އަދަދު ނޫސް ޕްރެސްތަކުން މަނާކުރިތާ މަހެއް ވަނީ، އަދިވެސް ލިޔުމެއް ނުލިބޭ

ރައީސް އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް އަދަދު ނޫހުގެ އެއްވެސް ނޫސްވެރިއަކަށް ނުވަދެވޭ ގޮތަށް މަނާކުރިތާ މާދަމާއަށް މަހެއްވާއިރު، އެ ފިޔަވަޅު ލިޔުމުން އަދިވެސް ނުލިބޭ މައްސަލައިގައި މި ނޫހުގެ މެނޭޖުމަންޓުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 
އަދަދު ނޫހާ ދެކޮޅަށް ރައީސް އޮފީހުން ފިޔަވަޅު އެޅީ ރައީސް މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ނޫހުގެ މުހައްމަދު ޝަހުޒާން ކުރި ސުވާލަކާ ގުޅުވަ އެވެ. 
ޝަހުޒާން އެ ސުވާލުކުރި ހިސާބުން މުއިއްޒު ވަނީ އެއީ މި ނޫހުން ނެރުނު "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރެފައިވާ އަނގަބަންދުކުރުމުގެ އަމުރު (ގެގް އޯޑާ) އާ ހިލާފު އަމަލެއް ކަމަށް ވިދާޅުވެ، ޝަހުޒާން އެ ބައްދަލުވުމުން ބޭރުކޮށްފަ އެވެ.
އެ ރޭ 11:01 ގައި ރައީސް އޮފީހުން މީޑިއާތަކަށް ކަނޑައަޅާފައިވާ ވަޓްސްއެޕް ގްރޫޕުގައި ހިއްސާކުރި މެސެޖަކުން ވަނީ އަދަދު ނޫހަށް ނުވަދެވޭނެ ކަމަށް ބުނެފަ އެވެ.
އެ ފަހުން ރައީސް އޮފީހުން އާ ވަޓްސްއެޕް ގްރޫޕެއް އެކުލަވާލިއިރު، މި ނޫހުގެ އެއްވެސް ނޫސްވެރިޔަކު އެ ގްރޫޕުގައި ވެސް ބައިވެރިކޮށްފައި ނެތެވެ. އެކަމާ ގުޅިގެން އެ އޮފީހުގެ މީޑިއާ އޮފިޝަލުންނާ ސުވާލުކުރުމުން ޖަވާބެއް ނުދޭ ތަނުގައި މެސެޖު ލިބުނު ކަަމަށް ވެސް ނުބުނެ އެވެ. 
ރައީސް އޮފީހުން މި ފިޔަވަޅު އެޅިތާ ހަފުތާއެއް ފަހުން، މިދިޔަ މަހުގެ 18 ގައި މި ނޫހުން ވާނީ އެ ފިޔަވަޅު ލިޔުމުން ހިއްސާކޮށްދޭން އެދި ރައީސް އޮފީހަށް ސިޓީއެއް ފޮނުވާފަ އެވެ. ނަމަވެސް މިއަދާ ހަމައަށް އެ ސިޓީއަށް ޖަވާބެއް ނުލިބެ އެވެ. 
ސިޓީއަށް އެއްވެސް ޖަވާބެއް ނުލިބޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުން އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ ވަނީ، މި ނޫހާ ދެކޮޅަށް އެޅި ފިޔަވަޅުތައް ލިޔުމުން ނުލިބޭތީ މި ފިޔަވަޅާ ގުޅިގެން ދެން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމުގެ މަގު ބަންދުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
"އެޅި ފިޔަވަޅުގެ ލިޔުން ހޯދަން ސިޓީން، އަނގަބަހުން، މެސެޖުން ދެންނެވިއްޖެ. އެކަމަކު މިހާތަނަށް ވެސް އެއްވެސް ޖަވާބެއް ނުލިބޭ. މިއީ ގަސްތުގައި ނޫސްވެރިކަމަށް ހުރަސް އެޅުމަށް އަދަދުގެ މަސައްކަތަށް ހުރަސް އެޅުމަށް ކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ. 
އަދަދު ނޫހާ ދެކޮޅަށް އެޅި ފިޔަވަޅުގައި ރައީސް އޮފީހުން ބުނެފައި ވަނީ އެ "ސަސްޕެންޝަން" ދެމިގެން ދަނީ ފިޔާޒު އަދި މި ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުއާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަ ނިމުމުން ކަމަށެވެ. 
ކްރިމިނަލް ކޯޓުގައި މި މައްސަލައިގައި އަދި ނިމުނީ އިބްތިދާއީ މަރުހަލާގަ އެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ފިޔާޒާއި ހަސަން ވެސް ވަނީ އެ މީހުންގެ މައްޗަށް ތުހުމަތުކުރާ ގަޒުފު ކުރުމުގެ ކުށުގެ ދައުވާއަށް އިންކާރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ