ރެފެރެންޑަމުން ބަލިވީ ޕީއެންސީ ޓީމުތަކަށް މަސައްކަތް ނުކުރެވުމުން

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުން ދެކޭ ގޮތް ބަލަން ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި ނާކާމިޔާބީ ލިބުނީ، އެކަމަށްޓަކައި ކުރި ކެމްޕޭންގައި އެކަށީގެންވާ މަސައްކަތްތަކެއް ޕީއެންސީގެ ކެމްޕޭން ޓީމުތަކުން ކޮށްފައިނުވާތީ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.ލޯކަލް ކައުންސިލް އިންތިހާބުގައި އއ. އުކުޅަހާއި ތޮއްޑޫ އާއި ރަސްދޫއިން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ ރަސްދޫގައި ބޭއްވި އުފާފާޅުކުރުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ ވޯޓު ނާކާމިޔާބުވީ އެކި ސަބަބުތަކާއި ހެދި ކަމަށާއި އޭގެތެރެއިން އެއް ސަބަބަކީ ހުރިހާ ރަށެއްގައި މަސައްކަތް ކުރަމުންދިޔަ ޕީއެންސީގެ ކެމްޕޭން ޓީމުތަކަށް އެކަށީގެންވާ މަސައްކަތެއް އެކަމަށް ކުރެވިފައި ނުވުމުން ކަމަށެވެ."އެއީ އެހާ ސާފުކޮށް އޮތް މައްސަލައެއް. އަޅުގަނޑުމެންނަށް ނެތް ކިޔައިދެވިފައެއް ރައްޔިތުންނަކަށް،" ރައީސް ވިދާޅުވި އެވެ.ޕީއެންސީގެ ރައީސްކަން ވެސް ކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ޕާޓީ އިތުރަށް ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ. އަންނަ އޮކްޓޯބަރުގައި އޮންނަ ޕީއެންސީގެ ކޮންގްރެސްއަކީ އެކަމަށް އެޅޭ އެންމެ ވަރުގަދަ ފިޔަވަޅު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެހެންކަމުން، އެ ކޮންގްރެސްއަށް ތައްޔާރުވުމަށް މިއަދުން ފެށިގެން މަސައްކަތް ފެށުމަށް ރައީސް އެދިވަޑައިގަތެވެ.ނިމިދިޔަ އިންތިހާބުން ލިބުނު ފިލާވަޅުތައް ދެނެގަނެ، ދިމާވި މައްސަލަތައް ގަބޫލުކޮށް، އެކަންކަން ރަނގަޅުކުރުމުގެ ހިތްވަރު ހުންނަންޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ހަގީގަތް ގަބޫލުނުކޮށް، މުޅި އިންތިހާބުން މޮޅުވި ކަމަށް ހިތައި ލޯމަރާލައިގެން ނުހުންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ."ވަރަށް މޮޅެތި، ވަރަށް ބޮޑެތި މޮޅުތައް ލިބިއްޖެ މި ދާއިރާތަކުން އަދި މިކަހަލަ ބައެއް ދާއިރާތަކުން. އެހެން ނަމަވެސް، ވަރަށް ބޮޑެތި ނާކާމިޔާބީ ވެސް ވެއްޖެ. އެހެންވީމާ ކާމިޔާބީ އާއި ނާކާމިޔާބީ ހިމެނޭ މި އިންތިހާބު އަޅުގަނޑު ފުރިހަމައަށް ބަލައިގަންނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.ރިފަރެންޑަމްގައި 68 ޕަސެންޓަށް ވުރެ ގިނަ މީހުން ވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް ވޯޓު ދީފަ އެވެ. އެއީ 148،859 ވޯޓެވެ. އެ ބަދަލު ގެންނަން ފެންނަ ކަމަށް ވޯޓު ދީފައިވަނީ 67،680 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ