އިނގިރޭސި ޓީމުތަކަށް ފިކުރު ބޮޑު ރެއެއް

ތުރުކީގެ ޗެމްޕިއަން ގަލަތަސަރޭ އަތުން ލިވަޕޫލް ބަލިވީ އެވެ. އެތުލެޓިކޯ މެޑްރިޑްގެ އަތްދަށުން ޓޮޓެންހަމް ހޮޓްސްޕާއަށް ނެރެވުނީ ލަދުވެތި ނަތީޖާއެކެވެ. އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑް ނިންމާލީ ބާސެލޯނާއާ އެއްވަރުވެގެންނެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި އެއް ގައުމަކުން އެންމެ ގިނަ ޓީމު ވާދަކުރަނީ އިންގްލެންޑުންނެވެ. ޖުމްލަ 16 ޓީމު ހިމެނޭ މި ބުރުގައި ހަ ޓީމު ނިސްބަތްވަނީ ޕްރިމިއަ ލީގަށެވެ.
މިރޭގެ މެޗުތަކުގައި ވާދަކުރަނީ ޗެލްސީ އާއި މެންޗެސްޓަ ސިޓީ އަދި އާސެނަލް އެވެ.
ގަލަތަސަރޭގެ ދަނޑުގައި ކުޅުނު މެޗުގައި ލިވަޕޫލް 1-0 އިން ބަލިވީ މެޗުގެ ކުރީކޮޅު މާރިއޯ ލެމިނާ ޖެހި ހަމައެކަނި ލަނޑުންނެވެ.
ދެވަނަ ލެގު އޮންނާނީ އަންނަ ބުދަދުވަހުގެ ރޭ ދަންވަރު އެކެއް ޖަހާއިރު ލިވަޕޫލްގެ ދަނޑުގަ އެވެ.
އަމިއްލަ ދަނޑުގައި ނިއުކާސަލްއިން ބާސެލޯނާއާ ދެކޮޅަށް ވަރަށް ހިތްވަރުކުރި އެވެ. މެޗުގެ ފަހު މިނިޓްގައި ލިބުނު ޕެނެލްޓީ ލަމީން ޔަމާލްއަށް ވައްދާނުލެވުނު ނަމަ ނިއުކާސަލްއަށް 1-0އިން މޮޅުވެވުނީހެވެ. ނަމަވެސް 86 ވަނަ މިނިޓްގައި ނިއުކާސަލް ޖެހި ލަނޑަށް ބާސެލޯނާގެ ޒުވާން ތަރި ރައްދުދިނީ، އެ ހުރިހާ ސަޕޯޓަރުންގެ އިދިކޮޅު ހަޅޭއްކުގެ ތެރޭގައި ހަމަޖެހިލައިގެން ހުރެ އެވެ.
ރޭ އެންމެ ދަށް ނަތީޖާއަކާ ކުރިމަތިލާން ޖެހުނީ ޕްރިމިއަ ލީގުގައި ވެސް މައްސަލަގަނޑެއްގެ ތެރޭގައި އޮތް ޓޮޓެންހަމްއަށެވެ. އެތުލެޓިކޯ މެޑްރިޑްގެ ދަނޑުގައި ބަލިވީ 5-2 އިންނެވެ. މިއީ ދެވަނަ ލެގުގައި އަނބުރާލުން އުނދަގޫ ނަތީޖާއަކަށް ވާނެ އެވެ.
އިނގިރޭސި އަނެއް ތިން ޓީމުގެ ވާދަކުރުން އޮންނާނީ މިރެ އެވެ. ރަށުން ބޭރުގައި އާސެނަލް ކުޅޭނީ ޖަރުމަނުގެ ބަޔާ ލެވަކޫސަންއާ ދެކޮޅަށެވެ. މިރޭ ދަންވަރު ސިޓީ ނުކުންނާނީ ރެއާލް މެޑްރިޑާ ދެކޮޅަށް ރެއާލްގެ ދަނޑަށެވެ. އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީގެ ދަނޑުގައި ޗެލްސީ ކުޅޭނީ ވެސް މިރޭ ދަންވަރު އެވެ.
ރޭގެ މެޗުތަކުގައި އެންމެ ތަފާތު ބޮޑުކޮށް މޮޅުވީ ބަޔާން މިޔުނިކެވެ. ރަށުން ބޭރުގައި އިޓަލީގެ އެޓަލަންޓާ ބަލިކުރީ 6-1އިންނެވެ. މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި އިޓަލީ ތަމްސީލްކުރާ ހަމައެކަނި ޓީމަށް ކްއާޓާ ފައިނަލުން ޖާގަ ހޯދަން މި އޮތީ ވަރަށް ބޮޑު ހަނގުރާމައެއް ކުރަން ޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ