އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނަޝީދު ނިންމަވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީން ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރެއްވުމަށް ނިންމައިފި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާ އެކަން ނަޝީދު ހާމަކުރެއްވީ މިއަދު ހަވީރު އެންމެ އަރިސް ބޭފުޅުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
ނަޝީދުގެ ކެމްޕޭން އަންނަ ހުކުރު ދުވަހުގެ ރޭ ގދ. ތިނަދޫގައި ފެށުމަށްވެސް މިހާރު ވަނީ ނިންމަވާފަ އެވެ.
ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމެވުމަށްފަހު ނަޝީދުގެ ކެމްޕޭން ޓީމުން ވަނީ ބައެއް އަރިސް ބޭފުޅުން ހިމެނޭ ވަޓްސްއަޕް ގުރޫޕެއް ވެސް ހަދާފަ އެވެ.
"އަންނި ޕްރައިމަރީ"ގެ ނަމުގައި ހަދާފައިވާ މި ގުރޫޕްގައި މިއަދު ދައްކާފައިވާ ބައެއް ވާހަކަތަކުގެ ސްކްރީން ޝޮޓްތައް މިހާރު ވަނީ ސޯޝަލްމީޑިއާގައި އާންމުވެފަ އެވެ.
އެމްޑީޕީގެ ކެމްޕޭންތަކުގައި އިސްކޮށް އުޅުއްވާ ރައީސް ނަޝީދުގެ ޅިޔަނު އަދި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ ފިރިކަލުން އަހްމަދު ޝާހިދު (ސާބެ) މި ގުރޫޕްގައި ވިދާޅުވެފައިވަނީ މގުރޫޕް ހެދީވެސް ނަޝީދަށް ވޯޓު ޔަގީންކުރުމަށް ކަމަށެވެ. އަދި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ހޮވުނު ފަހުން އެމްޑީޕީން ކަނޑާލި ކަމަށް ބުނާ 36،000 މީހުން އެމްޑީޕީގެ ދަފްތަރުގައި އަލުން ހިމެނުމަށް މަސައްކަތް ކުރުމަށްވެސް އެދިފައިވެ އެވެ.
ނަޝީދުގެ ބައެއް އަރިސް ބޭފުޅުންނަށް މިރޭ އަވަސް އިން ގުޅުމުން އެއްވެސް ބޭފުޅަކު މިކަމުގައި އަދި ވާހަކަދައްކަވާކަށް ބޭނުމެއް ނުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް ތައްޔާރުވަމުން ދިޔަ ނަމަވެސް ޕްރައިމަރީ ބާއްވާނެ ސީދާ ތާރީހް އަދި އިއުލާންކޮށްފައެއް ނުވެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފިޔަވާ އިތުރު ބޭފުޅަކު އިއުލާންކުރައްވާފައެއް ނުވެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށް ރައީސް ނަޝީދު ދެ ފަހަރެއްގެ މަތިން ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ