ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަން މަޝްވަރާކޮށްފި

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަން މަޝްވަރާކޮށްފި އެވެ.އިލެކްޝަންސް ކޮމިޝަނުން ބުނީ ފޮރިން މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭން ބޭރުގައި ވޯޓު ފޮށިތައް ބެެހެއްޓުމުގެ އިންތިޒާމުތަކާއި އެކަމާ ގުޅޭ ބައެއް ކަންކަމާމެދު މަޝްވަރާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މަޝްވަރާތަކުގެ ތަފުސީލެއް އަދި ނެތެވެ.މީގެ ކުރިން ބޭއްވި ތިން ރިޔާސީ އިންތިހާބުގައި ވެސް ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. އެއީ އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހީން ވޯޓު ލުމަށެވެ. އެ ގޮތަށް ގައުމެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމަނީ، އެ ގައުމެއްގައި ވޯޓުލުމަށް ރަޖިސްޓްރީވާ ދިވެހީންގެ ވަކި އަދަދެއް ހަމަވުމުންނެވެ.ރިޔާސީ އިންތިހާބުގެ ބަޖެޓަށް 90 މިލިއަން ރުފިޔާ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވެ އެވެ. ބަޖެޓް އަދި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައެއް ނުވެ އެވެ. ބަޖެޓް ދިރާސާކުރަން އެކުލަވާލި ކޮމިޓީން ތައްޔާރުކުރި ރިޕޯޓަށް ތަޅުމުގައި ކުރަން ޖެހޭ ބަހުސް އަދި ނުނިމެ އެވެ.ކުރިއަށަ އޮތް އިންތިހާބުގައި ގިނަ ޕާޓީތަކުން ވާދަކުރާނެ ކަމަށް ބެލެވެ އެވެ. އެގޮތުން އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް އެ ޕާޓީން ދިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ. ވެރިކަންކުރާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ހޮވުމަށް ބާއްވާ ޕްރައިމަރީ ބާއްވާނެ ތާރީހެއް އަދި އިއުލާން ނުކުރެ އެވެ.އެކަމަކު އެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރައްވާފައިވާއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ ދެވަނަ ދައުރަކަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.އޭގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ޕްރައިމަރީ އަންނަ އަަހަރުގެ ޖެނުއަރީ މަހު ބާއްވަން ނިންމިއިރު، އޭގައި ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވީ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެކަންޏެވެ.އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވެ އެވެ. ކުރީގެ ހޯމް މިިނިސްޓަރު އުމަރު ނަސީރު ވެސް ރިޔާސީ އިންތިހާބަށް އަމިއްލަ ގޮތުން ވާދަކުރައްވަން ކެމްޕޭންތަކެއް ކުރައްވާފައިވާއިރު ޖުމްހޫރީ ޕާޓީންވެސް ރިޔާސީ ކެންޑިޑޭޓަކު ނެރޭނެ ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ