ނަވީން ރިޓަޔާކުރެއްވުމުން، ފުލުސް އިދާރާގެ ހިންގުން ވަގުތީގޮތުން ފަރުހާދަށް
ފުލުސް ކޮމިޝަނަރު އިސްމާއިލް ނަވީން، ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު އިއްޔެ ރިޓަޔާކުރެއްވުމާ ގުޅިގެން، އެ މުއައްސަސާ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ހަވާލުކުރައްވައިފިއެވެ. ނަވީން ވަނީ އިއްޔެއިން ފެށިގެން ރިޓަޔަމަންޓް ފައްޓަވައިފައެވެ. ނަވީން ރިޓަޔަކުރެއްވުމާ ގުޅިގެން އެ އިދާރާ ހިންގުމުގެ ޒިންމާ ފަރުހާދު ފިކުރީއާ ހަވާލުކުރެއްވުމަށް ނިންމެވީ މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާނެވެ. މި ނިންމެވުމާއެކު، އިއްޔެއިން ފެށިގެން ދިވެހި ފުލުހުންގެ ޚިދުމަތް ވަގުތީގޮތުން ހިންގަވާ އެންމެ އިސްވެރިއަކީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ. މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ނަވީން ސީޕީކަމާ ހަވާލުވެވަޑައިގެންނެވީ ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ކުއްލި ގޮތަކަށް، މިދިޔަ އަހަރުގެ އޭޕްރީލް 26ގައި އިސްތިއުފާ ދެއްވުމުންނެވެ. ޝުޖާއު ވެސް ވަނީ ރިޓަޔާ ކުރައްވައިފައެވެ. https://sun.mv/213673 ސީޕީ ކަމުގެ މަގާމަށް ނަވީންގެ އިތުރުން ފަރުހާދާއި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް ވެސް ކުރިމަތިލެއްވިއެވެ. ފަރުހާދަށް ފުލުހުން އިދާރާގެ ވަގުތީ ހިންގުން ދެއްވިއިރު، އަމިއްލަ ދަރިފުޅަށް ތުހުމަތުކުރެވޭ ރޭޕްގެ މައްސަލައެއްގައި ހެކި ނައްތާލި ކަމުގެ ސީރިއަސް ތުހުމަތެއް ފަރުހާދަށް ކުރެވެއެވެ. ނަމަވެސް މިކަމުގެ ހަގީގަތް އަދި ހާމައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ