ޕާކިސްތާނުގައި ސްކޫލް ވޭނަކަށް ބަޑި ޖަހައި 2 ކުދިން މަރާލައިފި

ޕާކިސްތާނުގެ ޕަންޖާބު ސޫބާގެ އައްޓޯކް ޑިސްޓްރިކްޓުގައި ސްކޫލް ވޭނަކަށް ބަޑި ޖަހައި، މަދުވެގެން 2 ކުދިން މަރާލައި، އިތުރު 5 ކުދިން ޒަޚަމްކޮށްލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު އައްޓޯކްގެ ދެރީ ކޯޓް ސަރަޙައްދުގައެވެ.
އައްޓޯކް އަކީ ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސްގެ ހުޅަނގު އުތުރުގައި އޮންނަ އަދި އެ ގައުމުގެ ވެރިރަށް އިސްލާމްއާބާދު ކައިރީގައި އޮންނަ ޑިސްޓްރިކްޓެކެވެ.
ފުލުހުން ބުނާ ގޮތުގައި ނޭނގޭ ބަޔަކު ސްކޫލް ވޭނަށް ބަޑި ޖަހައި، 10 އަހަރާއި 12 އަހަރާ ދެމެދުގެ 2 ކުއްޖަކު މަރާލައިފައިވެއެވެ. ރެސްކިއު 1122 ޕަންޖާބުން ބުނާ ގޮތުގައި މި ހަމަލާ ދިން މީހުން ވަނީ ހާދިސާ ހިނގި ތަނުން ފިލައިގެން ގޮސްފައެވެ.
މި ހާދިސާގެ ޚަބަރު ލިބުމާއެކު، ރެސްކިއު ޓީމުތަކުން ވަނީ ހާދިސާ ހިނގި ސަރަޙައްދަށް ގޮސް، ޒަޚަމްވި އަދި މަރުވި ކުދިން ކައިރީގައިވާ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ.
ޕަންޖާބުގެ ވަޒީރުއަލާ މަރިޔަމް ނަވާޒް ވަނީ މި ހާދިސާއާ ގުޅިގެން ފުން ހިތާމަ ފާޅުކުރައްވައި، ރޯލްޕިންޑީގެ ކޮމިޝަނަރު އަރިހުން ވަގުތުން ރިޕޯޓެއް ހޯއްދެވުމަށް އެދިވަޑައިގެންފައެވެ. އަދި ޒަޚަމްވެފައިވާ ކުދިންނަށް އެންމެ ރަނގަޅު ފަރުވާ ދިނުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވެއެވެ.
ރައީސް އާސިފް ޒަރުދާރީ ވެސް ވަނީ މި ހާދިސާ ކުށްވެރިކުރައްވައި، މަޢުސޫމު ކުދިންނަށް އަމާޒުކޮށް ހަމަލާ ދިނުމަކީ ވަރަށް އަނިޔާވެރި އަދި ލަދުވެތި ފިނޑި ޢަމަލެއް ކަމުގައި ވިދާޅުވެފައެވެ.
ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވެސް ވަނީ މި ހާދިސާ ކުށްވެރިކުރައްވައި، މަޢުސޫމު ކުދިންނަށް ހަމަލާ ދިނުމަކީ އިންތިހާއަށް އަނިޔާވެރި އަދި ފިނޑި ޢަމަލެއް ކަމުގައި ވިދާޅުވެފައެވެ. އަދި މިކަމުގައި ޒިންމާވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވެއެވެ.
ޕަންޖާބުގެ ގަވަރުނަރު ސަލީމް ހައިދަރު ޚާން ވެސް ވަނީ ސްކޫލް ވޭނަށް އަމާޒުކޮށް ދިން ހަމަލާ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ