އިރާން ޓީމަށް ހައްގުވާ މެޗު ޓިކެޓްތައް ވެސް ހަމައެއްނުޖެހުނު

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 10) - މާދަމާރޭ ފަށާ ފީފާ ވޯލްްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އިރާން ފުޓްބޯޅަ ޓީމަށް ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ލިބެންޖެހޭ ޓިކެޓް ވެސް ހަމަޖެހިފައިނުވާ ކަމަށް އިރާންގެ ފުޓްބޯޅަ ފެޑެރޭޝަން (އެފްއެފްއައިއާރްއައި) އިން ބުނެފި އެވެ. 
ފީފާ އިން އެކުލެވާލާފައިވާ ގަވާއިދުގައިވާ ގޮތުން، ފީފާ ވޯލްްޑް ކަޕަކަށް ކޮލިފައިވާ ގައުމަކުން، އެ މުބާރާތެއްގައި ކުޅޭ މެޗުތަކުން ކޮންމެ މެޗެއްގައި އެ ސްޓޭޑިއަމަކަށް ސަޕޯޓަރުން ވަދެވޭ ނިސްބަތުގެ ތެރެއިން 8 ޕަސެންޓްގެ ޓިކެޓް ހަމަޖެހިގެންދާނެ އެވެ. އެ ގޮތުން، މި ފަހަރުގެ ވޯލްޑް ކަޕްގައި އިރާނުން ކުޅޭ ކޮންމެ މެޗަކުން ވެސް ވަކި އަދަދަކަށް އިރާން ސަޕޯޓަރުންނަށް ހާއްސަ ޓިކެޓްތަކެއް ހަމަޖައްސައި، ފީފާ އިން އެ ޓިކެޓްތައް އިރާންގެ ފުޓްބޯޅައިގެ ބެލެނިވެރިފަރާތް، ފުޓްބޯޅަ ފެޑެރޭޝަންއާ ހަވާލުކުރަން ޖެހޭނެ އެވެ. 
އެހެން ނަމަވެސް، އިރާންގެ ފުރަތަމަ މެޗު ފަށަން ފަސް ދުވަހަށް ވެފައިވާއިރު، އަދިވެސް އެއްވެސް ޓިކެޓެއް ހަމަޖެހިފައިނުވާ ކަމަށް އިރާން ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ބުނެފަ އެެވެ. އަދި، އެކަން ވަނީ ފީފާގެ ސަމާލުކަމަށް ވެސް ގެނެސްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން، އިރާން ސަޕޯޓަރުންނަށް މެޗުތަކުން ޓިކެޓް ލިބެންޖެހޭ ބައި ވަނީ އުނިކޮށްފަ އެވެ. އެ އަށް ސީދާ ޖަވާބެއް ދިނުމުގެ ބަދަލުގައި، ފީފާ އިން ބުނެފައިވަނީ، އިރާންގެ ސަޕޯޓަރުންނަށް މެޗު ބަލަން ލިބޭ ފުރުސަތު އިތުރުކޮށްދޭން ފީފާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 
އިރާނުގެ އެކި  ބޭންކިން ނިޒާމުތައް މެދުވެރިކޮށް، އެމެރިކާގައި ޓިކެޓް ވިއްކާ އެއްވެސް މާޗަންޓަކުން ޓްރާންސެކްޝަނެއް ހެދޭނެ ގޮތެއް ނެތްއިރު، އަލުން ޓިކެޓް ވިއްކަން ހުޅުވާލ ނަމަވެސް އިރާން ސަޕޯޓަރުންނަށް އެ ޓިކެޓް ގަނެވޭނެ ގޮތެއް ނެތެވެ. އިރާންގެ ޖަމިއްޔާއެއް ކަމަށްވާ، ނެޝަނަލް އިރާނިއަން އެމެރިކަން ކައުންސިލް އިން ވެސް ވަނީ މި މައްސަލައިގައި ހިތްހަަމަނުޖެހުން ފާޅުކޮށްފަ އެވެ. 
ފެބްރުއަރީ މަހު، އިޒްރޭލާއި އެމެރިކާ އިން އިސްވެ، އިރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ހެދި އިރާނުން ވޯލްޑް ކަޕްގައި ނުކުޅެން ވެސް ނިންމި އެވެ. އެކަމަކު، ނިންމުން ބަދަލުކުރީ ފީފާ އިން މި ކަމުގައި ހައްލުތަކެއް ހޯދައިދޭނެ ކަމަށް އެއްބަސްވުމުންނެވެ. އެކަމަކު، ވޯލްޑް ކަޕްގައި ކުޅެން އިރާނުން ނިންމި ފަހުން އެމެރިކާ އިން އަންނަ ފިއްތުންތަކަށް ފީފާ އިން އެކަށޭނެ ހައްލެއް ހޯދައިދޭން ވަނީ ނުކުޅެދިފަ އެވެ. 
ގިނަގޮންޖެހުންތަކަކާ އެކު މި ފަަހަރުގެ ވޯލްޑް ކަޕްގައި ކުޅެން އިރާނަށް ޖެހިފައިވާއިރު، އެ ޓީމުގެ ތިން މެޗު ވެސް އޮތީ އެެމެރިކާގަ އެވެ. އެ ގޮތުން، 15 ވަނަ ދުވަހު ނިއު ޒީލެންޑާ ކުޅުމަށް ފަހު، ބެލްޖިއަމާ ކުޅޭނީ 21 ވަނަ ދުވަހު އެވެ. އަދި، ގްރޫޕްގެ ފަހު މެޗުގައި، މި މަހު 26 ވަނަ ދުވަހު މިސްރާ ކުޅޭނެ އެވެ. 
އެމެރިކާގައި ކޭމްޕް ކުރުމުގެ ފުރުސަތު އިރާނަށް ލިބިފައިނުވާއިރު، އިރާނުން މަޑުކޮށްގެން ތިބީ މެކްސިކޯގަ އެވެ. ކޮންމެ މެޗު ދުވަހެއްގައި އިރާނުން އެެމެރިކާ އަށް ދާގޮތަށް ހަމަޖެހިފައިވާއިރު، މެޗު ނިމުމާ އެކު، ވަކި ވަގުތެއްގެ ތެރޭގައި އެނބުރި މެކްސިކޯ އަށް ދާން ޖެހޭނެ ކަމަށް އިރާން ޓީމަށް އެމެރިކާގެ ރަސްމީ އިދާރާތަކުން ވަނީ އަންގައިފަ އެވެ. 
އިރާން ޓީމުގެ ބައެއް އޮފިޝަލުންނަށް އެމެރިކާ އަށް އެތެރެވުމުގެ ވިސާގެ ކަންކަން އެއްކޮށް ހަމަޖެހިފައިނުވާއިރު، މެޗުތަކުގައި އިރާނުން ހުރިހާ އޮފިޝަލުން ހަމަނުވެ، ކުޅެން ޖެހުމުގެ ފުރުސަތު އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ