ނިމާލް އައިޖީއެމްއެޗަށް ބަދަލުކޮށްފި، ހާލު އަދިވެސް ސީރިއަސް

ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދިޔަ ތަޖުރިބާކާރު ފިލްމް ޑައިރެކްޓަރު އަހުމަދު ނިމާލް، އައިޖީއެމްއެޗަށް މިއަދު ބަދަލުކޮށްފިއެވެ. ސްޓްރޯކެއް ޖެހިގެން ނިމާލް، އޭޑިކޭއަށް ގެންދިޔައީ ރޭގެ ވަގުތެއްގައެވެ. އައިޖީއެމްއެޗަށް ބަދަލުކުރަންދެން ވެސް އޭނާ އޮތީ އޭޑީކޭ އައިސީޔޫގައިކަމަށް 'ސަން'އަށް ވަނީ މައުލޫމާތު ލިބިފައެވެ. މިހާރު އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާއިރު އަދިވެސް އޭނާގެ ހާލު ސީރިއަސް ކަމަށް ނިމާލްގެ ގާތް މީހަކު ވަނީ ބުނެފައެވެ. އުމުރުން މިހާރު 62 އަހަރުގެ ނިމާލަކީ ކުޅަދާނަ ޑައިރެކްޓަރެއްގެ އިތުރުން އެކްޓަރެއް، އެޑިޓަރެއް، ލިޔުންތެރިއެއް އަދި ޕްރޮޑިއުސަރެއް ވެސް މެއެވެ. https://sun.mv/216141 އޭނާ ޑައިރެކްޓުކޮށްފައިވާ ފިލްމުތަކުގެ ތެރެއިން ޒަލްޒަލާ، ވާލޯބި އެނގޭނަމަ، ޚަލާސް ފަދަ ދިވެހީންގެ މަގުބޫލުކަން ހޯދާފައިވާ ފިލްމުތައް ހިމެނެއެވެ. ހަމައެއާއެކު ދިވެހި ފިލްމް އިންޑަސްޓްރީގައި ނިމާލަކީ ވަރަށް ވަރުގަދަ އެކްޓަރެކެވެ. ދިވެހީންގެ ތެރޭގައި ބޮޑު ތަރުހީބެއް ލިބިފައިވާ ވަރުގަދަ ފިލްމުތަކެއްގެ ލީޑް ރޯލުތަކުން އޭނާ ވަރަށް ގިނައިން ފެނިފައިވެއެވެ. އަދި އޭނާއަކީ ވަރަށް ގިނަ ފިލްމުތަކުގައި ބައްޕައެއްގެ ރޯލުގައި ބެލުންތެރިންގެ ލޯބި ހޯދާފައިވާ ފަންނާނެއް ވެސް މެއެވެ. އެގޮތުން އޭނާ އެކްޓުކޮށްފައިވާ އެންމެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކަކީ، ވީރާނާ، ނިއުމާ، މިހަށިން ފުރާނަ ދާންދެން، ނޭނގި ޔާރު ވަކިވީ ފަދަ މަގުބޫލު ފިލްމުތަކެވެ. އެންމެ ފަހުން ނިމާލް އެންމެ މަގުބޫލު ރޯލެއް ކުޅެފައި ވަނީ 2023 ވަނަ އަހަރު ރިލީޒްކުރި ލޯބިވެވިއްޖެ ފިލްމުގައެވެ. ނިމާލްގެ ހުރި ހަމައެކަނި ދަރި ކަމަށްވާ މުހައްމަދު ޖުމައްޔިލްއަކީ ވެސް ފިލްމް އިންޑަސްޓްރީގައި މަގުބޫލު އަދި ކުޅަދާނަ އެކްޓަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ