ދަތުރުފަތުރުކުރުމުގެ ދަތިތަކަށް މިސަރުކާރުން ހައްލު ހޯދައިދޭނެކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު މުންތަޒިމް އިބްރާހިމް ދެއްވައިފިއެވެ.
މާލެ އަތޮޅުގެ އެންމެ ދެކުނަށް އޮންނަ ކާށިދޫއާއި ގާފަރު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ މާލެ ދަތުރުކުރުމަށް ގަދަ ކަނޑެއް ހުރަސްކުރަންޖެހުމެވެ. މާލޭން ގާފަރަށް 1 ގަޑިއިރުން ދަތުރުކުރެވޭއިރު ކާށިދޫއަށް ސްޕީޑް ލޯންޗެއްގައި ދެވެނީ އިތުރު ބައިގަޑިއިރު ގަދަ ކަނޑެއްގައި ދުއްވައިގެންނެވެ. ދޮޅު ގަޑިއިރުން ކަނޑު ހުރަސްކޮށް އެކިއެކި ބޭނުންތަކަށް މާލެ ދަތުރުކުރަން ޖެހޭ ޖެހުމަކީ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ވަނީ ވެފައެވެ.
މިކަމާ ގުޅޭ ގޮތުން، އަސްލު ޓީވީގެ "ދިވެހީންގެރާއްޖެ މެމްބަރު" ޕްރޮގުރާމްގައި ވާހަކަދައްކަވަމުން، މެމްބަރު މުންތަޒިމް ވަނީ އުފާވެރި ޚަބަރެއް ދެއްވާފައެވެ. އެއީ މިސަރުކާރުން ކާށިދޫ ފަޅުތެރޭގައި ގާއިމުކުރަން ހަމަޖެހިފައިވާ ރިސޯޓުގެ މަސައްކަތް ނިމި، ޚިދުމަތް ދޭން ފަށާއިރު، ސީޕްލޭންގެ ޚިދުމަތް ތައާރަފުކުރުމެވެ.
މިއާއެކު، ކާށިދޫއާއި ގާފަރުގެ ރައްޔިތުންނަށްވެސް ވައިމަގުން ސީޕްލޭންގައި މާލެ ދަތުރުކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.
ދިވެހީންގެރާއްޖެ މެމްބަރު ޕްރޮގްރާމްގައި ކާށިދޫ ދާއިރާގެ މެމްބަރު މުންތަޒިމް އިބްރާހިމް -- ފޮޓޯ: ލައިޒާން / އަސްލު
ތިމާވެށީގެ ގޮތުން އިޔާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބިދާނެތީ ރިސޯޓެއް ނާޅާގޮތަށް ނިންމާފައި އޮތް ކ. ކާށިދޫ ފަޅު (ކާށިދުއްފަރު) ގައި ރިސޯޓެއް އެޅުމަށް ނިންމީ މިދިޔަ ސަރުކާރުންނެވެ. ނަމަވެސް އެ ރިސޯޓުގެ މަސައްކަތް ކުރިއަކަށް ނުދިޔައެވެ.
ކާށިދޫ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީކޮށް ޓޫރިޒަމްގެ އިތުރު ފުރުސަތުތައް ހޯއްދަވައިދެއްވާނެ ކަމަށާއި އެރަށުގައި ފުޅާ ދާއިރާއެއްގައި ކުރާ ދަނޑުވެރިކަން އިތުރަށް ކުރިއަރުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.
ރިޔާސީ ކެމްޕެއިން ދަތުރުގައި ކ. އަތޮޅުގެ ފުރަތަމަ ރަށަކަށް ކާށިދުއަށް ވަަޑައިގެން ރައީސް ޑރ. މުއިއްްޒު ވިދާޅުވީ ކާށިދޫގައި އިގްތިސާދީ ގޮތުން ގިނަ މަޝްރޫތަކެއް ކުރިއަށް ގެންދެވިދާނެ ކަމަށެވެ. އެ ރަށުގައި ދަނޑުވެރިކަން މިހާރު ވެސް ގިނަ ބަޔަކު ކުރާ ކަމަށާއި އެކަން ފުޅާކޮށް އޭރުއޮތް ސަރުކާރުން ދޭ އިސްކަމަށްވުރެ މާ ބޮޑު އިސްކަމެއް ދީގެން ތަރައްގީކޮށްދެއްވާނެ ކަމަށް ވިދާޅުވިއެެވެ.
ރާއްޖޭގެ ފުޑް ސެކިއުރިޓީ ޔަގީންވާވަރަށް ދަނޑުވެރިކަމުގެ ބާވަތްތައް ގައުމުގައި އުފެއްދުމަކީ އަމާޒެއް ކަމަށްވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެރަށުގެ ފަޅުތެރޭގައި ބިން ހިއްކައިގެން ރިސޯޓެއް ތަރައްގީކުރުމަކީ ރަށަށް ވަރަށް ފައިދާވާނެ ކަމެއް ކަމަށެވެ. އެ ކަން ކޮށްދެއްވާނެ ކަމަށެވެ.
ކާށިދޫ ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުކުރުމުގެ ދައްޗަށް މެމްބަރު ތަސައްވުރުކުރަނީ ސީޕްލޭންގެ ހައްލު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ