކުރައްވަން ބޭނުންފުޅުވެ، ގާސިމާ ނަޝީދުގެ ފަރާތްޕުޅުން ރައީސަށް ހުށަހެޅުމެއް ލިބިފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި މިމަހުގެ މެދެއްހާ ހިސާބުގައި ރިޕޯޓުކުރިއެވެ. އެކަން ރިޕޯޓު ކޮށްފައި އޮތީ ސަރުކާރުގެ އޮފިޝަލުންނާއި ޖޭޕީގެ އޮފިޝަލުންނާއި ހަވާލާދީއެވެ. އެ ހުށަހެޅުއްވުމަށް ރައީސްގެ ފަރާތުން ޖަވާބެއް ދެއްވި ކަމެއް ނުވަތަ ނޫން ކަމެއް މިއަދާއި ހަމައަކަށް އެނގިފައެއް ނެތެވެ. މީޑިއާތަކުގައި ވެސް އިތުރަށް އެ ވާހަކަތަކެއް ނުދެކެވެއެވެ.
އިއްޔެ އަކީ ޗާގޯސް އައިލެންޑްސްގެ ކަނޑުގެ ސަރަހައްދުން ރާއްޖެ އަށް އިތުރު ބައެއް ލިބޭ ގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން މައްސަލަ ނިންމި ދުވަހެވެ. އެކަމާއި ގުޅިގެން ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ ކެބިނެޓާއެކު ނޫސްވެރިންނާއި ރޭގެ ވަގުތެއްގައި ބައްދަލުކުރައްވާފައެވެ.
ދެގަޑި އިރެއްހާއިރަށް ދިގު ދެމިގެން ދިޔަ ނޫސްވެރިންގެ ބައްދަލުވުމަށްފަހު ރައީސް ސޯލިހު ނޫސްވެރިންނާއި ސަލާމް ކުރައްވަން ވަޑައިގެންނެވި ވަގުތު ގާސިމާ ނަޝީދުގެ ދައުވަތާއި ގުޅޭ ގޮތުން “ހަތާވީސް” އިން ސުވާލު ކުރީމެވެ.
“ޔެސް. ދައުވަތު ލިބިފައި އޮތީ. މި ރޯދަ މަހުގެ މެދެއްހާ ހިސާބުގައި. އަޅުގަނޑު ދެންނެވިން ހަމަ އައިއެމް ރެޑީއޭ،” ރައީސް ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގެ ބޭރުން ރޭ ރައީސް ވަނީ ނޫސްވެރިންނާއި ސިޔާސީ ބައެއް ވާހަކަތައް ވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން ރިޔާސީ ކެމްޕެއިން ވަރަށް އަވަހައް ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ.
ގާސިމާ ނަޝީދުގެ ދައުވަތެއް ރައީސަށް ލިބިވަޑައިގެންނެވިއިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށް ފަހު ރައީސް ވަނީ ސަރުކާރު ކޯލިޝަންގައި މިހާރު އޮތް ހުރިހާ ޕާޓީއަކަށް ވެސް އެމްޑީޕީއާއެކު 2023 ކާމިޔާބު ކުރުމަށް ކޯލިޝަން ހެދުމުގެ މަޝްވަރާ އަށް ދައުވަތު ދެއްވައިފައެވެ. ރައީސްގެ މަންދޫބުން ދެ ފަހަރެއްގެ މަތިން ޖޭޕީގެ ލީޑަރު ގާސިމާ ބައްދަލުވެސް ކުރެއްވިއެވެ. ނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ ފިޔަވާ އެހެން އެއްވެސް ޕާޓީއަކުން ޖަވާބެއް ނުދެއެވެ. އަދާލަތުން ވަނީ އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމައިފައެވެ. އިތުރަށް ދެން އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމީ މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް (ސަން ޓްރެވަލް ސިޔާމް)ގެ ޕާޓީ އެމްޑީއޭއެވެ.
ރިޔާސީ ޕްރައިމަރީގައި ލިބިވަޑައިގެންނެވި ނާކާމިޔާބީއާއެކު ނަޝީދު ގެންދަވަނީ “ފިކުރެއްގެ ދިރުން” އެނަމުގައި ވަކި ހަރަކާތެއް ހިންގަމުންނެވެ. އެ ހަރަކާތުގައި ނަޝީދަށް ތާއީދު ކުރައްވާ މަޖިލިސް މެންބަރުންވެސް ހިމެނިވަޑައިގަންނަވައެވެ. އަދި ނަޝީދުގެ “ފިކުރެއްގެ ދިރުމުން” ވަނީ ޖޭޕީއާއެކު ކޯލިޝަން ހެދުމަށް ވެސް ނިންމައިފައެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
© 2021-2023 Hathaavees Online | All Rights Reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ