ލުބްނާނުން ކަރަންޓު ކެނޑުމުން އަލްޖަޒާއިރުން އެހީ ވަނީ

އިންޖީނުގެތައް ހިންގަން ބޭނުންވާ ތެޔޮ ހުސްވުމާ ގުޅިގެން ލުބްނާނުން ކަރަންޓުގެ ޚިދުމަތް ކެނޑުމުން, އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮތް ކަން އަލްޖަޒާއިރުން ހާމަ ކޮށްފިއެވެ. މި ކަން އިޢުލާނު ކޮށްފައި ވަނީ އަލްޖީރިޔާގެ ދަޢުލަތުގެ ރޭޑިޔޯއިން އިއްވި ބަޔާނެއްގައެވެ. އަލްޖީރިޔާއިން ބުނީ, ލުބްނާންގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން އެ ޤައުމަށް ބޭނުންވާ ތެޔޮ ފޯރު ކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމުގައެވެ.
ލުބްނާނުގެ ރަށްތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ އަލް-ޛަހްރާނީ އިންޖީނުގެއިން ތެޔޮ ހުސްވެފައިވާ ކަމަށާއި, ކަރަންޓުގެ ޚިދުމަތް ދިނުން މެދުކަނޑައިލާފައިވާ ކަން އިޢުލާނު ކޮށްފައި ވަނީ އެ ޤައުމުގެ ދަޢުލަތުން ހިންގާ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނި (އީޑީއެލު)ންނެވެ. އެ ކުންފުނިން ބުނީ, ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ތެޔޮ މުޅިން ހުސްވެފައިވާ ކަމުގައެވެ.
"ލުބްނާންގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ގުޅައިދިނުމަށް ބޭނުންވާ ތެޔޮ ފޯރު ކޮށްދިނުމުގެ މަސައްކަތް އަޅުގަނޑުމެން ވަގުތުން ފަށައިފިން،" ލުބްނާންގެ ބޮޑުވަޒީރު ނަޖީބް މީޤާތީއަށް ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުން އަލްޖީރިޔާގެ ބޮޑުވަޒީރު ނާދިރު ލިރްބާވީ ވިދާޅުވި ކަމަށް އަލްޖަޒާއިރުގެ ދަޢުލަތުގެ ރޭޑިޔޯއިން ރިޕޯޓު ކުރިއެވެ. އަދި, އަލްޖަޒާއިރުގެ ރައީސް ޢަބްދު އަލް-މަޖީދު ތަބޫނަށް މީޤާތީ ޝުކުރު އަދާ ކުރައްވާފައިވާ ކަމުގައި ވެސް އެ ރޭޑިޔޯއިން ބުންޏެވެ.
އީޑީއެލުން ބުނީ, މި ވަގުތު މުޅި ޤައުމުން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާ ކަމުގައެވެ. ލުބްނާންގެ މައި ވައިގެ ބަނދަރު, ރަފީޤް އަލް-ޙަރީރީ ވައިގެ ބަނދަރާއި, ބެއިރޫތު ބަނދަރާއި, ޖަލުތަކާއި, ކުނި ނައްތައިލާ މަރުކަޒުތަކުގެ އިތުރުން ސާފު ބޯފެން އުފައްދާ ޕުލާންޓުތަކުން ވެސް ވަނީ ކަރަންޓު ކެނޑިފައެވެ.
ނަމަވެސް, އެއީ ލުބްނާންގެ ޢާންމު ހާލަތެވެ. 1990ގެ އަހަރުތަކުން ފެށިގެން އެ ޤައުމުގެ ޢާންމު ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް 24 ގަޑިއިރު ފޯރުކޮށް ނުދޭ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އަދި, ކަރަންޓުގެ ޚިދުމަތް ފޯރު ކޮށްދިނުމަށް އީޑީއެލަށް ބޭނުންވާ ފައިސާ ހަމަޖައްސައިދިނުމަށް ސަރުކާރުން ދެމުންދާ އެހީއާ ގުޅިގެން ބޭރުގެ ދަރަނި ވަނީ އެތަކެއް ބިލިޔަން ޑޮލަރަކަށް އުފުލިފައެވެ.
އީޑީއެލުން ބުނީ, ކަރަންޓުގެ ޚިދުމަތް އަލުން ގުޅައިދެވޭނީ އިންޖީނުގެތައް ހިންގަން ބޭނުންވާ ތެޔޮ ބޭރު ޤައުމުތަކުން ލިބެން ފެށުމުން ކަމުގައެވެ. އަދި, މި ކަމާ ގުޅޭ ގޮތުން ޢިރާޤުގެ ސަރުކާރާ މަޝްވަރާ ކުރަމުންދާ ކަމުގައި ވެސް އީޑީއެލުން ބުންޏެވެ. ލުބްނާންގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އަލްޖީރިޔާއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަން އެ ޤައުމުން ހާމަކުރި ނަމަވެސް, އެ ކަމުގެ ތަފުސީލެއް ދީފައެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ