ދެމެހެއްޓެނިވި ތަރައްޤީއާއި ވިލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތުގައި ރާއްޖެއަށް އެއްބާރުލުން ދޭނަން: އޭއައިއައިބީ

ދެމެހެއްޓެނިވި ތަރައްޤީއާއި ވިލުންތެރިކަން އިތުރުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކުގެ އެއްބާރުލުން ލިބޭނެކަމަށް އެ ބޭންކުގެ ރައީސް އަދި ބޯޑް އޮފް ޑިރެކްޓަރސްގެ ޗެއަރ ޖިން ލީޗުން ވިދާޅުވެއްޖެއެވެ.
އޭއައިއައިބީގެ ރައީސް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްގެންދަވާފައިވަނީ، އެކުވެރި ދައުލަތްތަކުގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ހަވާސާގައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އޭ.އައި.އައި.ބީ އިން ރާއްޖެއަށް ދެއްވާ އެހީއަށް ޝުކުރުއަދާކުރައްވައި، އެ އެހީތެރިކަމަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ޒަރޫރީ އެހީއެއްކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖެއިން އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ، ޤައުމީ ތަރައްޤީގެ 20 އަހަރުގެ މާސްޓަރ ޕްލޭން ފަދަ ދުރު ރާސްތާއަށް އެކަށައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމަށާއި، މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް، އޭ.އައި.އައި.ބީގެ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
އޭ.އައި.އައި.ބީގެ ރައީސް ޖިން ގެ ވާހަކަފުޅުގައި ވަނީ، ދިވެހިރާއްޖެއިން ދެމެހެއްޓެނިވި ތަރައްޤީއަށާއި ވިލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކުގައި އޭ.އައި.އައި.ބީގެ އެއްބާރުލުން ލިބެމުންދާނޭކަމުގެ ޔަޤީންކަން އަރުވާފައެވެ.
ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ލީޑަރުންވެސް ވަނީ، ވަޞީލަތްތައް ސިންދަފާތުކުރުމުގެ މުހިންމުގެ މައްޗަށް މަޝްވަރާކޮށް، ރާއްޖޭގެ މޫސުމީ އަދި ތަރައްޤީގެ ލަނޑުދަނޑިތަކާ ގުޅުންހުރި ދާއިރާތަކުގައި އެކުގައި މަސައްކަތްކުރުމަށް އެއްބަސްވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ